(25 ޖުލައި 2019 އާ ގުޅޭ)
"އެމީހުންގެ ތެރެއަށް އީޝަލް ދާން ބޭނުންވަނީތަ؟" ރައުލް ސުވާލުކުރިއެވެ.
"އާނއެކޭ ބުނެފިއްޔާ ރައުލް ހިތްހަމަނުޖެހޭނެތަ؟... އިންސާނުންނަކީ ރައުލް ގަޔާވާ ބައެއްނޫންކަން އެނގޭ" އީޝަލްގެ އަޑު އިހުނަށްވުރެ މަޑުވިއެވެ.
"އެމީހުންގެ ތެރޭގައި އަހަރެމެންނަށް ފުރުޞަތެއްނެތް، އަނެއްކޮޅުން އީޝަލްގެ ތި އެދުމަށް އިންކާރު ކުރެވޭކަށް ވެސް ނެތް، އީޝަލްގެ ޢާއިލާ އެމީހުންގެ ތެރޭގައި ތިބިއިރު އެމީހުންނާ ބައްދަލުކުރަން ނުދާށޭ ބުނާނީ ކިހިނެއް؟... އަހަންނަށްވުރެ ބޮޑަށް ތި ޚިޔާލު އީޝަލް ޚިއްޞާކުރަންޖެހޭނެ މީހަކީ އީޝަލްގެ ބައްޕަ" ރައުލްގެ ވިސްނުމުގައިވީ ގޮތް ހާމަކުރިއެވެ.
"ފިރިމީހާގެ ހުއްދަ ވެސް އަނތްބަކަށް ވަރަށް މުހިންމުވާނެ، ރައުލް ނުރުހޭނަމަ އަހަރެން ނުދާނަން" އީޝަލް ބުންޏެވެ.
"އީޝަލް އެކަނި ދާން ދޫކޮށެއްނުލެވޭނެ، ވައިސިންނީއާއި ޔޫރާއާއި ލުގަލް ހުއްޓަސް އަހަރެންނަށް އީޝަލް ގާތު ނުހުރެވޭނަމަ ހިތަށް ހަމަޖެހުމެއްނުލިބޭނެ... އީޝަލް އެމީހުންގެ ތެރެއަށް ދާންވީ... އެކަމަކު... އަހަރެން ވެސް ދާނަން" ކުރުއަތްމައްޗަށް ރައުލް ތެދުވެލައި އީޝަލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ބައްޕަ ކަންތައްކުރާނެ ގޮތެއް ނޭނގެނީ" އީޝަލް ބުނެލިއެވެ.
"އީޝަލްގެ ހިތުގައިވާ އެއްޗެއް ބައްޕައަށް ރީތިކޮށް ކިޔާދީ، މީކާޢިލް އަޑުއަހާނެކަން ޔަގީން" ރައުލް ބުނެލިއެވެ.
"މިހާރު އެންމެން ތިބޭނެ އަހަރެމެންނާ ބައްދަލުވާނޭ އިރެއްގެ އިންތިޒާރުގައި" އީޝަލް ހިނިތުންވެލިއެވެ.
"އީޝަލް" އެނދުން ފޭބި އީޝަލްއަށް ހިނގައިނުގަނެވެނީސް ރައުލް ގޮވާލިއެވެ. އަދި އޭނާ ވެސް ތެދުވެ އެނދުގެ މަގަތުގައި އިށީނެވެ. އީޝަލް ބޮލުން އިޝާރާތްކޮށްލީ ކިހިނެއްވީތޯ އަހާލާ ފަދައިންނެވެ.
"ލުގަލް!... ކީއްވެ އޭނާއަށް ހުއްދަދޭށޭ ބުނީ، އަހަރެން ހުރީ އަމިއްލައަށް ރައްކާތެރިނުވެވޭނެހާ ބަލިކަށިވެފައެއްނޫން، އެކަމަކު... އޭނާގެ ބާރު އަހަރެންނަށް އިޙްސާސް ކުރެވުނު، އަހަރެންނަށް އެނގޭ އޭނާއާ އަހަރެންނަށް ކުރިމައްޗެއް ނުލެވޭނެކަން، އޭނާ ވަނުމުން އަހަރެންގެ ބުރަކަށި ފަޅައިގެން ދިޔަހެން ހީވި... އަހަރެން ލުގަލްގެ ގާތުން ސުވާލުކުރިން، އޭނާ އެއްވެސް ކަމެއް ކިޔައެއްނުދިން" ރައުލްގެ ވާހަކަ ހުއްޓުމަކަށް އައީ އޭނާގެ ކޯތާފަތުގައި އީޝަލްގެ ދެއަތްތިލަ ބީހިލުމުންނެވެ. އިސް އުފުލައި އީޝަލްއަށް ބަލަން އިނީ އޭނާ އެއްޗެކޭ ބުނަން އުޅޭކަން އެނގިގެންނެވެ.
