ކުޅިވަރު

2023 ގެ ގޭމްސްގެ ބިޑް ރާއްޖޭއިން ކާމިޔާބު ކޮށްފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 23 ގެ ކުޅިވަރު މުބާރާތް ރާއްޖޭގައި ބާއްވަން، އައިއޯއައިޖީގެ ކައުންސިލުން މިއަދު ވޯޓް ދީފި އެވެ.

މިއަހަރުގެ ގޭމްސް ބާއްވާ، މޮރިޝަސްގައި މިއަދު ހެދުނު ބޭއްވި، އައިއޯއައިޖީގެ ކައުންސިލު ބައްދަލު ވުމުގައި، ރާއްޖެއަށް ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތު ދޭން ނިންމީ، އެ ގޭމްސްއަށް ކޮމޮރޯސް އާއި މަޑަގަސްކަރައިން ވެސް ބިޑް ހުށަހަޅާފައި ވަނިކޮށެވެ.

ރާއްޖެއަށް ހަތަރު ވޯޓް ލިބުނު އިރު ކޮމޮރޯސް އާއި މަޑަގަސް ކޮންމެ ގައުމަކަށް ލިބުނީ އެއް ވޯޓެވެ.

މިއީ ބައިނަލްއަގްވާމީ މަލްޓީ ސްޕޯޓްސް މުބާރާތެއް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބޭ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ގޭމްސް ބާއްވަން މަސައްކަތްތައް ކުރިއަށް ގެންދާނީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރު މަޝްރޫގެ ތެރެއިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން ވަނީ ވިދާޅުވެފަ އެވެ.

"ސީދާ އެ މުބާރާތަށް އަމާޒުކޮށްގެން ބޮޑެތި ހަރަދު ތަކެއް ކުރާކަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައިި ވާހަކަފުޅު ދައްކަވުމުން ރައީސް ވިދާޅުވެފައި ވެއެވެ. "އަޅުގަނޑުގެ ވިސްނުން ހުރީ ރާއްޖޭގެ ގައުމީ ތަރައްގީގެ މަޝްރޫތަކާ ގުޅުވައިގެން އެ މުބާރާތް ރާއްޖޭގައި ބޭއްވުން."

އެމަނިކުފާން ވިދާޅުވީ، ސަރުކާރުގެ ވައުދުތައް ފުއްދިގެން އަންނައިރު، ރާއްޖޭގައި ގޭމްސް ބޭއްވުމަށް މަގު ކޮށިގެންދާނެ ކަމަށެވެ. އެ މުބާރާތަށް ހާއްސަކޮށް ސަރުކާރުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ނުކުރި ނަމަވެސް، އެ މުބާރާތަށް އެތުލީޓުން ތައްޔާރު ކުރުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރި ކަމާއި އެއްބާރު ލުން ލިބިގެންދާނެ ކަމުގެ ޔަގީކަން ރައީސް ދެއްވި އެވެ.