ދުނިޔެ

އިރާންގެ މިސައިލް ޓެސްޓަކީ ސިޔާސީ މެސެޖެއް: ޕެންޓަގަން

އިރާނުން އިއްޔެގެ ވަގުތެއްގައި ޓެސްޓްކުރި ދެ ބެލެސްޓިކް މިސައިލަކީ ޔޫރަޕް އަދި އެމެރިކާއަށް ސިޔާސީ މެސެޖެއް ދިނުމުގެ ބޭނުމުގައި ކުރި ޓެސްޓެއް ކަމަށް ޕެންޓަގަނުން ސިފަކޮށްފި އެވެ.

ޕެންޓަގަންގެ އޮފިޝަލަކު ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި، އިރާނުން މިސައިލް ޓެސްޓު ކުރި ނަމަވެސް، އެމެރިކާ އާއި ގަލްފް އަދި ޔޫރަޕަށް އޭގެ ނުރައްކަލަށް ނެތް ކަމަށެވެ. އެ އޮފިޝަލް ވިދާޅުވީ މިސައިލް ޓެސްޓުތައް ކޮށްފައިވަނީ ޔޫރަޕްގެ ގިނަ ގައުމުތަކުން އިރާންގެ ސަރުކާރު ބަދަލު ކުރަން ގޮވާލާތީ މެސެޖެއް ދޭން ވެގެން ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި އިނގިރޭސިވިލާތުގައި ދިރިއުޅޭ އިރާންގެ މީހުން ވަނީ މުޒާހަރާއެއް ވެސް ކޮށްފަ އެވެ. އެ މުޒާހަރާކުރީ ޔޫރަޕްގެ ގައުމުތަކުގެ ސެކިއުރެޓީ އޮފިޝަލުންގެ ބައްދަލުވުމެއް ނިމެން ކައިރިވެފައި ވަނިކޮށެވެ.

"އިރާންގެ މިސައިން ޓެސްޓުން އެމެރިކާ، ގަލްފު ސަރަހައްދު އަދި ޔޫރަޕައް ނުރައްކަލެއް ނެތް، އެއީ ސިޔާސީ ބޭނުމެއްގައި ސިޔާސީ މެސެޖެއް ދިނުމަށް ކުރި ކަމެއް، އެމެރިކާއިން މިދަނީ އެކަންތައް ގާތުން ބަލަމުން" އޮފިޝަލް ވިދާޅުވި އެވެ.

އިރާނުން ވަނީ ބެލެސްޓިކް މިސައިލްތަކެއް ޓެސްޓްކުރިކަން ކަށަވަރު ކޮށްދީފަ އެވެ. އިރާން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، މިސައިލް ޓެސްޓުތައް ކުރީ އިރާނުގެ ސަލާމަތަށް ކަމަށާއި، އެއްވެސް ގައުމަކަށް އިންޒާރު ދިނުމުގެ ބޭނުމުގައި މިސައިލް ޓެސްޓްކޮށްފައި ނުވާނެ ކަމަށެވެ.

"މިސައިލް ސިސްޓަމުގެ ފުރިހަމަ ކޮންޓްރޯލް އިރާނަށް އެބައޮތް، ޓެސްޓް ކުރީ ގައުމަކަށް އިންޒާރު ދޭކަށް ނޫން، އެކަމަކު ބައެއް ގައުމުތަކުން ދާހިލާ ކަންކަމާ ބެހޭތީ،" އިރާން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިރާނުން މިސައިލް ޓެސްޓު ކުރާކަށް އެމެރިކާގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި ބޭނުންވެއްޖެ ކޮންމެ ހިދެއްގައި މިސައިލް ޓެސްޓް ކުރުމުގެ ފުރިހަމަ ބާރު ލިބިގެންވާ ކަމަށްވެސް ވިދާޅުވި އެވެ.