"ރައުލްގެ ބުރަކަށި އަހަރެން ދުށީން، ކުރިން ތަދުވާހެން ދެން ތަދެއްނުވާނެ، ރައުލްގެ ވަރަ ބޭރީތުމެން ބުރިކޮށްލީ ތުއްތުކުއްޖެއްގެ ގޮތުގައިވަނިކޮށް، އެކަން އެމީހުންކޮށްފަ ހުރީ ރަނގަޅަކަށްނޫން، ވެދާނެ ބުރިކޮށްލަން ނޭނގުނީކަމަށް، އެހެންވެ ކަންނޭނގެ އަލިފާނުން ފިއްސާލާފައި އެހުރީ، އެމީހުންގެ ތެރެއިން ރައުލް ފެނުނު ވަގުތު ޔޫރާ ބުނީ ރައުލްގެ ވަރައިގަ ދިރިއުން އެބަހުއްޓޭ، އެކަމަކު ހުރީ ހިފެހެއްޓިފައޭ، ފިއްސާލުމުގެ ސަބަބުން އެތަން ރަނގަޅުވުމުން ހަށިގަނޑުގެ ތެރޭ ވަރަ ވަނީ ބަންދުވެފައޭ، އެ ނުކުންނަން މަސައްކަތް ކުރާތީއޭ ރައުލްއަށް ތަދުވަނީ، ލުގަލްގެ ބާރު ބޭނުންކުރަންޖެހުނީ އެހެންވެ، އަހަރެމެންގެ ތެރޭގައި އެ ތިން މީހުން ފިޔަވައި އެފަދަ ބާރެއް ލިބިފައިވާ އެހެންމީހަކުނެތް، ލުގަލް ނޫނީ ހަށިގަނޑަށް ވަދެނުކުމެވޭނޭ މީހަކު ވެސް ނެތް، ރައުލްގެ ހަށިގަނޑަށް ލުގަލް ގެއްލުމެއްނުދޭ، ރައުލްގެ ވަރަ އަހަރެމެންނާ މުޅިން އެއްގޮތް ނުވި ނަމަވެސް ފުރިހަމަ ވަރައަކަށް ވާނެކަން ޔޫރާ ބުނި، އެކަމަށް ވަގުތު ބޭނުންވޭ... އެއީ ރައުލްގެ ބާރެއްނެތްކަން ދެއްކުމަށް ކުރިކަމެއްނޫން، އޭގެ ބަދަލުގައި ރައުލްގެ ބާރު ބޭރީތަށް އަންގާލަން ކުރެވުނުކަމެއް، ރައުލްގެ ވަރައެއް އެބަހުރިކަން ދައްކަން ބޭނުންވީ، ޒަގަން ދެރަކޮށްލަން ބޭނުންވީ... ކުރިން ރޭވިގެން ކުރެވުނުކަމެއް ވެސް ނޫން... އެ އެންމެންގެ ކުރިމަތީ ރައުލްއަކީ އެމީހުން ހީކުރާ ފަދަ މީހެއްނޫންކަން ވިސްނައިދޭން އެހުރިހާކަމެއް ކުރެވުނީ" އީޝަލް ބުންޏެވެ.
"ލުގަލް ނުކުތުމުން ހަށިގަނޑަށް ތަފާތުކަމެއް އިޙްސާސް ކުރެވުނު، އޭނާ ކަމެއްކުރީކަމުގައި ޝައްކުކުރެވިފަ ހުރީ، އަހަރެން... އަހަރެންނަށް ވަރަށް އުނދަގޫވޭ އޭނާ އީޝަލްއާ އެހާ ގާތުގައި އުޅޭތީ" ރައުލް ނުބުނަން އިނދެފައި ވެސް ބުނެލިއެވެ. ލުއި ހީނލުމަކުން އީޝަލް ހީނލިއެވެ.
"އަހަރެން އެންމެ ލޯބިވާ، އަހަރެންގެ ހަޔާތުގެ ބައިވެރިޔަކީ ތީ، ކިތަންމެ ގާތުގައި އުޅުނަސް މި އީޝަލްއަކީ ރައުލްގެ ހައްޤެއް، މި ހަށިގަނޑުގައި ރައުލްނޫން މީހަކު ނުބީހޭ" ހިނިއައިސްފައި ހުރެ އީޝަލް ބުނެލިއެވެ. ރައުލްއަށް ކުރެވުނީ މޮޔަ ޚިޔާލެއްކަން އެނގި ހިނިތުންވެލިއެވެ. އަދި އީޝަލްގެ އުނަގަނޑުގައި ދެއަތް ވަށާލައި ގާތްކޮށްލިއެވެ.
* * * * *
މެންދުރު ނަމާދަށްފަހު ރަށުގެ ހުރިހާ ޖިންނީން ޖާފަތުގައި ބައިވެރިވާން ޖަމާވިއެވެ. އީޝަލްމެންގެ ޢާއިލާ ތިބުމަށް ހަމަޖައްސާފައި އޮތީ އެންމެންގެ މެދުގައެވެ. ބޮޑެތި ކުނާތައް ފަތުރައި އޭގެ މެދުގައި ތިރި މޭޒުތަށް ބަހައްޓާފައި ހުއްޓެވެ. އޭގެ މަތީ ތަށިތައް އަތުރާފައި ހުއްޓެވެ. އެތަށިތަކުގައި ތަފާތު ބާވަތްތައް ހުއްޓެވެ. މޭޒުގެ ދެފަރާތުގައި ތިބެވޭނޭހެން އިންތިޒާމުކުރެވިފައެވެ. ޖާފަތް ފެށުނީ އައިޒަންއާއެކު ބަހީރާއާއި ބަލްޤިސްގެ އިތުރުން ޖޫދާ ވެސް ރަށަށް ފޭބުމާއެކުއެވެ. އެ އެންމެންގެ ވެސް ތަބާވާ ރަސްކަލަކީ އައިޒަންއެވެ. އެހެންވެ ޖާފަތަށް އިންސާފުކުރަން ފަށާނީ އައިޒަންގެ އިޒުނައާއެކުކަން ވަނީ ނިންމާފައެވެ.
