(24 ޖުލައި 2019 އާ ގުޅޭ)
"މަން..........." ވައިއަޑަކުން ދާއިންގެ ދުލުން ކިޔާލެވުނެވެ. ހީވީ މުޅި މީހާ ގަނޑުވިހެންނެވެ. ތުވާލިއޮޅާލައިގެން އޮތް މަންހާގެ ދާދިގާތުގައި މަންހާއާއި ދިމާލަށް ގުދުވެލައިގެން އޮތް ވިޝާލްއަށް އޭނަ ފެނުނެވެ. އަދި ދާއިން ފެނުމުން ވިޝާލް ތެދުވިގޮތްވެސް އޭނައަށް ފެނުނެވެ.
"ޕިސް ޕިސް ޕިސް........ކަލޭމެން ދެމީހުންނަށްވާ ސާބަސް" ޒާރާ ދާއިންއަށްވުރެ ކުރިއަށް ޖެހިލަމުން އުނަގަނޑުގައި ދެފަރާތުން އަތްވިއްދާލާފައި ދެފަރާތަށް ބޯހޫރުވާލަމުން ބުނެލިއެވެ.
"ދާއިން، މަންހާ...........މަންހާ.........ފާހާނާއަށް ވެއްޓިފަ.........." ވިޝާލް ދާއިންއަށް ބުނެލިއެވެ. އޭނައަށް ހައިރާންކަމެއް ލިބުނީ ޒާރާ އެހެންބުނަން ޖެހުނު ސަބަބެއް ނޭގުމުންނެވެ. އަދި ދާއިންއަށް ނުގުޅިގެން އުޅެނިކޮށް އޭނަ އެހާ ހާސްވެފައިހުރެ އެކޮޓަރިއަށް ވަންނަންޖެހުނު ސަބަބެކެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ވިޝާލްއަށް އެނގުނެވެ.
"ދާއިން......." ކުރިމަތީގައި ހުރި ވިޝާލްގެ ސަބަބުން މަންހާއަށް ދާއިން ނުފެނުމުން ގޮވާލިއެވެ. އޭނައަށްވެސް މިވަނީ ކިހިނެއްކަން އޭރު އަދި ނޭގެއެވެ. ގައިގަ ހުރިއްޔާ ހުރި ހިތްވަރެއް ލާފައި ތެދުވަން މަންހާ މަސައްކަތްކުރީ ދާއިންގެ އެއްވެސް ޖަވާބެއްނުލިބުމުންނެވެ. ވިޝާލްއަށް އިޙްތިޔާރަކާއި ނުލާ ތެދުވަން މަސައްކަތްކުރަމުން ދިޔަ މަންހާގެ ގައިގާ ހިފަހައްޓާލެވުނެވެ.
"ކަލޭމެން ދެމީހުން ދޮރުތަޅުލައިގެން ކީއްތަ ތިކުރަނީ؟ މީ ދާއިންގެ ހަގު އަންބެއްނޫންތަ" ފަލަކް ބުނެލިއެވެ. އެއަޑުއިވި މަންހާ ސިހިގެންދިޔައެވެ. އޭނަގެ ދެލޯބޮޑުވެ ދާއިންއަށް އެއްފަހަރު އަނެއްފަހަރު ޒާރާއަށް ބަލާލެވުނެވެ. ވިޝާލްއަށްވެސް މަންހާއަށް ވީގޮތް ފެނުނެވެ.
"ކީކޭތަ ކިޔަންތިއުޅެނީ، ދޮރުހުންނާނީ ތަޅުނުލާ، ބަލަ ޒާރާއެއްނު މަގޭއަތަށް ނެހާދީފަ ބުނީ ގެންގޮސް ކުޑައެނދުގަ އެކުއްޖާ ބާއްވާށޭ، އަހަރެން ނުކުންނަނިކޮށް އިވުނީ ފާހާނާގަ ހުރި މަންހާ ހަޅޭލަވައިގަތް އަޑު" ވިޝާލް ކަންވީގޮތް ދާއިންއަށް ބުނެދޭންބޭނުންވާފަދަ ގޮތަކަށް ކިޔައިދިނެވެ.
"ކޮޓަރި ހުޅުވީ ދާއިންގެ އަތުން، އަދިވެސް ފޮރުވަން މަސައްކަތްކުރަނީތަ، މިދެމީހުންގެ ގުޅުން ހިނގާތާ މިހާރު ކިތަންމެ ދުވަހެއް، ނޭގެ ދަންވަރުވެސް މިގެއަށް ނުވައްދާކަމެއް.........ދޮންތައަށްވެސް ފެންނާނެ އަހަރެން އެޕާޓްމެންޓަށް ވަދެފަ ދޮރުތަޅުލިން، އެކަމަކު މި ވިޝާލް ފެނުނީ އެޕާޓްމެންޓަށް ވަދެހުއްޓަ..........." ޒާރާ މިހެން ބުނެ ފާހާނާ އާއި ދިމާލަށް ދިޔައެވެ. ދާއިންއަށް އެސްފިޔަ ޖަހާލުމެއްނެތި ބެލެނީ މަންހާއާއި ދިމާލަށެވެ. ކޮންމެވެސް ވަރަކަށް ތެމިފައިވާ އަދި އުނަގަނޑުންތިރީގައި ތުވާއްޔެއް އޮޅާލެވިފައިވާ އެހަށިގަނޑާ ދިމާލަށެވެ.
