ލައިފްސްޓައިލް

ފައިމަގު ދުވަހު އެންމެނަށް ނޭވާލެވުނު!

މާލޭގެ މަގުތަށް ހަދައި ގާ އެތުރުމުގެ ކުރިއެވެ. އަބަދުވެސް ކުދިން ބޯޅަ ހިފައިގެން މަގުތަކުގައި ކުޅެއެވެ. ކޮރާ ކުޅުމާއި، އައިސްވޯޓާ އަދި ފައިގަ ތަޅާއާއި ފުޓުބޯޅަ އެވެ. އަސުރަށް ފަހާއި ހެނދުނެވެ. މެންދުރުގަޑިއެއްގައި ވެއްޖެއްޔާ ކުޅެ ނިންމާ ކައިރި ގެއަކުން ޖޫސްޕެޓީއެއް ބޯލާ ބައިސްކަލް ވެސް ދުއްވާލަ އެވެ. މިއީ ނުވަދިހައިގެ ކުރީކޮޅުގެ ހަނދާންތަކެކެވެ. އެއީ އެގޮތަށް މާލޭގައި މަގުތަކުގައި ކުޅެލަން ލިބުނު ފަހުގެ ޖެނެރޭޝަންއަށް ވާނެ އެވެ.

މިހާރަށް ބަލާއިރު މީހުން ގިނަވެ، ސައިކަލާއި ކާރު ގިނަވެ، ދުއްވާ އެހެން އެއްޗެހިވެސް މާލޭގައި ގިނަވީ އެވެ. ދުވާރަކީ ބައެއް ފިހާރަތަކުގެ ދާއިމީ މުދާ ހަރެކެވެ. ފެންފުޅި އާއި ވިއްކާ މުދަލުން ފުރާލަ އެވެ. ގަރާޖެއް ވިއްޔާ އެތަނަކުން ކުރާ މަރާމަތުގެ އެއްބައި އޮންނަނީ ދުވާރު މަތީގަ އެވެ. ގުދަނެއް ކައިރިވެއްޖެއްޔާ ޕެލެޓްތަކެވެ. މިހެންގޮސް ގިނަ ބްލޮކް ދުވާރު މަތީ އޮވެއެވެ. ހަމަޖެހިލައިގެން ހުއްޓި ހުރެލަން ޖާގެއެއް ނެތް އިރު ހިނގަން ވެސް އެހާ އުނދަގުލެވެ.

މަގުގެ ހާލާތު އޮންނަ ގޮތުން ހިނގާއިރު އަނގަވަތަށް ވެއްޓޭ އެތައް ފަހަރާ ވެސް ދިމާވެއެވެ.


ކުޑަކުދިންނަށް މަގުތަކުގައި ހަމަޖެހިލައިގެން ހިނގައެއް ނުލެވެއެވެ. ބޭރުގައި ކުޅުމުގެ ފުރުސަތެއް ނެތެވެ. ތޮއްޖެހި ބާރުބޮޑުވެފައިވާ މާލޭގައި ވެހިކަލްތަށް ގިނަކަމުން ކުދިންނަށް ބައިސްކަލު ދުއްވާލަން ދޫކޮށްލަން ރައްކާތެރިއެއް ނޫނެވެ.

މިނިވަން ދުވަހާއި ގުޅިގެން މަގުތަކުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކުރި ވަގުތުގައި ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ތުއްތު ކުދިން ނަލަ ހައްދާލައިގެން ސްޓްރޯލާއެއްގައި އެ ކުދިންގެ މަންމަމެންނާއެކު މަގުތަކުގައި ދުއްވާލާ މަންޒަރެވެ. އެއަށްވުރެ ބޮޑެތި ކުދިން އަމިއްލަ ބައިސްކަލުގަ އާއި އެކުދިންގެ ސުކޫޓަރާއި ކާރު މަގުމައްޗަށް ނެރެލައިގެން ހަމަޖެހިލައިގެން ދުއްވާލާ މަންޒަރެވެ.

ރިމޯޓް ކާރު ދުއްވުމާއި ބޮކި އެރުވުމާއި ފައިގަ ތަޅާ އަދި ފުޓްބޯޅަވެސް ކުޅޭ މަންޒަރެވެ. ކުޑަކުދިންގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި ހިނިތިންވުމެވެ. ބައެއް އާއިލާތަށް މުޅި އާއިލާއެއްކޮށެވެ. އެއްމެން އެއްކޮށް ހިނގާލަނީ އެވެ. ޒުވާނުން މަގުމެދުގައި ނަލަވެލައިގެން ހުއްޓި ހުރެ ފޮޓޯއެއް ނެގުމުގައެވެ.

ގޭތެރެއިން ބޭރަށް ނިކުމެލާ ވައިޖައްސާލާ އަވަށްޓެރި ކުދިންނާއި އެކު މިގޮތަށް ކުޅެލަން ލިބުމުން އެކުދިން ސްކްރީނަކަށް ގެއްލިފައި ތިބޭނެ ވަގުތު މަދުވާނެ އެވެ. ޓީވީ ސްކްރީނަށް ނުވަތަ އައިޕެޑަކަށް ގެއްލިފައި ހަރަކާތްތެރިވުން މަދުވުމުގެ ސަބަބުން އަންފިޓްވުމުގެ ފުރުސަތު ބޮޑެވެ.

ކުޅުމަކީ އޭގެ ތެރެއިން ކުދިންނަށް ކަންކަން ދަސް ކުރުމަށް ލިބޭ މުހިއްމު ފުރުސަތެކެވެ. ބޭރުގައި ކުޅުމުގެ ފުރުސަތު ކުއްޖާއަށް ހޯދައިދޭނަމަ އެ ކުދިން ކަންކަން ދަސް ކުރުން އިތުރުކޮށް ދެއެވެ. ދުވާލަކު މަދުވެގެން އެއްގަޑިއިރު ބޭރުގައި ވެސް ކުޅެން ފުރުސަތު ހޯދައި ދޭންވީ އެވެ. އަބަދު ގޭތެރޭގައި ބައިންދާ ކުއްޖާއަށްވުރެ ބޮޑަށް ބޭރުގައި ކުދިންނަށް ކުޅެން ފުރުސަތު ހޯދައި ދޭނަމަ، އެކުދިންގެ ބުންވަރާއި ފިޓްނަސް ވެސް އިތުރު ވެއެވެ.