މަރިޔަން ވަހީދާ ގުޅޭ ގޮތުން ގިނަ ބައެއްގެ ހަނދާނަކަށްވާނީ "ރެހެންދި" ނަމުގައި އޭނާ ހުށަހަޅައިދިން އަންހެނުންގެ ޕްރޮގްރާމާއި އެ ޕްރޮގްރާމްގައިި އޭނާ އިންނަ އުނދޯއްޔާއި ލައިގެ އިންނަ ލިބާހައި ހުންނަ ގޮތެވެ. އަދި އެ ޕްރޮގްރާމުގެ ސަބަބުން "ރެހެންދި" އެ ނަމުގައި މަރިޔަމް ވަހީދާ ވަރަށް ބޮޑަށް މަޝްހޫރުވި ގޮތެވެ. އަދި ރާއްޖޭގައި މިހާރު ބޮޑު "އާފާތަކަށް" ވެފައިވާ ބިދޭސީންގެ މައްސަލަ އާއި ދިރިއުޅުމާއި މަސައްކަތުގެ އަހުލާގައި ވަޒީފާ އަދާ ކުރުމާއި އެހެނިހެން ވެސް އިޖުތިމާއީ ގިނަ މައްސަލަތަކަށް "ހަވީރު" ނޫހުގައި "ހ. ދުނި، މަރިޔަމް ވަހީދާ" ގެ ބައިލައިންގައި އޭނާ ލިޔުއްވި މަޒުމޫނުތަކާއެކު "ދުނި މަރިޔަން ވަހީދާ" ގެ ގޮތުގައި އޭނާ މަޝްހުރު ވެގެން ދިޔަ ގޮތެވެ. އެކަމަކު މަރިޔަމް ވަހީދާގެ އޭނާގެ އެންމެ ދުރު ހަދާނަކަށް ކަންފަތުގައި ހަރުލާފައިވަނީ މި ވާހަކަ އެވެ: "ސިލޯނަށް ފުރަން ވެގެން ބައްޕައާ ސަލާމް ކުރަން ދިޔައީމަ ބައްޕަ ވިދާޅުވީ، ދަރިފުޅާއޭ ކިޔަވައިގެން ގައުމަށް ހިދުމަތް ކުރާށޭ!"
އުމުރުން މިހާރު 68 އަހަރު ވެފައިވާ "ދުނި މަރިޔަމް ވަހީދާ" ނުވަތަ "ރެހެންދި" ގައުމަށް ހިދުމަތް ކޮށްދެއްވި އެވެ. އޭނާއަކީ ގިނަ ހިދުމަތްތަކެއް ދިވެހި ގައުމަށާއި ދައުލަތަށް ކޮށްދެއްވި ބޭފުޅެކެވެ. އޭނާގެ އުމުރުގެ ބޮޑުބައި ހޭދަ ކުރެއްވީ ގައުމަށް ހިދުމަތް ކުރެއްވުމުގަ އެވެ.
ދިވެހި ސަރުކާރުގެ މުހިންމު މަގާމްތަކެއް ވެސް ފުރުއްވެވި މަރިޔަމް ވަހީދާ ވިދާޅުވި ގޮތުގައި އޭނާގެ އުމުރުން ނުވަ އަހަރުގައި އާއިލާއާ ވަކިން ސްރީލަންކާއަށް ކިޔަވަންދާން ޖެހިވަޑައިގަތެވެ. އެ ގައުމުގެ ބޯޑިން ސްކޫލެއްގައި ކިޔަވާ ވިދާޅުވަނިކޮށް ބައްޕަ އަވަހާރަވެއްޖެ އެވެ.
"އަޅުގަނޑުގެ ބައްޕަ ނިޔާވި ހަބަރު ލިބިފައި [ބޮޑު ވަޒީރު] އިބްރާހިމް ނާސިރު ސިލޯނަށް ވަޑައިގެން އަޅުގަނޑު ހިތްހަމަ ޖައްސައިދޭން އަޅުގަނޑާއި ދެންތިބި ކުދިން ގޮވައިގެން ބޭނުން ތަނަކަށް ގެންގޮސްދިން. އެއީ ވަރަށް ހަދާން ނައްތާލަން ދަތި ދުވަހެއް."