"ތިވާނީ އޭނަ ތަޅުދަނޑި ދިނީކަމަށް........." ފަލަކް ބުނެލިއެވެ. އެވަގުތު ޒާރާ ސިއްރުސިއްރުން ފާހާނާ ދޮރަށް ޖަހާފައިވާ ތަޅުދަނޑިފަތި ނެގިއެވެ.
"ދާއިން.............އެދޮގެއް..........ޕްލީޒް ބިލީވްމީ، އެކަހަލަ އެއްވެސް........" މަންހާގެ ޖުމްލަތައް މެދުކަނޑާލީ އޭނައަށް ބަލަންހުރި ދާއިން އިސްޖަހާލުމުންނެވެ. މަންހާއަށް ހީވީ އޭނަގެ ވަށައިގެންވި ކައުނުވެސް އެނބުރިގަތްހެންނެވެ. ދާއިންގެ އެހަރަކާތުން އޭނަ މަންހާއަށް އިތުބާރުނުކުރާކަން އެނގުނެވެ. ޒާރާގެ ނުބައި ވަސްވާހުގައި ދާއިން ހެއްލިދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. އެމީހުންގެ ރޭވުންތެރިކަން މޮޅުކަން ނިކަން ދެކެބަލާށެވެ.
"ދާއިންއަށް މަންހާގެ ހަގީގަތް މިހާރު އެނގިއްޖެ އެއްނު، ލޮލުންފެނި އަތުން ހިފުނީމަވެސް އަދިވެސް ދޮގު ހަދަން އެބައުޅެޔޭ..........މަންހާ މިވިޝާލް އާއި ހިތާވެގެން ނޫޅޭގޮތެއް................" ޒާރާގެ ވާހަކަ ހުއްޓުވާލީ ދާއިންއެވެ.
"ދެން ހެޔޮ..........ދެން ހެޔޮ............" ދާއިން މިހެންބުނެ ނުނިމެނިސް ކުއްލިއަކަށް ފެނުނީ ވިޝާލް ފާހާނާ ކައިރީ ހުރި ޒާރާގެ ކަރުގައި ހިފާ ގެންގޮސް ފާރުގައި ޖެއްސިތަނެވެ.
"އަދިއެއްފަހަރު ކަލޭ ބުނެބަލަ ތިބުނި ޖުމްލަތައް...........މަންހާއޭ ބުންޏަސް މަވަރުގެ ނުބައިމީހަކު ނުހުންނާނެ..........ހުރިހާ ކަމެއް ތިކުރަނީ ކަލޭމެން، ކަލޭމެންގެ ރޭވުންތެރިކަމުން މިއަދު އަހަރެން މިގެއަށް ގެނައީވެސް.........." ވިޝާލް ހީވަނީ ދެންމެ ދެންމެ ޒާރާގެ މޫނުމަތީގައި ޖަހާފާނެހެންނެވެ. އޭނައަށް އެމީހުން ދައްކާ ވާހަކަތައް އަޑުއަހަން ކުޅަދާނަނުވީއެވެ. ދާއިން ވަގުތުން އައިސް ވިޝާލް ދުރުކުރިއެވެ.
"އަހަންނަށް ފެންނަނީ ވިޝާލް މިގެއިން ނުކުންނަން" ދާއިން ވިޝާލްއަށް ބަލާލުމެއްނެތި ބުނެލިއެވެ.
"އެމީހުން ދައްކާ ވާހަކަތައް ދާއިން ގަބޫލުކުރަނީތަ، މަންހާގެ ގޮތް މިހާދުވަސްވީއިރުވެސް ދާއިންއަށް ހަމަ ނޭގުނުތަ" ވިޝާލް ހުރީ ވަރަށް ދެރަވެފައެވެ.
"އޭ ކަލޭ ކައިރީ ކާކުތަ ބުނީ މަންހާއަށް ވަކާލާތުކޮއްދޭން، ނުކުންނާށޭ ބުނީމަ ދާންނޭގިފަ ތިހުންނަނީ ކީއްވެތަ، ރަނގަޅީ ކަލޭ ތިހާ ވަރަށް ރަނގަޅު ކުރާ މިހިރަ ގޮތްކުޑަ އަންހެނާވެސް ގޮވައިގެން ދިޔައްޔާ.........." ޒާރާ ބާރުލާފައި އަޑުގެ ނެއްތަނަ ހަޅޭލަވައިގަތެވެ.
"ޒާރާ..........." ދާއިންވެސް ބާރަށް ބުނެލިއެވެ.