ރަށުގައި އުޅޭ ހުރިހާ ޖިންނީންނާ ސަލާންގަލާންކުރުމަށްފަހު އައިޒަން ޢާއިލާއަށް ވަގުތު ހުސްކުރިއެވެ. ރަށުގައި ތިބި ސިފައިން އެނބުރި ދިއުމަށް އަމުރުކުރިއެވެ. މީކާޢިލްއާއެކު އައިޒަން އެކަހެރިވެލީ އޭނާއާ މުހިންމު ވާހަކައެއް ދައްކަން ބޭނުންވެގެންނެވެ. އޭނާ އެދުނީ މީކާޢިލް ގާތު އެނބުރި ގަނޑުވަރަށް ދިރިއުޅުން ބަދަލުކުރުމަށެވެ. އައިޒަންމެންނާއެކު އުޅުމަށެވެ. އީޝަލްއާއި ރައުލް ވެސް ގޮވައިގެން އައުމަށެވެ. ޒިޔަޒެލްއަށް ވެސް އެ ފުރުޞަތު ދެވުނުތާ އެތައް އަހަރެއް ވެއްޖެކަމެވެ. ނަމަވެސް އޭނާ އެ ހުންނަނީ އެނބުރި ގަނޑުވަރަށް ނާންނަންކަމެވެ.
"ބައްޕައާއެކު ދިރިއުޅެން އަޅުގަނޑު ބޭނުންނުވަނީއެއްނޫން" މީކާޢިލް މިހެން ބުނަންވާއިރަށް އައިޒަން ވާހަކަދެއްކިއެވެ.
"އެކަމަކު..." އައިޒަން ގަޔާނުވެފައި ހުރި ކަހަލަ ގޮތަކަށް ބުނެލިއެވެ.
"އީޝަލް ދާން ބޭނުންވާނަމަ ބައްޕަމެންނާއެކު އޭނާ ގެންދިޔަޔަސް އެންމެ ރަނގަޅު، އޭނާއަށް ވެސް އަޅުގަނޑު އެކަންޏެއް ގޮތެއް ނުނިންމޭނެ، މިކަމުގައި ރައުލްގެ ޚިޔާލު ވެސް މުހިންމުވާނެ، އެކަމަކު އަޅުގަނޑު ގަސްދުކުރަނީ މިތަނުގައި ދިރިއުޅެން، އަޅުގަނޑު އެކަންޏެއްނުވާނެ، ޒިޔަޒެލް އަބަދުވެސް އަޅުގަނޑާއެކު ހުރި، ބައްޕަމެން އެދިލައްވާ ކޮންމެ ފަހަރަކު އަޅުގަނޑާ ބައްދަލުވާނެ، އެހެންނޫނަސް ދުރަކުނޫންކަންނޭނގެ މިއުޅެވެނީ... ބައްޕަގެ ގާތަށް ދިޔަނަމަވެސް އަޅުގަނޑަށް މިހާރު އެތަނުގައި އުޅޭކަށް ނޭނގޭނެ... އާދައިގެ ދިރިއުޅުމަކަށް ހޭނިއްޖެ" މީކާޢިލްގެ ވިސްނުން ހުރީ ޒިޔަޒެލްއާއެކު އެ ރަށުގައި ހުންނާށެވެ. އެނބުރި ގަނޑުވަރަށް އައިޒަންގެ ގާތަށް ދިއުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.
"ދަރިފުޅާ ދިމާއަށް މީހަކު އެއްޗެއް ބުނެދާނެތީތަ؟... މިހާރު އެހެނެއްނުވާނެ، އީޝަލްއަކީ އާދައިގެ ކުއްޖެއްނޫންކަން އެންމެންނަށް ވެސް އެނގޭނެ، އިންސިއަކާ ގުޅުނުތީ މީކާޢިލްއާ ހިސާބުން ދަރިފަސްކޮޅު ކިލަނބުވެއްޖެ ކަމުގައި ނިންމި ނިންމުން ބަދަލުވާނެ، އަހަރެމެންގެ ތެރެއަށް މީކާޢިލްގެ ފުށުން އުފަންވީ އަހަރެމެން ނުދެކޭހާ ބާރުގަދަ ކުއްޖެއްކަން އެމީހުންނަށް އެނގުމުން މިހުރިހާ ކަމެއް ބަދަލުވާނެ، އޭރުން ގެއްލިފައިވާ ޤަދަރާއި ޢިއްޒަތުގެ އިތުރުން ދަރިފުޅަށް އެމީހުން ހުރުމަތްތެރިކޮށް ހިތާނެ" އައިޒަން ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ނޫން ބައްޕާ، އަޅުގަނޑަށް ހީވަނީ އެމީހުން އީޝަލްދެކެ ބިރުގަންނާނީހެން، އަދި އެފަދަ ބާރެއް ލިބިފައިވާ ފަރާތެއް ދިރިހުރުމަށް ދޫކޮށްލަފާނެހެން ހީވޭތަ؟... މިހާރު މިއޮތްގޮތް މީ އެންމެން ރަނގަޅުގޮތް، އީޝަލްއަށް ވެސް... އަޅުގަނޑުމެން އެންމެންނަށް ވެސް، ރައުލްއާ ދެކުދީން އެމީހުން ބޭނުން ގޮތަކަށް ދިރިއުޅުން ބައްޓަންކަން ކުރުމުގެ ފުރުޞަތު ދޭން އަޅުގަނޑު ބޭނުންވަނީ، އީޝަލްއަކީ މިހާރު އަޅުގަނޑުގެ އަތަށް މިޝަލް ދޫކޮށް ދިޔަ ތުއްތުކުއްޖާއެއްނޫން، އެ ދަރިފުޅު ބޮޑުވެއްޖެ، މީހެއްގެ އަނތްބަކަށް ވެސް ވެއްޖެ، އެ ދަރިފުޅާމެދު އަޅުގަނޑު ވަރަށް ކަންބޮޑުވި، މިއަދު އޭނާއަށް އެ ލިބިފައިވާ ބާރުގެ ސަބަބުން އަޅުގަނޑަށް އެނގޭ އެ ދަރިފުޅާ ކޮންމެ ޖިންނިއަކަށް ނުކެރޭނެކަން ދިމާކުރާކަށް، މިޝަލްއާއި އަޅުގަނޑު ބޭނުންވި ފަދަ ދިރިއުޅުމެއް އެކުއްޖާއަށް ލިބިދާނެކަމުގެ އުންމީދު އެބައޮތް... ފަހަރެއްގައި ވެސް އޭނާގެ ބާރުގެ ބޭނުން އިތުރު ބަޔަކު ހިފަން ރުހެވޭނީ ކިހިނެއް؟... މިއަދު ބައްޕަގެ ތި ވާހަކަތަކުން އަޅުގަނޑަށް ނެގެނީ އެފަދަ މާނައެއް، އީޝަލް ބޭނުންވަނީ އޭނާގެ އެ އާދަޔާ ޚިލާފު ބާރުގެ ސަބަބުންނޭ، އަޅުގަނޑަށް މަޢާފުކުރޭ ބައްޕާ" މީކާޢިލް ބުންޏެވެ. އައިޒަން ވަގުތުކޮޅަކަށް ހިމޭނުން ހުއްޓެވެ. އަދި އައިސް މީކާޢިލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.
"ދަރިފުޅަށް ފެންނަ ގޮތެއް ރަނގަޅުވާނެ... ބައްޕަ މިބުނަނީ ދަރިފުޅުމެންނަށް އެނބުރި އަންނަން ފުރުޞަތު އެބައޮތޭ، އެހެން އެކަންވެއްޖެނަމަ ބައްޕައާއި މަންމަ ވެސް ވަރަށް އުފާވާނެކަން" އައިޒަން މިހެންބުނެ މީކާޢިލްއާއެކު ހިނގައިގަތެވެ.
* * * * *
ކަނޑުގެ ސަތަހައަށް ނަޒަރު ހުއްޓާލައިގެން އެކަހެރިކޮށް ހަތޯރު ހުއްޓެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު އީޝަލް ހިނގައިގަތީ ރައުލްގެ ގާތުގައި މަޑުކޮށްލުމަށް ބުނެފައެވެ. އޭނާ އައިސް ހަތޯރާ ހަމަކުރުމުގެ ކުރީން އޭނާ ފަސްއެނބުރި ބަލާލިއެވެ. ލުއި ހިނިތުންވުމެއް އޭނާ އީޝަލްއާ ބަދަލުކޮށްލިއެވެ.
"އަހަރެންނަކީ ހަތޯރުގެ ނަޒަރުގައި އަނިޔާވެރިއެއްތަ؟" އީޝަލް އެއްސެވެ. އިރުކޮޅަކު އީޝަލްއަށް ބަލަން ހުރުމަށްފަހު ހަތޯރު ދެފަރާތަށް ބޯހޫރުވާލިއެވެ.
"އަހަރެންގެ ފުށުން އެމީހުންގެ ބަދަލު ހިފަން ބޭނުންތަ؟" އީޝަލް ސުވާލުކުރިއެވެ.
"ބަދަލު ހިފުމަކުން ގެއްލިގެންދާ ފުރާނައެއް އަނބުރައެއްނުލިބޭނެ، އަހަރެން މަސައްކަތް ކުރިން މަންމައަށް ވިސްނައިދެވޭތޯ، އަހަރެމެންނާ ކުރިމަތިލާން ޒަގަން އައިއިރު، އޭނާ ވެސް ދުށީ އަހަރެންނަކީ އޭނާގެ ދުޝްމިނެއްގެ ގޮތުގަ، އަހަރެންނަށް އެނގޭ އަހަރެން ޚިޔާރުކުރީ ރަނގަޅު މަގުކަން" ހަތޯރު އިސްޖަހާލިއެވެ.
"އަހަރެންނަށް މަޢާފުކުރޭ ހަތޯރު، މައިންބަފައިން ކޮންމެގޮތަކަށް ކަންތައް ކުރި ނަމަވެސް އެމީހުންގެ މަތިން ހަނދާންނައްތާލުން ފަސޭހަކަމަށްނުވޭ، އަހަރެން ވެސް ހިތަށް އެރި... ފުރާނަތަކެއް ނުގެއްލި މިކަން ސުލްޙަވެރި ގޮތަކަށް ނިމޭނެނަމައޭ" އީޝަލް ބުންޏެވެ.
