ކުޅިވަރު

ސިންގަލްސްގެ ރަނާއި ރިހިވެސް ރާއްޖެއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީގެ ސިންގަލްސް ކެޓަގަރީގެ ފައިނަލަށް ފާތިމަތު ދީމާ އަލީ އަދި އައިޝަތު ރަފާ ނާޒިމް ދަތުރު ކުރުމުން ރަން މެޑަލް އާއި ރިހި މެޑަލް ވެސް ރާއްޖެއިން ކަށަވަރު ކޮށްފި އެވެ.

ދީމާ އާއި ރަފާ އަކީ، ރާއްޖޭގެ ގައުމީ ޗެމްޕިއަނާއި އަދި ރަނަރަފްވެސް މެއެވެ. ގޭމްސްގެ ސިންގަލްސް އިވެންޓްގެ ފައިނަލު ޖާގަ ދީމާ ހޯދީ މޮރީޝަސްގެ ގޯކަލްގެމައްޗަށް 4-3 ން ކުރި ހޯދައިގެންނެވެ.

ރަފާ ކުޅުނު ސެމީ ފައިނަލު މެޗު އޭނާވެސް ކާމިޔާބު ހޯދީ މޮރަިޝަޝްގެ އެހެން ކުޅުންތެރިޔެއް ބަލި ކުރުމަށްފަހު އެވެ. އޭނާވެސް މެޗު ކާމިޔާބު ކުރީ 4-3 ން ކާމިޔާބު ހޯދައިގެންނެވެ.

ސިންގަލްސް އިވެންޓްގެ ދެ މެޑަޅް ކަށަވަރުވުމާއެކު މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް އެންމެ ގިނަ ރަން މެޑަލް ހޯދި ކުޅިވަރަކަށް ޓީޓީ ވެގެން ދިޔައީ އެވެ. ޓީޓީގެ އަންހެން ކުޅުންތެރިން ވަނީ ތިން ރަން މެޑަލް އާއި ދެ ރިހިމެޑަލް ކަށަވަރު ކޮށްފައެވެ.

އަންހެން ސިންގަލްސްގެ ދެ މެޑަލްއާ އެކު، ރާއްޖެއިން ވަނީ މިހާތަނަށް 15 މެޑަލް ކަށަވަރު ކޮށްފަ އެވެ. އެއީ މި އަހަރުގެ ގޭމްސްއަށް އޮލިމްޕިކް ކޮމިޓީން ކަނޑައެޅި ޓާގެޓެވެ.