ދަނޑުވެރިކަން

ދަނޑުވެރިކަމަށް ދޫކުރި ރަށްރަށުގެ އާމްދަނީ ދަށަށް

Jul 27, 2019
1

ދަނޑުވެރިކަން ކުރަން ދިގު މުއްދަތަށް ދޫކޮށްފައިވާ ރަށްރަށުން މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދަނޑުވެރިކަން ކުރަން ދިގު މުއްދަތަށް ދޫކޮށްފައިވާ ރަށްރަށުން މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 7.3 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އަށް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބިފައިވެ އެވެ.

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުން މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ދަށްވި ނަމަވެސް މޭމަހު އެ ދާއިރާއިން ލިބުނު އާމްދަނީ ވަނީ ބޮޑުތަން އިތުރުވެފަ އެވެ. މޭ މަހު 1.2 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މޭ މަހު ލިބިފައިވަނީ 499,922 ރުފިޔާ އެވެ.

އެގްރިކަލްޗަރު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު މަސްވެރިކަމާއި ދަނޑުވެރި ކަމަށް 77 ރަށެއް ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން 50 ރަށަކީ ހަމައެކަނި ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށް ރަށެވެ. އަދި 15 ރަށެއް ހަމައެކަނި މަސްވެރިކަމަށް ދޫކޮށްފައިވާއިރު އިތުރުން އަށް ރަށެއް މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވެ އެވެ. އަދި ތިން ރަށެއް ދިރާސާ ކުރަން ދީފައިވާއިރު މުތް އަލާކުރަން ރަށެއް ދޫކޮށްފައި ވެއެވެ.