"އަހަރެން އީޝަލް ކުށްވެރިއެއްނުކުރަން، މަޢާފަށް އެދޭވަރުކަމެއް އީޝަލް ނުކުރޭ... ކަންތައް ހިނގައިދިޔައީ އަހަރެންގެ ވެސް ކުރިމަތީގަ، ކުށްކުރީ ބޭރީތު، އަހަރެމެން ހުރިހާ ކުދީންގެ ބައްޕައަށްވެ ހުރެ، އަހަރެމެންގެ މައްޗަށް އިންސާފެއްނުވެވުނު، މަންމަގެ ނަފުރަތުގެ އަސްލަކީ ވެސް ބައްޕަ، އަހަރެން އެއްފަހަރު ވެސް ނޭދޭނަން ރައުލްގެ އަނބިމީހާގެ މައްޗަށް ޒަގަން ގަދަވެގަތުމަށް، އީޝަލްއަކީ ރައުލްގެ ހައްޤެއް" ހަތޯރު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އޭނާގެ މަންމަގެ މަތިން ހަނދާންވިޔަސް އޭނާ އެވަނީ ކަންތައްތައް ނިމިގެން ދިޔަ ގޮތް ޤަބޫލުކޮށްފައެވެ. އެކަނި ހުރުމުގެ ބަދަލުގައި އީޝަލް ގޮވައިގެން އޭނާ ހިނގައިގަތީ އެހެން މެންބަރުންނާ ބައިވެރިވާށެވެ.
"ދާރިއުސްގެ މަންމަ އީޝަލްއާއި ރައުލްއާ ވާހަކައެއް ދައްކަން ބޭނުންވެފަ ހުރީ، ދާރިއުސް އަހަރެންނަށް އެވާހަކަތައް ކިޔައިދިން، މަދުރާއަށް އަނތްބެއްގެ މަޤާމު ނުލިބިހުރީ އަހަރެންގެ މަންމައާ ހެދި، އޭނާއަކީ ރަނގަޅު އަންހެނެއް، ގަނޑުވަރުގެ އާޔާއެއް، ބައްޕަ ސިއްރުތައް އެނގޭ އަންހެނެއް، އޭނާ ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އީޝަލް އަޑުއަހަންވާނެ" ހަތޯރު ބުންޏެވެ. އީޝަލް އޭނާއާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލި ނަމަވެސް ހިތުގައި ތަފާތު ސުވާލުތައް އުފެދުނެވެ.
ބިންޏާމީންއާއި ޖޫދާ ހޫނު މަރުޙަބާއެއް ރައުލްއަށް ކިޔެވެ. އަދި ރައުލްއަށް އޭނާގެ މަންމަ ޖިލައްޔާއާ ބެހޭ ވާހަކަތައް ބިންޏާމީން ކިޔައިދިނެވެ. އެ ހިތި މާޒީގެ ހަނދާންތައް ކުރާކަށް ރައުލް ބޭނުމެއްނޫނެވެ. އެހެންނަމަވެސް އޭނާގެ މަންމައަކީ ކޮންކަހަލަ މީހެއްކަން އެމީހުންގެ ވާހަކަތަކުން އެނގުމުން އެކަމާ ރައުލް ހުރީ ހިތްހަމަޖެހިފައެވެ. މިނޫނީ އޭނާގެ މަންމަގެ ވާހަކަ ބަޔަކު ދައްކާ އަޑެއް ނީވެއެވެ. އަދި ޖިލައްޔާ އެ ނަން ވެސް ފާޅުގައި މީހަކު ބުނާތީ އަޑެއްނީވެއެވެ. އެ ހުރިހާކަމެއް މިއަދު ބަދަލުވެއްޖެކަން ރައުލްއަށް ޤަބޫލުކުރެވެއެވެ. ރައުލްގެ އެކުވެރީންނާމެދެ ބިންޏާމީންއާއި ޖޫދާގެ ހިތް ވެސް ސާފެވެ. އެމީހުން ރައުލްއާއެކު ތިބީތީ އެކަމާ ބިންޏާމީން ނުހަނު އުފާކުރިއެވެ.
އީޝަލް ފެނުމުން ރައުލްގެ މިސްރާބު އެ ދިމާއަށް އެނބުރުނެވެ. ބިންޏާމީން ގާތުން ހުއްދަ ހޯދުމާއެކު އޭނާ އީޝަލްގެ ގާތަށް އައެވެ. އަނބިމީހާގެ އަތުގައި ލޯބިން ހިފާލައި ގާތްކޮށްލިއެވެ. ވަށައިގެން ތިބީ ރާވިންއާއި ޔާފިއާއި ހަތޯރުގެ އިތުރުން ދާރިއުސްއާއި ސޭމެސްއެވެ. މަދުރާ ބައްދަލުކުރަން ބޭނުންވާކަން ދާރިއުސް ބުނެފައި އޮތުމުން އެ އެންމެން ހިނގައިގަތި އޭނާގެ ގާތަށެވެ. މަދުރާގެ ގާތުގައި އެންމެން ހުއްޓިލުމާއެކު އޭނާ ފުރަތަމަ ވެސް ރައުލްއާއި އީޝަލްގެ ހާލު އޮޅުންފިލުވިއެވެ. އަދި ދާރިއުސްގެ ގާތުގައި އޭނާ ފާޅުކުރި ޚިޔާލު ރައުލްއާއި އީޝަލްއާ ވެސް ޚިއްޞާކުރިއެވެ. އީޝަލްއާއި ރައުލްއަށް އެކަކުއަނެކަކަށް ބަލާލެވުނެވެ. ބަޚުރުގައި ބޭރީތުގެ ގަނޑުވަރުގައި ރަސްކަން ކުރުމުގެ ޚިޔާލެއް ކުޑަކޮށް ވެސް ރައުލްގެ ނެތެވެ. ކުއްލިއަކަށް ނިންމުންތަކެއް ނިންމަން ބޭނުންނުވާކަން ރައުލް ހާމަކުރިއެވެ. މަދުރާ ދެއްކި ވާހަކަ ހަތޯރު އެދުނު ފަދައިން އީޝަލް ކަނުލާ އަޑުއެހިއެވެ. އަދި އެ ވާހަކަތަކާމެދެ އޭނާ ވިސްނިއެވެ. އެހެންވިޔަސް އޭނާ ވެސް ޤަބޫލުކުރީ އެވަރުގެ ބޮޑު ނިންމުމެއް ނިންމަން އެނގޭނީ މުޅި ޢާއިލާއާ މަޝްވަރާކޮށްފައި ކަމެވެ. މަދުރާ އެކުދީންގެ ނިންމުންތަކަށް އިޙްތިރާމްކުރިއެވެ.
