ކުޅިވަރު

ބެޑްމިންޓަން ސިންގަލްސް: ނަބީހާ ރަން މެޑަލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ސިންގަލްސް ފައިނަލުގައި ޝީޝެލްސްގެ ކެމިލޭ އެލިސަން، ސީދާ ދެ ސެޓުން ބަލިކޮށް ރާއްޖޭގެ އާމިނަތު ނަބީހާ އަބްދުރައްޒާގް ރަން މެޑަލް ހޯދައިފި އެވެ.

ފުރަތަމަ ސެޓް ވަރަށް ވާދަވެރިކޮށް ގޮސް ނަބީހާ މެޗު ކާމިޔާބު ކުރީ، 21-14 އިންނެވެ. ސެޓްގެ ފުރަތަމަ ޕޮއިންޓް ނަބީހާ ހޯދި ނަމަވެސް، ނުވަ ވަނަ ޕޮއިންޓާ ހަމަޔަށް ކެމިލޭ އަލްސަން ލީޑް ކުރަމުން ދިޔައީ ދެ ޕޮއިންޓްގެ ފަރަގަކާއެކު އެވެ. ނުވަ ވަނަ ޕޮއިންޓާއި ހަމައިން އޭނާ މަޑު ޖެހި، ނަބީހާ ފަހަތުން އަރައި އެއްވަރުކޮށް ސެޓް ނިމެންދެން ލީޑްގައި ހިފެހެއްޓި އެވެ.

ދެ ވަނަ ސެޓްގައި ނަބީހާ ބޮޑުތަނުން ލީޑްގައި ހިފެހެއްޓި އެވެ. ދެ ވަނަ ސެޓް އޭނާ ކާމިޔާބު ކުރީ 10 ޕޮއިންޓްގެ ބޮޑު ލީޑަކުން 20-10 އަކުންނެވެ.

މިއީ، މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ހޯދި ތިން ވަނަ ރަން މެޑަލް އެވެ. އަނެއް ދެ ރަން މެޑަލް ހާސިލު ކުރީ ޓީޓީގެ އަންހެން ކުޅުންތެރިންނެވެ. އެއީ ޓީމު އިވެންޓުން އަދި ޑަބަލްސް ކެޓަގަރީން އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ، ރާއްޖޭގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއިނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލް ބަލިކޮށް ހޯދި ރަން މެޑަލް އެވެ.

ރާއްޖެއިން މިހާރު ވަނީ 13 މެޑަލް ހާސިލުކޮށްފަ އެވެ. އޭގެ ތެރެއިން ފަސް މެޑަލް ހާސިލު ކުރީ ބެޑްމިންޓަންއިން ނެވެ. އަންހެން ޑަބަލްސް ފައިނަލު މެޗު އަދި އޮތީ އެ މެޗުގައި ވާދަ ކުރާނީ ނަބީހާ އާއި އޭނާގެ އެއްމާބަނޑު ދައްތަ ފާތިމަތު ނަބީހާ އަބްދު ރައްޒާގް އާ ދެކުޅުންތެރިންގެ ޕެއާ އެވެ.

އެ ޕެއާ އާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ މޮރިޝަސްގެ އެއް ވަނަ ޕެއާ އެވެ. އެ މެޗު ކުޑައިރު ކޮޅެއްގެ ތެރޭގައި ފެށިގެން ދާނެ އެވެ.