އެހެން ނަމަވެސް މަރިޔަމް ވަހީދާގެ އެންމެ މުހިމު ކަމަކަށްވެފައި އޮތީ ބޯޑިން ސްކޫލްގައި ހޭދަކުރި ދުވަސްތަކުގައި ލިބި ވަޑައިގެންނެވި ތައުލީމީ ފލާވަޅުތަކުގެ އިތުރުން ތަރުބިއްޔަތާއި ރީތި އަހުލާގު ދިވެހި ގައުމާ ހަމައަށް ދިވެހި ދަރީންނާ ހަމައަށް ގެންގޮސް ދިނުމެވެ.
"އާއިލާއާ ދުރުގަ އުޅެން ޖެހުނަސް ބޯޑިން ސްކޫލްގެ ލައިފުން ވަރަށް ގިނަ ކަންކަމާއި ފިލާވަޅުތަކާއި އިބްރަތްތަކެއް ހާސިލްވި. ގަޑިއަށް ފަރުވާތެރިވެ ރަނގަޅު އަހުލާގު ގައި ރީތި ގޮތް ހުރި ދިރިއުޅެން ދަސްވި، އެ ގޮތް ދިވެހި އާބާދީއަށް ޓްރާންސްފާ ކުރަން އަޅުގަނޑަށް މަސައްކަތްތަކެއް ކޮށްދެވުނު،" މަރިޔަމް ވިދާޅުވި އެވެ.
މަރިޔަމް ގާތްގަނޑަކަށް 14 އަހަރު ސިލޯނުގެ ބޯޑިން ސްކޫލުގައި ހޭދަ ކުރެއްވި އެވެ. އޭގެ ފަހަށް މާލެ ވަޑައިގަތީ ބައްޕަގެ ހުވަފެން ހަގީގަތަކަށް ހަދައިދީ ގައުމަށް ހިދުމަތް ކުރާން ނިޔަތް ގަނެގެނެވެ.
މަރިޔަމްގެ އެންމެ ފުރަތަމަ ގައުމީ ވަޒީފާއަކީ އަމީނިއްޔާ ސްކޫލްގެ ޓްރެއިނިން ޓީޗަރެއްގެ ދައުރެވެ. އެއީ ދެ އަހަރު ދުވަހުގެ ދައުރެކެވެ. ބައިވަރު ތަޖުރިބާތައް އޭގެ ތެރެއިން ލިބި ވަޑައިގެންނެވި އެވެ. އޭގެ ފަހަށް އަމީނިއްޔާގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހަތް އަހަރު ހޭދަ ކުރެއްވި އެވެ. އެހާ ހިސާބުން ސަރުކާރުން އެހެން އޮފީހަކަށް މަރިޔަމް ބަދަލު ކުރެއްވީ އެވެ.
ފުރަތަަމަ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމަށެވެ. އެއަށް ފަހު ޕްލޭނިން މިނިސްޓްރީއާ ޑިޕާޓްމެންޓް އޮފް ނޭޝަނަލަ ރެޖިސްޓްރޭޝަނަށެވެ. -- މަރިޔަމް އަކީ ހޯމް މިނިސްޓްރީގެ އެންމެ ފުރަތަމަ ޕާމެނެޓް ސެކްޓްރީ އެވެ. އަދި އެނާ ވަނީ ނޭޝަނަލް ރަޖިސްޓްރޭޝަންގެ ވެރިޔާގެ މަގާމު ފުރުއްވާފަ އެވެ. ރާއްޖޭގެ ގާލް ގައިޑަށް ގިނަ ހިދުމަތްތަކެއް ކުރެއްވި މަރިޔަމްގެ އެނޫން ހިދުމަތައް ވެސް ހުއްޓެވެ. ހަވީރުގައި އޭނާ ލިޔުއްވެވި މަޒުމޫނުތަކާއި ޓީވީއެމްގައި ކުރެއްވި މަސައްކަތްތަކަކީ އޭގެ އެއް ބައެވެ.