އައިޒަންއާއެކު ބަހީރާއާއި ބަލްޤިސްއާއި ޖޫދާގެ އިތުރުން ބިންޏާމީން އެނބުރި ދިޔައެވެ. ހުރިހާ ކަމަކަށް ނިމުން އަތުވެއްޖެކަން ޔަގީންވުމުން އާރަމް ވެސް އެނބުރި އޭނާގެ އަނބިދަރީން ގާތަށް ދިއުމަށް ޒިޔަޒެލް އެދުނެވެ. އެކުވެރިޔާގެ އެ އެދުން އޭނާ ޤަބޫލުކުރިއެވެ. އޭނާ ދަމުން ލާމިއާ ގެންގޮސް ދިނުމަށް ވެސް އެދުނެވެ. މަޢުނަވީ ބެލުމަކުން ޒިޔަޒެލްއަށް ބަލަން ހުރި ލާމިއާ ދެކޮޅެއް ނުހެދިއެވެ. ވަދާޢު ކިޔުމުގެ ކުރީން ޒިޔަޒެލްއާ އެކަހެރިކޮށް އޭނާ ބައްދަލުކުރިއެވެ. އެ ދެމެދުގައި ދެކެވުނު ވާހަކައެއް އެކަކަށް ވެސް ނޭނގެއެވެ. ޒަލަފްއަށް ބަލާލުމާއެކު އޭނާ ބަލާލީ މީކާޢިލްއަށެވެ. އެހިނދު މީކާޢިލް އިޢުލާންކުރީ ޒަލަފް ހުންނާނީ އެމީހުންގެ ގާތުގައި ކަމެވެ. ޒިޔަޒެލް ޖަހާލީ ހިނިގަނޑެކެވެ. ގޭތެރެ ހަމައަކަށް އެޅުމުން އީޝަލް އޭނާގެ ބައްޕައާއި ޒިޔަޒެލްއަށް ގޮވާލިއެވެ. ރައުލްއާ އަވަސް ނަޒަރެއް ބަދަލުކޮށްލުމާއެކު އެ ދެމީހުން މީކާޢިލްއާއި ޒިޔަޒެލްއާ ކުރިމަތިވާނޭހެން ފެންޑާގައި ހުރި ގޮނޑީގައި އިށީނެވެ. ނަމަވެސް އީޝަލްގެ ހުށަހެޅުން އަޑުއިވި މީކާޢިލްއަށް ގޮނޑިއަކު ނީނދެވުނެވެ.
"އެތާކުނެތް އީޝަލް ބަލާނެ އެއްވެސް އެއްޗެއް... ކަންތައްވީގޮތް ބައްޕަ ކިޔައިދިނީމެންނު، އީޝަލްގެ ހުންނާނީ އެންމެ މާމައެއް" މީކާޢިލްގެ އަޑުގައިވީ ހަރުކަށިކަމެވެ. އެހިނދު ޒިޔަޒެލް އޭނާއަށް ގޮވާލީ ތަފާތު ގޮތަކަށެވެ. އެ ދެމެދުގައި މާނަފުން ބެލުމެއް ބަދަލުކުރެވުނެވެ. މީކާޢިލް ތުންފިއްތާލިތަން ފެނުނެވެ.
"ރައުލް ކީކޭ ބުނަނީ؟ ހީވަނީ ދެމީހުން މިކަމާ މަޝްވަރާކުރުމަށްފަހުހެން މިހިސާބަށް ތި ވާހަކަ ތިގެނައީ" ޒިޔަޒެލް ވާހަކަދެއްކިއެވެ.
"އީޝަލް އެމީހުންގެ ތެރެއަށް ދިރިއުޅެންދަނީއެއްނޫން، އޭނާ އެދެނީ މަންމަގެ ޢާއިލާމީހުންނާ ބައްދަލުކުރަން، ކޮންމެގޮތެއްވިޔަސް އީޝަލްގެ އަމިއްލަ ލޮލުން ހުރިހާކަމެއް ދުށުމަށް ފުރުޞަތު އޮންނަންވާނެ... އީޝަލް އެކަންޏެއްނޫން އިންސާނުންގެ ތެރެއަށްދާނީ" ރައުލް ބުންޏެވެ. ވިސްނަން އިން މީހަކު ފަދައިން ޒިޔަޒެލް މަޑުމަޑުން ބޯޖެހިއެވެ. އެހެންވިޔަސް މީކާޢިލްއަށް އެއްބަސްވާން ފަސޭހައެއްނުވިއެވެ. އޭނާގެ ހާސްކަން އިންތިހާއަށް އިތުރުވިއެވެ. ނުރުހުމުގައި ދަރިފުޅާ ދިމާއަށް އެއްޗެއް ބުނެވިދާނެތީ އޭނާ ގެއިން ނުކުތީއެވެ. ޒިޔަޒެލް އަވަސްއަވަހަށް ތެދުވިއެވެ. އީޝަލްއާއި ރައުލް ގާތު މަޑުކުރުމަށް ބުނެފައި އޭނާ ދިޔައީ މީކާޢިލްގެ ފަހަތުންނެވެ.
"މީކާޢިލް" ޒިޔަޒެލް ގޮވާލިއެވެ. އަދި އޭނާ އައިސް މީކާޢިލް އުދުއްސައިގަތުމުގެ ކުރީން ހުއްޓުވިއެވެ.
"މިނޫނީ އިންސާނުންގެ ތެރެއަށްދާ ވާހަކައެއް އީޝަލް ނުދައްކާ، އޭނާ މީކާޢިލްގެ ގާތުން ހުއްދައަށް އެދުނީތީ އެކަމާ ވިސްނާލަބަލަ، އަހަރެމެން ގާތު ނުބުންޏަސް އޭނާގެ ފިރިމީހާ ރުހެންޏާ އެމީހުންގެ ތެރެއަށް ދެވިދާނެ، ނޫންތަ؟.... މިޝަލްއަކީ އޭނާގެ މަންމައޭ، އެ މަންމައާ ބެހޭ ގޮތުން އެނގެން އޭނާ ވެސް ބޭނުންވާނެ" މީކާޢިލްގެ ވައަތު މުލައްދަނޑީގައި ހިފަހައްޓައިގެން ހުރެ ޒިޔަޒެލް ވާހަކަދެއްކިއެވެ.
"މާމައޭ އެ ކިޔަނީ... އޭނާ އަހަރެންގެ އީޝަލްއަށް ހަދާނީ ކިހިނެއްކަމެއް ނޭނގެ، މިޝަލްއާމެދު އޭނާ ނުވިސްނިއިރު، އީޝަލްއަކީ މިޝަލްއާ އަވަލައިގެން އުޅުނު ޖިންނިއަށް ވިހޭ ދަރިކަން އެނގުނީމަ ދެން ކަންތައް ވާނެގޮތް ޒިޔަޒެލްއަށް ހަމަ ނޭނގެނީތަ؟... އެމީހުންގެ ދޮގުތަކުގައި އަހަރެންގެ ދަރިފުޅު ޖެހި ސިހުރުވެރީންގެ ޝިކާރައަކަށް އެކުއްޖާވާން ދޫކޮށްލަންވީތަ؟... ޒިޔަޒެލް... ކަލޭ ހަނދާންނެތުނީތަ އަހަރެންގެ މިޝަލް މަރަށް ތެޅިތެޅި އޮތްގޮތް، އެ ހަށިގަނޑު އަނދައިގެންދިޔަ ގޮތް... މަނިކުގެ ނުބައި ރޭވުން" މީކާޢިލްގެ ނުރުހުމުގައިވި ހިތްދަތިކަން ޒިޔަޒެލް ނަގައިގަތެވެ. އޭނާ މީކާޢިލްގެ ގައިގާ އޮޅުލައިގަތެވެ.
"ހަމަޖެހިބަލަ މީކާޢިލް، އަހަރެން އެކުއްޖާމަތިން ހަނދާނެއްނުނެތޭ... އޭގެ ފަހުން ކިތައް އަހަރުވީ، މިޝަލްގެ ޢާއިލާގެ ޚަބަރެއް ނޭނގެއެއްނު، އެމީހުންގެ ތެރޭގައި އެދުވަހަށްފަހު ކަންތައްވީ ކިހިނެއްކަމެއް ވެސް ނޭނގެއެއްނު، ދިޔައީމައެއްނު އެނގޭނީ ވެސް... ރައުލް އެބުނީނު އީޝަލް އެކަންޏެއްނޫނޭ ދާނީ، އީޝަލްއަށް މަގުދައްކައިދޭން މީކާޢިލްއަށްވުރެ ރަނގަޅު މީހަކު ކޮބާ، އީޝަލް އަމިއްލައަށް އަހަރެމެންނަށް ނޭނގި އެމީހުންގެ ޚަބަރު އޮޅުންފިލުވަން އެމީހުންގެ ދުނިޔެއަށް ނުދަނީސް ގޮތެއް ނިންމަން އެބަޖެހޭ، އަހަރެންނަށް އެނގޭ އެމީހުންގެ ކުރިމައްޗަށް ދާން މީކާޢިލް އެއްވެސް ވަރަކަށް ބޭނުންނުވާކަން" މީކާޢިލްގެ ގައިގާ ބައްދާލައިގެން ހުރެ ޒިޔަޒެލް ވާހަކަދެއްކިއެވެ. އޭނާގެ އެ ޢަމަލުން މީކާޢިލް ހަމަޖެހުނެވެ. އޭނާ އިތުރު ވާހަކަތަކެއް ނުދައްކާ އިރުގަނޑެއްވަންދެން ހުއްޓެވެ. ޒިޔަޒެލް ދުރަށް ޖެހިލުމުން މީކާޢިލް ދެއަތް އުރާލައިގެން ހުރެ އެނބުރިލީ ޒިޔަޒެލްއާ ދުރަށެވެ. ޒިޔަޒެލް އޭނާއަށް ދެތިންފަހަރަށް ގޮވާލުމުން ހިނގައިގަތީ އެނބުރި ގެއާ ދިމާއަށެވެ.
