ކުޅިވަރު

ބޭލްގެ އަމާޒު ޗައިނާ ލީގްގެ ވަރުގަދަ ނަމަކަށްވުން

އަގު ބޮޑު މުސާރައެއްގައި ޗައިނާގެ ސުޕަ ލީގްގެ ކުލަބު ޖިއަންގްސޫ ސުއަނިންގަށް ގެރެތު ބޭލް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަ ވެއްޖެ އެވެ.

ޗައިނާގެ ފުޓްބޯޅައިގެ ޓްރާންސްފާ މާކެޓް މި މަހުގެ ނިޔަލަށް ނިމިގެން ދާއިރު، އޭގެ ކުރިން ބޭލް ގެންދިއުމުގެ ކަންކަންކަން ޖިއަންގްސޫއިން ނިންމަން ޖެހެ އެވެ. އެކަމަށް އޮތީ ބާކީ ހަތަރު ދުވަހެވެ. ބޭލްއަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 1.23 މިލިއަން ޑޮލަރު ދޭން ޖިއަންގްސޫއިން އޮތީ ތައްޔާރަށެވެ. މިހާރު އޮތީ އެކަމަށްޓަކައި ރެއާލް މެޑްރިޑާއެކު ދައްކަންޖެހޭ ފަހުގެ ވާހަކަތަކެވެ.

އަންނަ ސީޒަންގައި ރެއާލްގް ޕްލޭންގައި ބޭލް ނުހިމެނޭ ކަމަށް، އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ވަނީ ބުނެފަ އެވެ. މިދިޔަ ހަފުތާގައި، ބަޔާން މިޔުނިކާ ދެކޮޅަށް ކެނަޑާގައި ކުޅުނު ޕްރީ ސީޒަންމެޗުގެ ސްކޮޑުން ވެސް ބޭލްއަށް ފުރުސަތު ނުދެ އެވެ. ޒިދާން ބުނީ ބޭލްއަށް ފުރުސަތު ނުދިނީ އޭނާގެ ޓްރާންސްފާއާ ގުޅިގެން ކުލަބުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ޗައިނާ ލީގަށް ބޭލް ބަދަލު ވާނަމަ އޭނާގެ އަމާޒަކީ، ރެއާލް މެޑްރިޑް ދޫކޮށް ޑޭވިޑް ބެކަމް 2006 ވަނަ އަހަރު އެމެރިކާގެ މެޖާ ލީގަށް ބަދަލުވެ، އެމެރިކާގެ ލީގަށް ބެކަމްގެ ސަބަބުން ގެނެސް ދިން ފޯރި، ބޭލްގެ ސަބަބުން ޗައިނާ ލީގަށް ގެނެސްދިނުމެވެ.

އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން ބުނީ މިހާރު އުމުރުން 30 އަހަރުގެ ބޭލްއަށް ޔޫރަޕްގެ ފުޓްބޯޅައިގައި އެކަށީގެންވާވަރަކަށް ކާމިޔާބު ހޯދިފައިވާކަން އޭނާގެ ގަބޫލު ކުރާ ކަމަށާއި އެ ހުރިހާ ކާމިޔާބާއެކު ގޮސް ޗައިނާގެ ސުޕާ ލީގްގައި ވަރުގަދަ ނަމަކަށް ވުމަކީ ބޭލްގެ އަމާޒެއް ކަމަށެވެ.

ޕްރިމިއާ ލީގަށް ބޭލް ކުޅުނުއިރު އޭނާ ވަނީ ޕީއޭއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރަށް ހޯދާފަ އެވެ. ރެއާލް މެޑްރިޑާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގް ހޯދި އެވެ. އޭގެ ތެރެއިން ދެފަހަރު ރެއާލް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބޭލް ކާމިޔާބު ކޮށްދިން މުހިންމު ލަނޑުތަކުންނެވެ.