"ހީކުރަނީ ނުކެރޭނެ ކަމައްތަ، ދެން ކަލޭމެން ތިހީކުރާ ގޮތަކަށް ހީކުރަންވީ، އަހަރެން ނުކުރާކަމެއްނެތެއްނު އޭނަ އާއިއެކީ..........ބުނަން ދާއިން، އަހަރެން ކަލެއަށް ގަދަރުކުރަނީ މަންހާގެ ފިރިމީހާއަށްވެފަ އޭނަ ކަލެއަށް ކުރާ ގަދަރެއްގެ ބޮޑުކަމުން، އޭނަ ކަލޭދެކެ ވާލޯތްބެއްގެ ބޮޑުކަމުން.............އެކަމަކު މިއަދު އަހަންނަށް އެނގިއްޖެ ތީކިހާވަރެއްގެ މީހެއްކަން، މަންހާގެ އެއްވެސް އަގެއްނެއް މިއަދު ކަލޭގެ ކުރިމަތީ، އެއްފަހަރުވެސް ނުބުނެބުނު އޭނަ އެކަހަލަކަމެއް ނުކުރާނެއޭ...........އަދި ބުނަން އަހަރެން ޖެހިލުމެއްނުވޭ ބަދުނާމުވިޔަސް، މަންހާ މިހާރު ވަރިކޮއްލިޔަސް އަހަރެން މަންހާ އާއި ކައިވެނި ކުރާނަން........" ވިޝާލް ރުޅި އައިސްރަތްވެގެން ގޮސް މީހާ ތުރުތުރުލަމުން ދިޔައެވެ. އެވަގުތު އޭނަގެ ކަންފަތުގައި މަންހާގެ ރުއިމާއިއެކު އައި އަޑުޖެހުނެވެ.
"ވިޝާލް.............ދެން ދޭ..........ޕްލީޒް...........މިވަގުތު އެހަށްދޭ..........." ކޮރުޖަހަމުން ކަހަލަގޮތަކަށް ވިޝާލް އާއި ދިމާލަށް އެނބުރި ދެއަތްތިލަ ޖޯޑުކޮއްލާފައި މަންހާ ރޮމުން އާދޭސްކުރިއެވެ.
"މަންހާ.......އެމީހުން ހެދިހާ ގޮތެއް ހެދިގެން.........." ވިޝާލްގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
"ލީވް.............ޕްލީޒް..........." އަނެއްކާވެސް މަންހާ ބުނެލިއެވެ.
"މިގެއިން ނުކުމެގެން ދިއުމަށްފަހު ދެން އަހަރެން ދުވަހަކުވެސް ނާންނާނަން.........." ވިޝާލް ދާން ހިނގައިގަންނަމުން މަންހާއަށް ބުނެލިއެވެ. މަންހާއަށް ރަނގަޅަށްވެސް ރޮވުނީއެވެ. އޭނަ ދެން އެނބުރުނީ ދާއިންއާއި ދިމާލަށެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނައިގެތެރެއިން ދާއިންގެ މޫނަށް ބަލާލިއެވެ.
"ވަރިކޮއްފަ ގެއަށް ފޮނުވާލަންވީ............." ޒާރާ މަންހާ ކޮއްޕާލަން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރިން ދާއިން އޭނަ ހިފެހެއްޓިއެވެ. އަދި އަވަސް އަވަހަށް މަންހާގެ ކޮޓަރިން ނުކުމެ އެއެޕާޓްމެންޓުންވެސް ނުކުމެގެން ދިޔައެވެ. މަންހާއަށް އަޑުންއަޑުނަގާ ރޯންފެށުމާއިއެކު ކައިރީގައި ހުރި ފާރުގައި ނިތްޖައްސާލެވުނެވެ. ދާއިންއަކީ އޭނައަށް ލިބުނު ވަގުތީ އުފަލެއްކަމުގައިވެގެންދިޔައީއެވެ. އޭނަގެ ހިތްވެސް ރޮނީއެވެ. ގިސްލަނީއެވެ. ދާއިންގެ ކުރިމަތީ އޭނަގެ ބޮލުގައި އެޅިގެން އެދިޔައީ ކިހާ ބޮޑު އިލްޒާމެއްހެއްޔެވެ. އަނެއްކޮޅުން އެންމެ ގާތްކަމުގައި ދެކުނު ރަޙުމަތްތެރިޔާވެސް ގެއްލިގެން ދިޔައީއެވެ.
މޫމިނާ އޭނަގެ ކޮޓަރީގައި ކުދިފިޔަވަޅުތަކެއްގައި ފުރަންވާއިރަށް އޭނަ ގެންދަން ބޭނުންވާ އެއްޗެހި އަލަމާރިން ނަގަމުން ދިޔައެވެ. އޭނަވެސް ކޮޓަރިން ނުކުތީ އަޑުގަދަވެގެންނެވެ.
"ޒާރާ، ދަރިފުޅު ހާދަ ބާރަށް ވާހަކަދައްކަނީ ކިހިނެއްވީ، ދާއިންވެސް އެބަ އުޅެންދޯ، ރުޅިގަދަވެގެން ތިއުޅެނީ ކޮންކަމަކާ" މޫމިނާ ކޮޓަރި ދޮރުމަތީ މަޑުކޮއްލައިގެން ހުރެ އަހާލިއެވެ.
"ކީއްނުވަނީ..........." ޒާރާ ވާހަކަދައްކަން ފައްޓަން އުޅެނިކޮށް ދާއިން އެކަން ހުއްޓުވިއެވެ. އެއްވެސް ވާހަކައެއް މޫމިނާއަށް އެނގެން ދާއިން ބޭނުންނުވަނީއެވެ.
"ކަމެއްނުވޭ މަންމާ" ދާއިން ބުނެލިއެވެ.