"ލިޔުންތެރިކަމަށް ޝައުގުވެރިވީ ޕްލޭނިން މިނިސްޓްރީގައި އުޅުނު އިރު ބޭއްވި ވޯކްޝޮޕެއްގަައި ބައިވެރިވެގެން. ކުޑައިރުއް ސުރެ ވަރަށް ލިޔާ ހިތްވޭ. މިހާރުވެސް މިހެން އިންނަ އިރު ވަރަށް ގިނައިން ލިޔެވޭ." 15 އަހަރު ވަންދެން ހަވީރު ނޫހަށް ހިލޭ ސާބަަހަށް ލިޔެ ދެއްވި މަރިޔަމް ވިދާޅުވި އެވެ.
މުޖުތަމައުގެ ކަންކަން ގޯހުން ގޯހަށް ބަދަލުވުމާއި މީހުނަށް ދެރަ ގޮތް ގޮތް މެދުވެރިވުން އޭނާ އިހުސާސް ކުރައްވަނީ ނަފްސަށް ލިބޭ ދެރައެއް ގޮތުގައެވެ. އެ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރުވެސް މަރިޔަމް ވަނީ މުޖުތަމައުގައި ދިމާވާ ކަންތައްތަކާ ބެހޭގޮތުން އޭނާ ދެކެ ވަޑައިގަންނަވާ ގޮތް ލިޔުއްވަ އެވެ. އެފަދަ ކަންކަން މީހުންގެ ސަމާލުކަމަށް ގެނައުމަށް ހާހަކަށްވުރެ ގިނަ ޅެން ވެސް އޭނާ ހައްދަވާފައި ވެއެވެ.
ގާލް ގައިޑް އެސޯސިއޭޝަނާ މަރިޔަމް ހަވާލުވެ ވަޑައިގެންނެވި އެވެ. އެ އެސޯސިއޭޝަން އިން އިން މިހާރު ފެންނަ ބަދަލުތަކަކީ މަރިޔަމް އާއި އޭނާގެ ޓީމުން ކުރި މަސައްކަތުގެ ނަތީޖާ އެވެ. ގާލް ގައިޑުގެ ލޯގޯ އާއި ބެޖް އުފެދުނީ އެ ދައުރުގެ ތެރޭގަ އެވެ.
"ގާލް ގައިޑާ ހަވާލުވިއިރު މާލޭގައި އޭރު ތިބީ ލީޑަރުންނާއެކު އެންމެ 300 ވަރަކަށް ކުދިން. އެސޯސިއޭޝަންގައި އޭރު ހިންގަމުން އައީ ސިލޯން ޕްރޮގްރާމެއްގެ ދަށުން."
ރައީސް އޮފީހުގެ ސެކްރެޓަރީގެ މަގާމުވެސް ފުރުއްވެވި މަރިޔަމް އެ ވަޒީފާ ދޫކޮށްލެއްވީ އޭނާގެ ކުދީންނަށް އޭރު ވަގުތު ދެއްވުމަށެވެ. މަރިޔަމްގެ ކައިވެނީގެ ސަފުހާ ނިމިގެން ދިޔައިރު ކުދީން ތިއްބެވެ. އެހެންވެ އޭރު ރައީސް އޮފީހުގެ ވަޒީފާއަށްވުރެ މުހިންމުވީ ކުދީންނެވެ.
"އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ ދަރިން. ރައީސް އޮފީހުގެ ވަޒީފާ ދޫކޮށްލެއްވީ ވެސް ދަރިންނަށް ވަގުތު ނުދެވޭތީ."
ޓީވީއެމްއިން ގެނެސްދިން "ރެހެންދި" ގެ 100 ޕްރޮގްރާމް އޭނާ އުފެއްދި އެވެ. އަދި އޭގެ އިތުރަށް ސިއްހަތާ ބެހޭ ގޮތުން "ފަރުވާ"ގެ ނަމުގައި ރޭޑިއޯ މެދުވެރިކޮށް ވެސް ޕްރޮގްރާމެއް ގެނެސް ދެއްވި އެވެ. އަދި އޭގެ ފަހުން ހުސެއިން ޝިހާބު ލިޔުއްވެވި ވާހަކަ އެއްގެ މައްޗަށް ބިނާކޮށް ހެދި ދިވެހި ފިލްމް "ހަދިޔާ" ގެ ރޯލަކުން ވެސް ފެނިވަޑައިގަތެވެ. އަދި ފަހުން ޓެޑްރީ ޑައިރެކްޓް ކުރި "ދެރިޔާ" އިން ވެސް ފުރުސަތު ލިބިވަޑައިގެންނެވި އެވެ.
