ކުޅިވަރު

އޮލިވާކާންގެ އެކެޑެމީ އިންޑިއާގައި ހުޅުވަނީ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނުނު ޖަރުމަންގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އޮލިވާ ކާންގެ ގޯލްކީޕިން އެކެޑެމީ، އިންޑިއާގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

އޮލިވާ ކާން، އިސްވެ އުފައްދާފައިވާ ގޯލްކީޕިން އެކެޑެމީ "ގޯލްޕްލޭ" ގެ ހަތަރު ސެންޓަރެއް އިންޑިއަންގައި ގާއިމު ކުރުމަށް ހަމަޖެހިފައި ވެއެވެ. ގުވަހަޓީގައި ގާއިމު ކުރަން ހަމަޖެހިފައިވާ ގޯލް ޕްލޭގެ އެކެޑެމީން ސަމާލުކަން ދޭނީ އިންޑިއާގެ އިރުމަތީ ސަރަހައްދުން ގޯލްކީޕަރުން ތަމްރީން ކުރާށެވެ.

އޮލިވާން ކާން އަކީ، ގޯލްޕްލޭގެ ސީއީއޯ ވެސް މެއެވެ. ގޯލްޕްލޭގެ ސީއޯއޯ މޮރިޓްޒް މަޓްސް ބުނީ އެހެން މަގާމުތަކަށް ކުޅޭނެ ކުޅުންތެރިން އުފައްދާ އެކެޑެމީތައް ވަރަށް ގިނަ ކަމަށާއި އެހެން ނަމަވެސް ކީޕަރުން އުފެއްަން ހިންގާ އެކެޑެމީތައް މަދު ކަމަށެވެ.

"އައްސާމް [ސްޓޭޓް] ގެ ކުއްޖަކު ހެނދުނު ހޭލާފައި ވިސްނާފާނެ، ސްޓައިކަރަކަށް ނުވާނަމޭ، ތިމަންނަ ވާނީ ގޯލްކީޕަރަކަށޭ އެހެން ވެއްއްޖެއްޔާ އެ ކުއްޖަކަށް އޮލިވާ ކާން އެހީވާނެ." މަޓްސް ބުންޏެވެ.

އޮލިވާ ކާން އެކެޑެމީގެ ދަށުން، އައްސާމްގައި ބާއްވާ ޓްރެއަލް އަކުން އެންމެ ރަނގަޅު ޒުވާން ދެ ކީޕަރުން ހޮވާ، އެ ދެކީޕަރުން ޖަރުމަންގެ މިޔުނިކްގައި ހުންނަ އެކެޑެމީގައި ޓްރޭނިން ހެދުމުގެ ފުރުސަތު ދޭން ވަނީ ހަމަޖެހިފަ އެވެ.

ކޮރެއާ އަދި ޖަޕާންގައި 2002 ގައި ބޭއްވި ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ކާން ކޮޅަށް އެ މުބާރާތުގައި ވަނީ އެންމެ ދެ ގޯލެވެ. އެއީ ފައިނަލުގައި ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ ނަޒާރިއޯ ޖެހި ދެ ލަނޑެވެ.