"ކަމެއްނުވެޔޭ، ދާން ބުންޏަސް މިއަދު އަހަރެން މިވާހަކަ ނުދައްކައެއް ނުހުންނާނަން، މަންމައަށް އެނގޭތަ މަންހާގެ ވިޔާނުދާކަން، ހިލޭ ފިރިހެނެއް ވައްދައިގެން އޮއްވަ ދެންމެ ދާއިންގެ ލޮލުން އެމަންޒަރުދެކިފަ އެއައީ، ގޮތްކުޑަކަމާއި ލަދުހަޔާތްކުޑަވިޔަސް މީދެން ބޮޑުވަރުދޯ" ޒާރާ އަޑުގެ ނެއްތަނަށް ވާހަކަދެއްކިއެވެ.
"ނުވާނެ ތިހިނެއް، ޒާރާ ދައްކާކަށް ވަކިވާހަކައެއްވެސް ނޯވޭ ދޯ........" މޫމިނާއަށް ހީވީ ބިރުވެރިކަމެއް އިޙްސާސް ކުރެވުނުހެނެވެ.
"ދޮގެއް ނޫނޭ މީ، ދާއިންގެ ދެއަތުން ކޮޓަރި ތަޅުލާފަ ހުއްޓަ ހުޅުވީ، ހުޅުވިއިރު އެމަންހާއޮތީ........" ދާއިން ޒާރާގެ އަތުގައި ހިފާދަމައިގަންނަމުން ކޮޓަރި އާއި ދިމާލަށް ދިޔައެވެ. ފަލަކް އޭނަގެ ދެއެކުވެރިން ގޮވައިގެން އެބައިން ނުކުތީ އެމީހުން ދެން ތިބުމުގެ ބޭނުމެއްނެއްކަން އެނގޭތީއެވެ. ލިފްޓަށް އަރަމުން ފަލަކް އޭނަގެ ދެރަޙުމަތްތެރިންނާއި އަތްޖަހާލީ ލިބުނު ކާމިޔާބުންނެވެ.
ކާރުގައި އިން ވިޝާލްއަށް ތިން ހަތަރުފަހަރަށް ހުންގާނުގާ ޖަހާލެވުނެވެ. އޭނަގެ ހިތަށް އެއްވެސް ހަމަޖެހުމެއްނެތެވެ. އެދެލޮލުންވެސް ކަރުނަ އައިސްފިއެވެ. އޭނަ އެވަރަށް ދުވަހަކުވެސް ރުޅިއެއްނާދެއެވެ. އޭނައަކީ ރުޅިގަދަވެސް މީހެއްނޫނެވެ. އޭނަ އެންމެ ދެރަވަނީ މަންހާ އާއިމެދު ކަންތައްވެދާނެގޮތެއް ހިތައްއަރާފައެވެ. އެއަންހެން ކުއްޖާގެ ހިތްކުދިކުދިވެގެންދާނެވަރު ހިތަށް އަރާފައެވެ. އެމީހުން އެހިތް އިރާލީއެވެ. އެއްވެސް ރަޙުމަތްނެތިއެވެ.
"ޔޫ ޑޯންޓް ޑިޒާވް ހާ ދާއިން، ޔޫ ޑޯންޓް.........." ވިޝާލް ކާރުގެ ހުންގާނުބުރުގައި ދެއަތްއަޅުވާލަމުން މޫނުފޮރުވާލާފައި ބުނެލިއެވެ.
ފާރުގައި ބޯޖައްސާލައިގެން ހުރި މަންހާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އެންމެންގެ އަޑުތައް ކަންފަތުގައި ގުގުމަނީއެވެ. ވިޝާލް އާއި އޭނަ އާއި ގުޅުވައިގެން އެމީހުން ދެއްކި ވާހަކަތަކުގެ އަޑު އެކޮޓަރީގެ ހަތަރު ފާރުގެ ތެރޭ ހިފެހެއްޓިފައިވާކަހަލައެވެ. ލޯމައްޗަށް އަނދިރިވީ ކަމެއް ނޫނީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަ ގިނަވެގެންގޮސް ފުސްވީކަމެއް މަންހާއަކަށް ނޭގުނެވެ. އަރިއަޅާލިކަން އެނގުނެވެ. ކަނޑާފަވައްޓާލި ގަހެއްފަދައިން އެއްވެސް ބާރެއްނެތި ޓައިލްސްތަކުގެ މައްޗަށް މަންހާ ވެއްޓިގެންދިޔައެވެ. އެއާއިއެކު އަރިއަކަށް ޖެހުނު މަންހާގެ މޫނުމަތިން ބުމައާއި ދިމާލުން ފަޅައިގެން ދިޔައެވެ. އެވަގުތު އޭނައަށް އެހީވާނެ އެކަކުވެސް ނެތެވެ.
މޫމިނާ ހަރަކާތެއްނުކޮށް ގަބުވެފައި އިރުކޮޅަކު ހުރުމަށްފަހު ގޭތެރެއަށް ބަލާލެވުނީ އިމީ ފެންނަ ހިސާބެއްގައި ހުރިތޯއެވެ. ފެންނަން ނެތުމުން އަވަސް އަވަހަށް ސިޓިން ރޫމުގައި ހުރި ފޯނުން އިމީއަށް ގުޅާލިއެވެ.
