ކުޅިވަރު

ރަންވަނަ ޓީމު އަންނަނީ: އެންމެން ފާލަން ދޮށަށް!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ރަން ވަނަތައް ހޯދި ރާއްޖޭގެ އެތުލީޓުންގެ ޓީމު މިއަދު މާލެ އަންނާނެ އެވެ. އެ ޓީމަށް ކުލަގަދަ މަރުހަބާއެއް ކިއަން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ކުލަގަދަ ހަފުލާއެއް ބާއްވަން ވަނީ ތައްޔާރު ވެފަ އެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ކިޔާ މަރުހަބާއަށް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ގައުމަށް ލިބުނު ރަން ކާމިޔާބުގައި ވެވޭ ބޮޑު ހިއްސާއަކަށް ވެގެން ދާނެ އެވެ. ޖުމުހޫރީ މައިދާން ސަރަހައްދަށް މީގެ ކުރިން އެންމެ ގިނަ ބަޔަކު އެއްވެ ޖަމާވީ ވެސް ގައުމަށް ލިބުނު ރަން ކާމިޔާބީއެއް ފާހަގަ ކުރާށެވެ.

ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބު ކުރި ޓީމަށް މަރުހަބާ ކިޔުމަށް އެތައް ސަތޭކަ ބަޔަކު ޖަމާވި އެވެ. އެ އަހަރަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ހަލޮބޮލި އެއް ދުވަސްވަރެވެ. ނަމަވެސް ސިޔާސީ ހިޔާލު ތަފާތުވުންތައް ދޫކޮށް އެތައް ބަޔަކު ޖުމުހޫރީ މައިދާނަށް ޖަމާވީ ގައުމީ ޖޯޝާއި ފޯރީގަ އެވެ.

އެތައްބަޔަކު ރަތް ކުލާގައި މާލެ ތެރެއަށް ނުކުތެވެ. ގައުމީ ކުލައިން މުޅި ޖުމުހޫރީ މައިދާން އެއް ކުލަ ކޮށްލި އެވެ. ރަތް ދޫލައިގެ މައްޗަށް ޓީމު ފައިޖައްސާލުމުން އެތަނަށް ޖަމާވެތިބި މީހުންގެ ހަޅޭކުގެ އަޑުން މުޅިތަން ގުގުމައިގެން ދިޔަ އެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ، ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ކުޅިވަރު މުބާރާތަކުން ރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އޮލިމްޕިކް ކޮމިޓީން އަމާޒު ކުރީ 15 މެޑަލަށެވެ. އެ އަދަދަށް މެޑަލް ހަމަ ކުރީ އެތުލީޓުންވީ ބޮޑު ގުރުބާނީއަކުންނެވެ.

ޓީޓީގެ ތަރި، ފާތުމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ހޯދި ކާމިޔާބަކީ މަލްޓީ ސްޕޯޓްސް އިވެންޓެއްގައި ރާއްޖޭގެ އެތުލީޓުންތަކެއް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. ޓީޓީގެ އަންހެން ޓީމުން އެކަނި ތިން ރަން މެޑަލް ހޯދި އެވެ. އެ ޑަބަލްސް އާއި ސިންގަލްސް އިވެންޓުން މެޑަލް ހޯދި އެވެ.

ބޭޑްމިންޓަންގެ ދެ ތަރިން ކަމަށްވާ، އާމިނަތު ނަބީހާ އަބްދު ރައްޒާގާއި އެނާގެ އެއްމާބަނޑު ދައްތަ ފާތިމަތު ނަބާހާ އަބްދު ރައްޒާގް ހޯދީ ކާމިޔާބަކީ ރާއްޖޭގެ ބޭޑްމިންޓަންގެ ހަޔާތުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އެ ކުޅުންތެރިންވީ ގުރުބާނީ ފާހަގަ ކުރުމަށް މިއަދު ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެ އެ ޓީމަށް ހިތްވަރު ދިނުމަކީ ގައުމެއްގެ ހަޔާތުގައި ވެވޭ މުހިންމު ހިއްސާ އެކެވެ.