"ހުސެއިން ޝިހާބު އޭރު އުޅުއްވާނީ އަޅުގަނޑުމެންގެ އޮފީހުގައި. ދެން އޭނާ ވާހަކަ އެއް ލިޔުއްވާފައި ވިދާޅުވީ އެ ފިލްމުގެ ބަތަލާއަކަށް ބޭނުންވަނީ އަޅުގަނޑޭ. އެހެންވެ އެކަން އެގޮތަށް ހިނގީ،"
ވަޒީފާ އިން ރިޓަޔާ ކުރެއްވުމަށްފަހު މިހާރު މަރިޔަމް އާންމުކޮށް ފެންނަނީ ދުވުމުގެ ހަރަކާތަކާއި ބައެއް އިވެންޓްތަކުންނެވެ.
"ގިނައިން މުސްކުޅި އުމުރުގެ މީހުން ތިބެނީ ގެއިން ނުނިކުމެ ނޫންތޯ؟ އަޅުގަނޑުމެން ބޭނުންވަނީ މަހަކު އެއްފަހަރު ނަމަވެސް އެންމެން އެކުގައި ވަގުުތު ހޭދަކުރަން،" މަރިޔަމް ވިދާޅުވި އެވެ.
ބައްޕަަގެ ހަނދާނުގައި މެރެތަން އެއްގައި ބައިވެރިވުމަށް މަރިޔަމް އަބަދުވެސް ހިތުގައި އޮވެއެވެ. އެ ހުވަން ހަގީގަތަކަށްވީ މިދިއަ އޭޕްރީލް މަހު ޓީއެފްޖީ އިން ބޭއްވި "ޓީއެފްޖީ ލޯންގް ރަން" ގައި ބައިވެރިވެގެނެވެ. އެ މެރެތަން އަކީ ބުރަ މަސައްކަތުން ކާމިޔާބީއަށް ވާސިލްވުމުގެ ނަތީޖާ އެވެ. އެ މެރެތަން މަރިޔަމް ނިންމީ ހިތްވަރާ ބުރަ މަސައްކަތުންނެވެ.
"އަޅުގަނޑު މެރެތަންގައި ދުވަނިކޮށް ވަކި ހިސާބަކުން އަކުނި ވަޔަށް ދަމަން ފެށީ. ނަމަވެސް މެރެތަން ނިންމާލަން ބޭނުންވި. އެހެންވެ ބޫޓު ބޭލުމަށްފަހު ދެން ދުވީ އިސްޓާކީނުގައި އެވެ. ނިންމާލި ހިސާބުން ފަސްޓްލޭޑީ ފަޒުނާ ބައްދާލެއްވުމުން ރޮވުނު. އިހުސާސްތައް ބަންޑުންވި،" މިހާރުގެ ފަސްޓްލޭޑީގެ ޓީޗަރެއްގެ ގޮތުގައި ކިޔައި ދެއްވަން އުޅުއްވި މަރިޔަމް ވިދާޅުވި އެވެ.
ގައުމަށް ގިނަ ހިދުމަތް ތަކެއް ކުރައްވާފައިވާ މަރިޔަމްގެ އަގު ވަޒަން ކުރަން ސަރުކާރުން ދެ އެވޯޑެއް ވެސް ދެއްވާފައިވެއެވެ. ލިޔުންތެރިކަމަށް 50 އަހަރު ވީއިރު ރިހި ގަލަމާއި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމްވެސް ލިބިވަޑައިގަތެވެ. އޭނާގެ ހިދުމަތް އަގު ވަޒަން ކޮށް މި އަހަރު ވިމެން އިން މެނޭޖްމެންޓު މޯލްޑިވްސް (ވިމް) އިން އަންހެނުން ބާރުވެރިކުރަން ދޭ އެވޯޑުގެ "ވިމެން އޮފް ދަ އިއާ" ވެސް ލިބިވަޑައިގަތެވެ. ލިބި ވަޑައި ނުގަންވަނީ "ރެހެންދި" އެވޯޑެވެ. އެކަމަކު ރެހެންދިއަކީ މިއީ އެވެ.