"ހެލޯ.....ކޮބާ އިމީ.......ސޯފިއާ ދޯ، އިމީ ކައިރީ ބުނޭ އަހަރެން ބުންޏޭ ވީ އެންމެ އަވަހަށް އަހަރެންގެ ކޮޓަރިއަށް އަންނާށޭ" މޫމިނާ ބުނެލިއެވެ. ސޯފިއާއަށް ހީވީ މޫމިނާ ކޮންމެވެސް ކަމަކާ އިމީދެކެ ހިތްހަމަނުޖެހުނީ ކަމަށެވެ. އެހެންވެ އަވަސް އަވަހަށް އެވަގުތު ފާހާނާގައި ފެންވަރަށް އުޅުނު އިމީއަށް ގޮވާލާފައި ބުނެލިއެވެ. އިމީވެސް ވަރަށް ކަންބޮޑުވިއެވެ. މީގެ ކުރިން ދުވަހަކުވެސް މޫމިނާ އޭނަ ދެކެ ރުޅިއެއްނާދެއެވެ.
"ޒާރާއެއްނޫނޭ ރުޅިއަންނަންވީ، އަހަރެން ނުދައްކާށޭ ބުނީމަވެސް ޒާރާ ޖެހޭތަ ތިހާ އަނގަ ގަދަވާން، ކޮންމެވެސް ކަމެއްވެގެންދޯ އަހަރެން މަންމަ ކައިރީ ކަމެއްނުވޭޔޭ ބުނާނީ..........އަހަރެން ރުޅި ގަދަވެ ހަޅޭލަވަންވީ ކަމަކަށް ޒާރާ ކޮންރުޅިއެއްގަދަވެ އަޑުގަދަ ކުރާކަށް...........އަހަރެން މިހުރީ ވަރަށް ހިތްހަމަ ނުޖެހިފަ" ދާއިން ހިތްހަމަނުޖެހިފައި ހުރި ގޮތް ދައްކަމުން ބުނެލިއެވެ.
"މަށެއްނު މި ގޯސްވީ، އަހަރެން އެވާހަކަ ދެއްކީމަ ދޯ ގޯސްވީ، މަންހާ އެހެން އުޅުނީމަ ދާއިންއަށް އޭނަ ގޯހެއްނުވި، ނުފެނޭތަ ވިޝާލް އެމަންހާގެ ގައިމަތީގަ އޮތްތަން........ކީއްވެތަ ދާއިން އަދިވެސް އެމަންހާ ދިފާއުކުރަން ތިމަސައްކަތް ކުރަނީ، އޭނަގެ ގޮތެއްފޮތެއްނެއްކަމެއްނު މިއަދު މިފެނުނީ........." ދާއިން ބުނިއެއްޗަކުން ޒާރާ ވަގުތުން ރުޅިއައެވެ. އެކަމާ ރައްދު ޖަވާބުވެސް ދިނެވެ.
"ޒާރާ............" ކޮޓަރީގެ ތެރެއިން ބެލްކަންޏަށް ނުކުމެވެން ހުންނަ ދޮރާދިމާލުގެ ފާރުގައި އަތްވިއްދާލައިގެން ހާސްވެފައި ހުރި ދާއިން ބާރަށް ހަޅޭލަވައިގަތެވެ. އަދި ޒާރާ އާއި ދިމާލަށް އެނބުރި ބަލާލުމަށްފަހު ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ޒާރާއަށް ކުއްލި ސިހުމެއް ލިބުނެވެ. އަދި އޭނައަށް ދާއިންގެ މޫނުމަތިން ރުޅިވެރިކަން ފެނިގެންދިޔައެވެ.
"މެޑަމް.......އަޅުގަނޑު......." އިމީ އައިސް މޫމިނާގެ ކޮޓަރިއަށްވަދެ އަވަސް އަވަހަށް ވާހަކަދައްކަން އުޅުނެވެ. ނަމަވެސް މޫމިނާ އޭނަގެ ވާހަކަ މެދުކަނޑާލިއެވެ.
"ހިނގާބަލަ އަހަންނާއިއެކު މަންހާގެ އެޕާޓްމެންޓަށް" އެކަނި ހާލައިގެން ހިނގާބިނގާވެ އުޅެން މިހާރު އުނދަގޫވެފައިވާ މޫމިނާ އިމީއަށް ބުނެލިއެވެ. އިމީ އަވަސް އަވަހަށް އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެނދުގައި އިށީނދެލައިގެން އިން މޫމިނާ ތެދުވުމަށް އެހީތެރިވެދިނެވެ.
"އެމީހުން ދައްކާ ވާހަކައެއް އަހަންނަކަށް އެއްގޮތަކަށްވެސް ގަބޫލެއްނުކުރެވޭ، އެފަދަ އުޅުންހުރި ރަނގަޅު އަޙުލާގެއްގެ ކުއްޖަކު އަހަރެން ނުދެކެން، ޒާރާ އަނެއްކާ އެމަންޖެބޮލުގައި ދޮގު ތުހުމަތެއް އަޅުވަނީބާ، އިމީ އަޅެ ކަލެއަށް ހީވޭތަ މަންހާ އަކީ ގޯސް މީހެއްހެން........އޭނަ ދާއިން ނޫން ފިރިހެނަކާއިއެކު އެފަދަ ގުޅުމެއް ހިންގަފާނެހެން" މޫމިނާ ހާސްކަމުގެ ތެރެއިން އަމިއްލައަށް ވާހަކަދައްކަމުން ގޮސް އިމީގެ ގާތުން އަހާލިއެވެ.
