ވިސާގެ މައްސަލައެއްގައި އޮސްޓްރޭލިއާއިން ޑީޕޯޓް ކޮށްލަން ކަނޑައެޅި ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާއާ ގުޅޭ އެންމެ ފަހުގެ އަޑު އެހުން އަންނަ އޮގަސްޓް މަހު ފަހުކޮޅު ބޭއްވާނެ އެވެ.
ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ.
އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން ސިއްހީ ބޮޑެތި މައްސަލަތަކަށް ހުންނަ މީހުންނަށް އޮސްޓްރޭލިއާ ވިސާ ނުދީ ހިފެހެއްޓެ އެވެ. ކައިބާންގެ ބަލީގެ ސަބަބުން ކޮންމެ ހަފުތާއަކު ވެސް ވަކި ފަރުވާތަކެއް ކުރަން ޖެހެ އެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ކައިބާންގެ ފަރުވާ ދެވޭނެ ވަސީލަތްތަކެއް ނެތުމުން އޮސްޓްރޭލިއާ ވިސާ ހަމަނުޖެހި އޮސްޓްރޭލިއަން ޑިޕޯޓްކޮށްފިނަމަ ކައިބާންގެ ފުރާނައަށް ނުރައްކާ ވާނެ އެވެ.
ކައިބާން ގެ މަންމަ، އައިޝަތު ޝިޒްލީން ބުނި ގޮތުގައި ވޭތުވެ ދިޔަ ތިން އަހަރުވެސް ކައިބާންގެ ފަރުވާއަށް ހޭދަ ކޮށްފައި ވަނީ އާއިލާއިން އަމިއްލައަށެވެ. ކައިބާންގެ ބޭސްފަރުވާގެ މާލީ ކަންކަން އެ އާއިލާ ނުބެލެހެއްޓޭނެ ކަމަށް ބުނެ އޮސްޓްރޭލިއާ ސަރުކާރުން ކައިބާން ޑީޕޯޓްކޮށްލުމަށް ނިންމުމަކީ އެއްވެސް އަސާސެއް ނެތް ކަމެކެވެ.
"އަހަރެން ދަންނަ މީހުންގެ ތެރެއިން އެންމެ ބޮޑު ލީގަލް ބެޓަލެއްގައި އުޅެނީ ކައިބާން. އަހަރެން ބޭނުން ކައިބާން އަށް ފައިޓިން ޗާންސެއް ދޭން."
ކައިބާން އަށް ސަޕޯޓް ކުރުމުގެ ގޮތުން އަންނަ އޮގަސްޓް މަހު 10 ގައި އޮސްޓްރޭލިއާގައި ހާއްސަ ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަައެވެ.