ދުނިޔެ

ނުކިޔަމަންތެރިވެ ހޮންކޮންގު މުޒާހަރާ ކުރިއަށް

ހޮންގްކޮންގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ގޭންގަކަށް ނިސްބަތްވާ ބަޔަކު، އެ ގައުމުގެ ސިޔާސީ ލީޑަރަކަށާއި ފުލުހުންނާ ކުރިމަތިލައި ހަމަލާ ދިނުމުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތަކުގައި މުޒާހަރާ ހުއްޓާލަން ފުލުހުން އަންގާފައި ވަނިކޮށް މިއަދުވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެސް މުޒާހަރާކުރަމުން އެބަދެ އެވެ.

މިއަދުގެ މުޒާހަރާގައި ވެސް މިހާތަނަށް ވަނީ ކޮންޓްރޯލުން ނެއްޓި އާންމުނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފަ އެވެ. މުޒާހަރާ ހޫނުވީ ބައިވެރިން، ޗައިނާ އާއި ހޮންގްކޮންގެ ބޯޑަރު ގުޅޭ ސަރަހައްދުގައި އޮންނަ ވިލެޖެކަށް ދާން ފެށުމުން ފުލުހުން އެކަމަށް ހުރަސް އަޅައިގެނެވެ. މިއީ މުޒާހަރާގައި ބައިވެރިވި ގޭންގުން ސިޔާސީ ލީޑަރަކަށް ހަމަލާދިން ސަރަހައްދެވެ.

މުޒާހަރާ ބަލަހައްޓަން އުޅުނު ފުލުހުން ގޭންގުގެ ހަރަކާތްތަށް ހުއްޓުވުމުގައި ނާކާމިޔާބު ވުމުގެ ސަބަބުން ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި މުޒާހަރާގެ އަމަން ބެލެހެއްޓުމުގައި އެކަށީގެންނުވާ ވަރުގެ ބާރުތައް ބޭނުންކުރި މައްސަލައެއް ވެސް ވަނީ ބަލަން ފަށާފަ އެވެ.

ޗައިނާގެ ބޯޑަރާ މުޒަހާރާގެ ބައިވެރިން ކައިރިވާނަމަ އަސްކަރިއްޔާގެ ބޭނުން ކުރާނެ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ. އަދި ސިޔާސީ ލީޑަރަކަށް ހަމަލާދީފައިވަނީ އެމެރިކާގެ އޮފިޝަލުން ކަމަށްވެސް ޗައިނާއިން ވަނީ ތުހުމަތުކޮށްފައެވެ.

ހޮންކޮންގައި ހުއްޓާނުލާ މުޒާހަރާ ކުރަމުންދާތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވަނީވެފަ އެވެ. މި މުޒާހަރާތަކަކީ، ހޮންގްކޮންގު ސަރުކާރުން އިސްލާހުތަކަކާއެކީ ފާސް ކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑީޝަން ބިލް ފާސް ކުރުން ފަސް ކުރި ނަމަވެސް، ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކެވެ.

މަޖިލީހަށް ހުށަހެޅި އެކްސްޓްރެޑިޝަން ބިލް ގައިވާ ގޮތުން އެހެން ގައުމެއްގެ ކުށްވެރިއެއް ހޮންގްކޮންގްގައި ހުރެ އެ މީހަކު ކުށްވެރިކުރާ ސަރުކާރަކުން އޭނާއާމެދު ގާނޫނީ ފިޔަވަޅު އަޅަން އެދި އެ ގައުމަކަށް ފޮނުވައިދޭން އެދިއްޖެ ހާލަތެއްގައި އެމީހަކު އަނބުރާ އެ ގައުމަކަށް ފޮނުވާލުމުގެ ބާރު ހޮންގްކޮންގަށް ލިބިގެންވެ އެވެ.

އޭގެ އިތުރުން ޗައިނާ ސަރުކާރުން އެދެފި ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. ހޮންގްކޮންގުން 20 ގައުމަކާއެކީ އެކްސްޓްރަޑިޝަން އެއްބަސްވުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އެމެރިކާ ވެސް ހިމެނެ އެވެ.