"މެޑެމް، މަންހާ ބޮސްދެކެ ލޯބިވަނީ، އެހެން ކުދިން ނުގެނޭ މިގެއަށް، މަންހާގެ ބެސްޓް ފުރެންޑު އާދޭ، ވިޝާލް ސަރ، ވަރަށް ރަނގަޅު މީހެއް...........މަންހާ ގޯސް ނުވަނީ، މެޑަމް އެހީމަ ބުނަނީ، ޒާރާ މޭމް އެހާ ރަނގަޅު ނޫނީ، މަންހާދެކެ ރުޅިއާދޭ........." މޫމިނާގެ ވާހަކަތައް އަޑުއަހަން ހުރެފަ އިމީގެ ހިޔާލު މޫމިނާ ހޯދުމުން ބުނެލިއެވެ.
"އާން، އަހަންނަށްވެސް ހީވަނީ ތިފަދަ ގޮތަކަށް، ދާއިން ވިސްނަންވާނެ، އަހަރެން އޭނަ ދެވަނަ ކައިވެންޏެއް ކުރަން ބާރު އެޅީ، އަދި މަންހާ ފަދަ ކުއްޖަކު އަހަރެންގެ ދާއިންގެ ހަޔާތަށް އައީތީ ވަރަށް އުފާވެސްކުރިން، އެކަމަކު ފަހަރެއްގަވެސް ހިއެއްނުކުރަން ދާއިން ދެއަންބިންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅެފާނެއެކޭ، އެއަށްވުރެ އަހަރެން ދެކެނީ ދާއިންއަކީ މާވިސްނޭ މީހެއްގެ ގޮތުގައި" މޫމިނާ އަދިވެސް އިމީ އާއި ވާހަކަދައްކަމުންދިޔައެވެ. ދުވަސްވީ ނޯކަރަކަށްވެފައި ގޭގެ ކަންތައްތައް ކައިރިން ފެންނާނެ އެކަކަށް އިމީވާނެއެވެ. ގޭތެރޭގެ ވާހަކަތައް ނޯކަރަކާއި ދެކެވެނީ އެހެންވެކަންނޭގެއެވެ. މޫމިނާއަކީ ދުވަހަކުވެސް މީހުންގެ ފެންވަރުބަލައިގެން ވާހަކަދައްކާ އުޅޭމީހެއްވެސް ނޫނެވެ. މަންހާގެ އެޕާޓްމެންޓާއި ހަމައަށް އާދެވުމާއިއެކު އަތުގައި އޮތް ތަޅުދަނދިފަތި އިމީއަށް ދިއްކޮއްލިއެވެ. އިމީ މަންހާގެ އެޕާޓްމެންޓުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނުމަށް މޫމިނާއަށް އެހީތެރިވިއެވެ.
"ނެހާ ހާދަވަރަކަށް ރޯއަޑު އެއިވެނީ، މަންހާ.............ދަރިފުޅާ..........................މަގޭ ދަރި........އިމީ އަވަހަށް ގޮސް އޭނަ ނެގޭތޯ އުޅެބަލަ، އަނެއްކާ ނޭވާލާތަ، ދާއިންއަށް ގުޅާބަލަ........" މަންހާގެ ކޮޓަރިތެރެއަށް ވަތް މޫމިނާއަށް ވެއްޓިފައިއޮތް މަންހާ ފެނުނީ އެތެރެއަށް ވަކިވަރަކަށް ވަތްފަހުންނެވެ. ދުވަފައި މަންހާގެ ގާތަށް ދާންބޭނުންވިއެއްކަމަކު މިއަދު އޭނަގެ ހާލަތު އެކަމަށް ތަނެއްނުދެއެވެ. އިމީއަށް އަވަސްވެގަތުމަށް އެދެމެން މަޑުމަޑުން ތަންތަނުގައި ހިފަހައްޓައިގެން މަންހާގެ ގާތަށް މޫމިނާދިޔައެވެ.
"އެބަ ނޭވާލާ، ފެއިންޓުވީ ކަންނޭގެ، ބޯވެސް ފަޅައިގެން ގޮސްފަ......." އަރިއަކަށް ބަންޑުން ވެއްޓިފައިއޮތް މަންހާ އުއްޑުން ޖަހާލުމަށްފަހު އިމީވެސް އެންމެ ފުރަތަމަ ބެލީ މޫމިނާ ބުނިހެން މަންހާ ނޭވާލާތޯއެވެ. ނިތްކުރިމަތިން ފައިބައިފައިވާ ލެއިން މަންހާގެ ކަނާތުލޯމަތިވަނީ ފުދޭވަރަކަށް ފޮރުވިފައެވެ. އިމީ ފާހާނާއަށް ވަދެ ކުޑަތުވާލިކޮޅެއް ތެތްމާލާއިގެން ގެނެސް މަންހާގެ ނިތްކުރީގައި ޖައްސާލިއެވެ. އަދި މަޑުމަޑުން ލޭތަށް ސާފުކުރެވޭތޯ އުޅުނެވެ.
