ކުޅިވަރު

ދީމާއަށް ރަން މެޑަލް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް ފައިނަލުގައި، ރާއްޖޭގެ ދެ ޕެއާ ކަމަށްވާ، އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ކުޅުނު މެޗު ދީމާ ކާމިޔާބު ކޮށް ދީމާ ރަން މެޑަލް ހޯދައިފި އެވެ.

ދީމާ މެޗު ކާމިޔާބު ކުރީ 4-1 ންނެވެ. މި އަހަރުގެ ގައުމީ މުބާރާތުގައިވެސް ރަފާގެ މައްޗަށް ދީމާ ވަނީ ކާމިޔާބު ހޯދާފަ އެވެ. މެޗުގެ ފުރަތަމަ ގޭމް ގެންދިޔައީ ރަފާ އެވެ. އޭނާ ކާމިޔާބު ކުރީ، 11-6 ންނެވެ.

ދެ ވަނަ ގޭމްސްގައި ދީމާ އެނބުރި އައިސް އެ ގޭމް ކާމިޔާބު ކުރި އެވެ. އޭނާ ގޭމްސް ކާމިޔާބު ކުރީ 11-7 ންނެވެ. ދެން އައި ތިން ގޭމް ވެސް ދީމާ ޑޮމިނޭޓް ކުރީ އިތުބާރާއެކު އެވެ، އޭނާ އެ ތިން ގޭމް ކާމިޔާބު ކުރީ 11-5، 11-7 އަދި 11-7 ންނެވެ.

ސިންގަލްސް އިވެންޓްގެ ދެ މެޑަޅް ކަށަވަރުވުމާއެކު މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް އެންމެ ގިނަ ރަން މެޑަލް ހޯދި ކުޅިވަރަކަށް ޓީޓީ ވެގެން ދިޔައީ އެވެ. ޓީޓީގެ އަންހެން ކުޅުންތެރިން ވަނީ ތިން ރަން މެޑަލް އާއި ދެ ރިހިމެޑަލް ކަށަވަރު ކޮށްފައެވެ.

އަންހެން ސިންގަލްސްގެ ދެ މެޑަލްއާ އެކު، ރާއްޖެއިން ވަނީ މިހާތަނަށް 15 މެޑަލް ކަށަވަރު ކޮށްފަ އެވެ. އެއީ މި އަހަރުގެ ގޭމްސްއަށް އޮލިމްޕިކް ކޮމިޓީން ކަނޑައެޅި ޓާގެޓެވެ.