ދުނިޔެ

އިރާނުން އަނެއްކާވެސް ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް އަރަބި ގައުމަކަށް ތެޔޮ ގެންދާކަމަށް ތުހުމަތުކޮށް އިރާނުން ގަލްފު ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި އެވެ. މިއީ ގަލްފު ސަރަހައްދުން ގަވާއިދާ ހިލާފުވިކަމަށް ބުނެ އިރާނުން ހިފެހެއްޓި ތިން ވަނަ ޓޭންކަރެވެ.

އިރާން އަސްކަރިއްޔާގެ ކޮމާންޑަރެއް ކަމަށްވާ ރަމީޒަން ޒިރާހީ ވިދާޅުވީ، ޓޭންކަރު ހިފަހައްޓާފައިވަނީ އިރާންގެ ރަށެއް ކަމަށްވާ ފާސީ ރަށް ކައިރިން ހަތް ލައްކަ ލީޓަރުގެ ޑީސަލް ގަވާއިދާ ހިލާފަށް ގެންދަނިކޮށް ކަމަށެވެ.

"ޕާޝިއަން ގަލްފު ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް އަރަބި ގައުމުތަކަށް ތެޔޮ ގެންދަން އުޅުނު ޓޭންކަރެއް ވަނީ ހިފަހައްޓާފަ" ރަމީޒަން ޒިރާހީ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ތެޔޮ ގެންދަނިކޮށް ހިފަހައްޓާފައިވަނީ ކޮން ގައުމެއްގެ ޓޭންކަރެއްކަން އިރާނުގެ އަސްކަރިއްޔާއިން ބުނެފައެއް ނުވެ އެވެ. އިރާނުން ވަނީ މީގެ ކުރިން ގަލްފު ކަނޑުގެ ސަރަހައްދުގައި ހިމެނޭ ހޮރޮމުޒް ކަނޑު އޮޅިން ދަތުރުކުރި އިނގިރޭސިވިލާތާއި ޔޫއޭއީގެ ޓޭންކަރެއްވެސް ހިފަހައްޓާފަ އެވެ.

އިރާނުން އަނެއްކާވެސް ޓޭންކަރެއް ހިފަހައްޓާފައިމިވަނީ، އިނގިރޭސިވިލާތުގެ ޓޭންކަރު ހިފެހެއްޓުމުން ގަލްފު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯލިޝަނެއް ހަދަމުން ދަނިކޮށެވެ. ގަލްފު ކަނޑުން ދަތުރުކުރާ ޓޭންކަރުތަކަށް އިރާނުން ބިރު ދައްކާކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފަ އެވެ.

ޓޭންކަރު ހިފެހެއްޓި މައްސަލައިގައި ގައުމުތަކުން ދަނީ އިރާނަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އެގައުމުތަކުގެ ތެރޭގައި ޔޫއޭއީ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.