ދުނިޔެ

ޔޫރަޕް ލަޝްކަރާހެދި ގަލްފު ކަނޑުގެ ހަމަޖެހުން ގެއްލޭނެ: އިރާން

އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އިރާންގެ އިގްތިސޯދީ ސަރަހައްދުގައި ހިމެނޭ ހޮރުމުޒް ކަނޑު އޮޅިން ހިފެހެއްޓި މައްސަލައިގައި އެ ސަރަހައްދު ހިމެނޭ ގޮތަށް ގަލްފު ސަރަހައްދަށް ފޮނުވާ ޔޫރަޕްގެ އަސްކަރީ ކޯލިޝަންގެ ސަބަބުން ގަލްފު ކަނޑުގެ އަމާންކަން ގެއްލި ހަމަނުޖެހުމަށް މަގުފަހިވާނެ ކަމަށް އިރާން ސަރުކާރުގެ ތަރުޖަމާނު އަލީ ރަބީލް ވިދާޅުވެއްޖެ އެވެ.

އިރާނުން އިނގިރޭސިވިލާތުގެ ޓޭންކަރު ހިފެހެއްޓީ ބައިނަލް އަގްވާމީ ކަނޑު ދަތުރު ކުރުމުގެ ގަވާއިދާ ހިލާފުވުމުން ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ މައްސަލައިގައި ދެ ގައުމުން ބަހުގެ ހަމަލާތަށް ބަދަލު ކުރަމުން ދަނިކޮށް އިނގިރޭސިވިލާތުން ނިންމީ ޔޫރަޕްގެ ގައުމުތަކާއި ގުޅިގެން ކޯލިޝަނެއް އުފެއްދުމަށެވެ.

އަސްކަރީ ކޯލިޝަނާއި ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ރަބީލް ވިދާޅުވީ، ގަލްފު ކަނޑުގެ ސަރަހައްދުން އެންމެ ގިނައިން ތެޔޮ އުފުލުމުގެ މަސައްކަތް ކުރަނީ އިރާން ކަމަށްވުމުން ކަނޑުގެ ސަރަހައްދު ބަލަހައްޓަން ޖެހޭނީ އިރާންގެ އަސްކަރިއްޔާއިން ކަމަށެވެ.

"އަޅުގަނޑުމެންނަށް އަޑު އިވިފައި ވަނީ ޔޫރަޕުގެ ލަޝްކަރެއް ޕާޝިއަން ގަލްފު ކަނޑުގައި ހަރަކާތްރެރިވާން އުޅޭ ކަމުގެ، އެކަމުގެ ސަބަބުން ސަރަހައްދުގެ އަމާންކަން ގެއްލި ހަމަނުޖެހުމަށް މަގުފަހިވާނެ. ގަލްފު ކަނޑު އެންމެ ގިނައިން ބޭނުން ކުރަނީ އިރާނުން، އެހެންވީމާ އެސަރަހައްދު ބަލަހައްޓަން ޖެހޭނީ އިރާނުން" ރަބީލް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން އިސްވެ އޮވެ އުފައްދާ ކޯލިޝާނާއި ގުޅޭނެ ކަމަށް މިހާތަނަށް ބުނެފައިވަނީ ހަތަރު ގައުމަކުންނެވެ. އެއީ އިޓަލީ އާއި ޑެންމާކާއި ފްރާންސް އަދި ނެދަލޭންޑެވެ. ޕާޝިއަން ގަލްފު ސަރަހައްދާއި ހޮރޮމުޒް ކަނޑު އޮޅިއަކީ ތެޔޮ އެކްސްޕޯޓް ކުރުމުގައި އެންމެ ގިނައިން ބޭނުންކުރާ ކަނޑުގެ މަގެވެ.

ކޯލިޝަން އުފައްދަނީ މި ސަރަހައްދުތަކުން ދަތުރުކުރާ ޓޭންކަރުތަކަށް އިރާންގެ ކިބައިން ކުރިމަތިވާ ބިރުވެރިކަމުން ސަލާމަތް ކުރުމަށް ކަމަށް އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޖެރެމީ ހަންޓް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ކޯލިޝަން އުފެއްދުމާއި ދެކޮޅަށް އިރާންގެ އަސްކަރިއްޔާ އަދި ފޮރިން މިނިސްޓްރީން ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.