ހަބަރު

ތުހުމަތުވި ބިއަރުގައި ބަނގުރާ ހިމެނޭ: ކަސްޓަމްސް

Jul 28, 2019
6

ރާއްޖެ އެތެރެކޮށް ވިއްކަމުންދާ "ޖާސްޓެލް" ނޮން އަލްކޮހޯލިކް ބިއަރު ގައި ބަނގުރާ ހިމެނޭ ކަމަށް ކަސްޓަމްސް އިން ކަށަވަރުކޮށްދީފި އެވެ.

ބަޔާނެއް މެދުވެރިކޮށް ކަސްޓަމްސް އިން ބުނީ އެ ބުއިމުގައި ބަނގުރާ ހިމެނޭ ކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ޝައްކު ކުރެވިގެން، މި އަހަރުގެ ޖޫން މަހުން ފެށިގެން އެ މައްސަލަވަނީ ބަލަން ފަށާާފައިވާ ކަމަށާއި އެ ބާވަތުގެ ބުއިންތައް 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެ ކުރަން ފަށާފައިވާއިރު އެންމެ ފަހުން މިފަދަ ބުއިމުގެ ޝިޕްމެންޓެއް ރާއްޖެ އެތެރެކޮށްފައިވަނީ އޮގަސްޓް 3، 2018 ގައި ކަމަށެވެ.

އަދި ބުނީ މިމައްސަލަ ބަލަމުން ދިޔައިރު ރާއްޖެ އެތެރެ ކުރުމަށްޓަކައި ގެނައި އޭގެ ޝިޕްމެންޓެއް މި މަހުގެ 19 ގައި ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށާއި އެ ބުއިންތަކުގައި 0.3 ޕަސެންޓަށް ވުރެ ގިނަނޫން މިންވަރަށް ބަނގުރާ އެކުލެވޭ ކަމަށް ލެބޯޓްރީ ތަހުލީލުން ކަސްޓަމަށް ސާބިތު ކުރެވުނީ މިމަހުގެ 21 ގައި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެ ބާވަތުގެ ބުއިންތައް އެތެރެކުރާ ފަރާތްތަކާއި ކަސްޓަމާ މުޢާމަލާތްކޮށް އެ ބުއިންތައް ބާޒާރުން ނެގުމާއި ގުޅޭ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއި އެކުގައެވެ. ހަމައެހެންމެ މިބާވަތުގެ ބުއިންތަކަކީ އަހަރުތަކެއް ވަންދެން ރާއްޖޭގެ ބާޒާރުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އައިސްފައިވާ ބުއިމަކަށް ވެފައި، މިއީ ގިނަ ބައެއްގެ ވިޔަފާރީގެ މަސްލަހާތާއި ގުޅިފައިވާނެ މައްސަލައެއްކަން ކަސްޓަމްސްއިން ފާހަގަ ކުރާ ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވެއެވެ.

"... މިމައްސަލާއާއި ގުޅިގެން އުފެދިދާނޭ އެންމެހާކަންކަން ޙައްލު ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ވާހަކަވެސް ދެންނެވީމެވެ. އަދި، ކުރިއަށްއޮތް ތަނުގައި މިފަދަ މައްސަލައެއް ތަކުރާރު ނުވާނޭކަން ކަށަވަރު ކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.