"ހިނގާ ދާން" ގޭތެރެއަށް ވަން ގޮތަށް މީކާޢިލް ބުނެލިއެވެ.
"އަސުރުން ފައިބައިގެން ދާނީ" މީކާޢިލްގެ ފަހަތުން ގެއަށް ވަން ގޮތަށް ޒިޔަޒެލް ބުންޏެވެ.
"އީޝަލްއާއެކު އަހަރެމެން ދަތުރުކުރާނަން" ލުގަލްބަންދާއާއި ޔޫރާއަށް އިޝާރާތްކުރަމުން ވައިސިންނީ ބުންޏެވެ. އެމީހުންނަށް އީޝަލް ބޯޖަހާލިއެވެ.
"ބައްޕާ..." އީޝަލް ގޮވާލިއެވެ.
"ޒިޔަޒެލް ބުނިހެން އަސުރުގެ ފަހުން ދާން ތައްޔާރުވޭ" މީކާޢިލް ބުންޏެވެ. އަދި އޭނާ ޣައިބުވީއެވެ.
"މީކާޢިލް... މީ ޒަލަފް" މީކާޢިލްގެ ކޮޓަރީ ދޮރުގައި ޓަކިދެމުން ޒަލަފް ބުންޏެވެ. އޭނާއާ ބައްދަލުކުރަން ކޮޓަރިން ނުކުތުމާއެކު ޒަލަފް ވާހަކަދެއްކިއެވެ.
"އިންސާނުންގެ ކަންކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ، ކަލޭމެންނާއެކު އަހަރެން ގެންގޮސްފާނަންތަ؟ އެ ހަނދާންތަކާއެކު އެމީހުންގެ ތެރެއަށް ގޮސްލަން އަހަރެން ބޭނުން، ކަލޭމެންގެ އެއްވެސް ކަމަކަށް އަހަރެން ހުރަހެއްނާޅާނަން" ޒަލަފް އެދުނެވެ. އޭނާގެ ދެ ލޮލުގައިވަނީ އާދޭހެވެ. އެކަން އެނގި މީކާޢިލް އެއްބަސްވިއެވެ. އިންސާނުންގެ ތެރެއަށް ދިއުމުގެ އެއްވެސް ޝައުގުވެރިކަމެއް މީކާޢިލްގެ ނެތެވެ. އެހެންނަމަވެސް ދަރިފުޅުގެ ސަބަބުން އޭނާވަނީ މަޖުބޫރުވެފައެވެ.
* * * * *
މާލޭގެ ފުޅާ މަގެއްގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރަށް ރެހާން އައިސް އެރިއެވެ. އޭނާގެ ފަހަތުން އައި ފިރިހެން ދަރިފުޅު ކުރީ ސީޓަށް އަރަން ދޮރުހުޅުވާލިއެވެ.
"ދޮންބޭ... މާމައާ އެއްވަރަށް ދިޔަ ނަމަވެސް ކުރީ ސީޓު ދިނީމުހޭ" މަލަކާގެ އަތުގައި ހިފައިގެން އައި މިޝަލް ބުންޏެވެ.
"އާހިލް..." އެމީހުންގެ ފަހަތުން އައި އަލައިނާ ގޮވާލިއެވެ. ނަމަވެސް އެކަކުގެ އަޑެއް ވެސް އެ ޒުވާން ފިރިހެންކުއްޖާ ނޭހިއެވެ. ނިކަން އަވަހަށް ކާރަށް އަރައި ދޮރުފަތް ޖަހައިފިއެވެ. މަލަކާއާއި މިޝަލް އެރުމަށް ފަހަތު ދޮރުފަތް ހުޅުވާލައިގެން ހުރެފައި އެމީހުންނާއެކު އަލައިނާ ވެސް ކާރަށް އެރިއެވެ.
"ހަފްސާ... އަހަރެމެން ދަނީއޭ" ކާރުގައި އިނދެފައި މަލަކާ އަތްހޫރާލިއެވެ. ދޮރޯށި ކައިރިއަށް ނުކުމެ ހުރި އަންހެންމީހާ ވެސް ފުޅާ ހިނިތުންވުމަކާއެކު އަތްހޫރާލިއެވެ.
"އަސުރު ކުރެވޭހާ އިރު ހުއްޓާ ގެއަށް ފޯރާނެތަ؟" މަލަކާ އެހީ ކާރު ދުއްވާލި ރެހާން ގާތުއެވެ.
"މަންމާ، އަދި ހާދަ ވަގުތެއް އެބައޮތޭ" ރެހާން ބުނެލިއެވެ.
އެމީހުންގެ މިސްރާބު ހުރީ ހުޅުމާލެއަށެވެ. މާލެ އައީ ހަފްތާ ބަންދު ދުވަހަކަށްވާތީ ހަފްސާގެ ދަޢުވަތަށެވެ. ތިމާގެ ކަމެއްނެތި ތިމާގެ ވެފައިވާ ބައެކެވެ.
(ނުނިމޭ)