މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ކުޅިވަރުތައް މިރޭ ގަލޮޅު ދަނޑުގައި ބާއްވައިފި އެވެ.
މި ރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒުނާ އަހްމަދެވެ. ރައީސްގެ ދެކަނބަލުންނާއެކު ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ ބައެއް އިސްވެރިންނާއި މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސުކޫލުތަކުންނާއި ސިފައިގެން ފަރާތުން ތަފާތު ކުޅިވަރުތައް މިރޭ ހުށަހަޅާދީފައިވެ އެވެ. މި ރަސްމިއްޔާތުގައި ސުކޫލުތަކުގެ ފަރާތުން ތަފާތު އެކި ތީމް ތަކަށް ލަވަތައް ހުށަހަޅާދީފައިވެ އެވެ. ގިނަ އައިޓަމްތައް ހުށަހަޅާދީފައިވަނީ ވެސް ސުކޫލުތަކުންނެވެ.
މިރޭގެ ހަރަކާތްތައް ބެލުމަށްޓަކައި ގިނަ އަދަދެއްގެ އާންމުންވެސް ގަލޮޅު ދަނޑަށް ގޮސްފައިވެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ސިފައިންގެ ތަފާތު ހުނަރުތައް ދައްކައިލާ މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު އޮންނާނެ އެވެ.
މެދުކެނޑުމަކަށްފަހު އާންމުކޮށް ބާއްވަމުން އަންނަ ފުޅަނދުބުރު މާދަމާ ރޭ އޮންނާނެ އެވެ. މިފަހަރުގެ ފުޅަނދުބުރުގައި ޖަޒީރާވަންތައް ގޮތްތައް އެކުލެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް ސޯލިހާއި ފަސްޓްލޭޑީ ފަޒުނާ އަހުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ރޭ ވަނީ ދަރުބާރުގޭގައި ބާއްވަވާފަ އެވެ.