"އިމީ، އެހަށް ދޭބަލަ ނެހާ ގެނެސް މަގޭ އަތަށް ދޭން، ދެންގޮސް ދާއިންއަށް ގުޅާފަ ބުނޭ މަންހާ ވެއްޓިފައޮތްވާހަކަ، އަދި ބުނާތި އަހަރެން ބުންޏޭ ހަމަ މިހާރު އަންނާށޭ މިބަޔަށް" މޫމިނާގެ އަޑުގައިވަނީ ހަރުކަށިކަމެވެ. އިމީ ބޯޖަހާލަމުން ނެހާގެ ކޮޓަރިއަށްވަނެވެ. އޭރު އެކުއްޖާ ރޮއެ ރޮއެ ހިނދެންކައިރިވެއްޖެއެވެ. ނެހާ ރޯންފެށީ މަންހާ ޚަބަރުހުސްވެގެން ވެއްޓުނު އަޑުއިވި ސިހިގެންނެވެ. މޫމިނާ އެނދުގެ ފައިލާކޮޅުގައި އިށީނީ ކޮޅަށް ގިނައިރު ނުހެރިވިގެންނެވެ. އެވަގުތު އިމީވެސް ނެހާގެނެސް މޫމިނާގެ އަތަށް ދީފިއެވެ. އަދި ދާއިންއަށް ގުޅުމަށް އަވަސްވެގަތެވެ. ވަގުތުން ނެހާ މަސަލަސްކުރެވޭތޯ މޫމިނާ އުޅުނެވެ. ނެހާއަށް ރޮވިފައިވާލެއް ބޮޑުކަމުން އެކުއްޖާ ރޯތާ ވަރަށް އިރުވެއްޖެކަން މޫމިނާއަށް އެނގުނެވެ. އަދި ހުއްޓުވާލުން ފަސޭހަކަމަކަށް ނުވާނެކަންވެސް އެނގެއެވެ.
ދާއިން މަންހާގެ ކޮޓަރިއަށް އައިއިރު އިމީ މަންހާގެ މޫނުމަތި ސާފުކޮއްލުމާއިއެކު ޓައިލްސްތަކުގައިވާ ލޭތަށްވެސް ސާފުކޮއްލަނީއެވެ. ރަތްކުލަ އަރާފައިވާ ހުދު ތުވާލިކޮޅަށާއި ދެލޯ މަރާލައިގެން އޮތް މަންހާއަށް ދާއިން ބަލާލިއެވެ.
"ކިހިނެއްތަވީ؟ މަންހާ ވެއްޓުނީ ކީއްވެ؟" ދާއިން އަވަސް އަވަހަށް އައިސް މަންހާގެ ކައިރީ ދެކަކޫ ޖަހާލަމުން އަހާލެވުނެވެ. އޭނަވެސް ހުރީ ކަންބޮޑުވެފައިކަން އެނގެއެވެ.
"ދަރިފުޅު ބުނެބަލަ، މަންހާއަށް މިހެންވެފަ އޮއްވަވެސް ދަރިފުޅު ދިޔައީތަ؟ ނެހާ ރޮއެ ރޮއެ ހަލާކުވާއިރުވެސް ދަރިފުޅަށް އަޑުވެސް ނީވުނީތަ؟" މޫމިނާގެ އަޑުގައިވާ ހިތްހަމަ ނުޖެހުން ދާއިންއަށް އެއްވެސް ހުރަހެއްނެތި އިޙްސާސް ކުރެވިގެންދިޔައެވެ.
"މަންމާ، އަޅުގަނޑަކަށް ނޭގެއޭ، އަޅުގަނޑު މިތަނުން ނުކުތްއިރު މަންހާވެސް ހުރީ ރަނގަޅަށް ނެހާވެސް ނުރޮއެ..........." ދާއިން ކަންބޮޑުވުމާއިއެކު ދެރަވެފައި އިނދެ ބުނެލިއެވެ.
"ދެންވެސް އޭނަ ހޮސްޕިޓަލަށް ގެންދެވޭތޯއެއްނު އުޅެންވީ، މަންމަ ނެހާ މަސަލަސް ކުރެވޭތޯ މިބަލަނީ، ބުނަން އިތުރު މީހަކު ގެންދަން ހަދާނެކަމެއްނެއް، އެހީވާން އިމީ ހުންނާނެ......." މޫމިނާ ދެންވެސް ވާހަކަދެއްކީ ހަމަ ކުރީގެ ރާގުގައެވެ. ހިތްހަމަނުޖެހިފައި ހުރިކަން ފާޅުކުރަމުންނެވެ. ދާއިން އޭނަގެ މަންމައަށް އެއްވެސް އެއްޗެއް އިތުރަށް ބުނަން ބޭނުމެއްނުވިއެވެ. އޭގެ ބަދަލުގައި އޭނަ ބެލީ މަންމަ ބުނިހެން އަވަހަށް މަންހާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. ވަގުތުން ޖީބުގައި އޮތް ފޯނު ނަގާ އާމޯސްއަށް ގުޅާލާފައި ގަރާޖުން ކާރު ނެރެ ތައްޔާރު ކުރުމަށް އެދުނެވެ. އަލަމާރި ހަދާފައިވާ ކުޑަކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ތަރުތީބު ކުރެވިފައިވާ މަންހާގެ ހެނދުންތަކާއި ދާއިންގެ ހެނދުންތައް ފެނިގެންދިޔައެވެ. އެހެންނަމަވެސް އޭނަގެ ކަންފަތުގައި ގުގުމާލީ ޒާރާގެ އަޑެވެ. ލޮލަށް ސިފަވެގެންދިޔައީ އެކޮޓަރިއަށް އޭނައަށް ވަދެވުނުއިރު ވިޝާލް އާއި މަންހާ ތިބިގޮތެވެ. އެންމެ ހިތަށްތަދުވީ މަންހާގެ ހަށިގަނޑުގެ ބައެއް ފެންނަންޖެހޭވަރަށްވުރެ ބޮޑަށް ފާޅުވެފައިވީތީއެވެ. ދެލޯމަރާލުމަށްފަހު އޭނަ އެމަންޒަރު ލޯކުރިމަތިން ފޮހެލަން މަސައްކަތްކުރަމުން އެތެރެއަށްވަދެ މަންހާގެ ހެނދުމެއް ނަގައިގެން ނުކުތެވެ.
