ވިޔަފާރި

އިތާފުށި ރެސްޓޯރެންޓް ސީއެންއެން ލިސްޓަށް

Jul 27, 2019

ސީއެންއެން އިން ހޮވި، ދުނިޔޭގެ އެންމެ ފުރިހަމަ ވޯޓާ ޕްރަންޓް ރެސްޓޯރެންޓުގެ ލިސްޓުގައި ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓް ހިމަނައިފި އެވެ.

"ސީއެންއެން ޓްރެވަލްސް" އިން ހޮވި ލިސްޓުގައި ދުނިޔޭގެ އެކި ގައުމުތަކުގެ 16 ރެސްޓޯރެންޓެއް ހިމެނިފައިވެ އެވެ. އޭގެތެރޭގައި ރާއްޖޭގެ އިތާފުށި ރެސްޓޯރެންޓަށް ދީފައި ވަނީ 13 ވަނަ އެވެ. މި ލިސްޓުގައި ހިމެނިފައިވަނީ އިތާފުށީގައި ބޯޅައެއްގެ ސިފައިގައި އޮނުން ހަދާފައިވާ ޓެރަ ޓްރީޓޮޕް ރެސްޓޯރެންޓުގެ ނަން ދީފައިވާ ރެސްޓޯރެންޓެވެ.

ރަށް މަތިން ފެންނަ ގޮތަށް އުހުގައި ހަދާފައިވާ މި ރެސްޓޯރެންޓަކީ މިގޮތަށް ރާއްޖޭގައި ހަދާފައިވާ އެއް ރެސްޓޯރެންޓެވެ. މިތަން ހާއްސަ ކޮށްފައި ހުންނަނީ ޕްރައިވެޓް ޑިނާ ތަކަށެވެ. މި ލިސްޓުގެ އެއްވަނަ ލިބިފައިވަނީ އިނގިރޭސިވިލާތުގެ ޕެޑްސްސްޓޯގައި ހުންނަ ޕައުލްއިންވޯތް ރެސްޓޯރެންޓެވެ.

ސީއެންއެން އިން ހޮވި ރާއްޖޭގެ އެންމެ ފުރިހަމަ 14 ރިސޯޓުގެ ތެރޭގައި ވެސް އިތާފުށި މީގެ ކުރިން ހިމެނިފައިވެ އެވެ. އަދި ކޮންޑެ ނަސްޓް ޓްރެވަލާ މިޑުލް އީސްޓް މަޖައްލާގެ ބޭރު ގަނޑަށް ވެސް މި ރިސޯޓު މީގެ ކުރިން އަރާފައިވެ އެވެ. މި ރިސޯޓު ތަރައްގީ ކޮށްފައިވަނީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު (ޖަނާ) ގުޅިގެންނެވެ.

އިތާފުށްޓަކީ ފަޅެއް ހިއްކައިގެން ތިން ރަށް ހިމެނޭ ގޮތަށް ހަދާފައިވާ މި ރިސޯޓެވެ. މި ރިސޯޓުގައި 130 ކޮޓަރި ހުރެ އެވެ. މީގެ އިތުރުން މީގެ ކޮންމެ ތަނެއްގައި 10 ރެސްޓޯރަންޓާއި ކެފޭތައް ހުރެ އެވެ. އަދި މި ރަށުގައި 10 ޓްރީޓްމަންޓް ވިލާގެ ސްޕާއަކާއި މޫދު ކުޅިވަރުގެ ހަރަކާތްތަކާއި ކައިވެންޏާއި ހާއްސަ ރަސްމިއްޔާތު ތަކަށް ހާއްސަކޮށް "ރޮމޭންޓިކް ވެޑިން ޕެވިލިއަން" އެއް ވެސް ހުރެ އެވެ.