"ކީއްކުރަން ތިއުޅެނީ" މޫމިނާ ސުވާލުކުރިއެވެ.
"މަންމާ، މަންހާ އެހެން އޮއްވަ ގޮވައިގެން ދާކަށް އަޅުގަނޑަކަށް ނުކެރޭނެ........" ދާއިން ބުނެލިއެވެ. މޫމިނާއަށްވެސް އެކަން ދެނެގަނެވުނީދެނެވެ. އޭނަ އިމީގެ އެހީގައި ނެހާ އުރާލައިގެން ހުރެ އެކޮޓަރިން ނުކުތީ ދާއިންއަށް މަންހާ އާއިއެކު އެކަނިވުމަށް ވަގުތުދެމުންނެވެ. ދާއިން މަންހާގެ މޫނަށް ބަލަން އިރުކޮޅަކު އިނުމަށްފަހު އޭނަ ލައިގެން ހުރި ގަމީސް ބޭލިއެވެ. އޭރުވެސް އޭނަ ހުރީ އޮފީހަށް ދާން ލައިގެންހުރި ހެނދުމުގައެވެ. ލައިގެން ހުރި ފަޓުލޫނުވެސް ސޯޓަކަށް ބަދަލުކޮއްލުމަށްފަހު މަންހާގެ ފައިކޮޅުގައި އޮޅާލެވިފައިވާ ތުވާލިނައްޓާލިއެވެ. އަދި މަންހާގެ ހަށިގަނޑަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ހިޔާލުތަކުގެތެރެއަށް ގެއްލިފައި އިންއިރު ނުބައިވަސްވާސްތަކުން އޭނަގެ ސިކުނޑިފުރެމުންދިޔައެވެ. ދާއިން ދެއަތުގެތެރޭ މޫނުފޮރުވާލާފައި ނިތުގައި ބާރަށް ހިފަހައްޓާލިއެވެ. އޭނައަށް މިހުރިހާ ކަމަކާ ދުރުގަ ވިސްނާލަން ވަގުތު ބޭނުންވަނީއެވެ. ކަންތައް ހިނގާދިޔައީ އެހާ ކުއްލިގޮތަކަށެވެ. ދާއިންއަށް ހަމަހޭވެރިކަމެއްވީ މޫމިނާ ބުނެގެން އިމީ އައިސް ދޮރުގައި ޓަކި ޖަހާލުމަށްފަހު ގޮވާލުމުންނެވެ. އޭނަ އެނދުމަތީގައި އޮތް ޓޮޕްކޮޅާއި ސްކާރޓްއަށް ބަލާލާފައި އޭގެތެރެއިން ސްކާރޓްނަގާ މަންހާގެ ފައިކޮޅުން އަރުވާލާފައި އުނަގަނޑަށް ހެޔޮވަރުކޮށް ޒިބުއަޅުވާލިއެވެ. އަދި މަންހާ ނަގައިގަނެގެން ކޮޓަރިން ނުކުތުމުގެ ކުރިން ޒައުލްއަށް ގުޅިއެވެ.
"އެހެންވީރު މަޑުކުރޭ ގޭގަ، އަހަރެން މިދަނީ މިކޮޅުން ޑޮކްޓަރެއް ގޮވައިގެން.........." ކްލިނިކްގައި އެވަގުތު ހުރި ޒައުލް ދާއިންއަށް ފޯނުން ޖަވާބުދެމުން ބުނެލިއެވެ. ޒައުލް އެއްބަސްވަމުން ފޯނު ބާއްވާލިއެވެ. އަދި މަންހާ ނަގާ އެނދުގައި ބާއްވާލާފައި މޫމިނާއަށް އެޚަބަރު ދިނެވެ. އަދި ޒައުލް އަންނަން ދެން އޭނަ އިނީ ސިޓިން ރޫމު ސޯފާގައެވެ. މޫމިނާއަށްވެސް އެކަން ފާހަގަ ކުރެވުނެވެ.
"ދަރިފުޅަށް ޔަގީންވެގެންތަ ތިގޮތަށް ތިއުޅެނީ، ކުއްހީއެއްގެ މައްޗަށް އަންބިމީހާ ނިކަމެތިކޮއްލެވުމަކީ ފާފައެއް.........." މޫމިނާ ދާއިންއަށް ވިސްނާދޭން ބޭނުންވާފަދަ ގޮތަކަށް ބުނެލިއެވެ.
(ނުނިމޭ)