އޮސްޓްރޭލިއާ

ހޮރުމުޒް ކަނޑުއޮޅި ބަލަހައްޓާ ލަޝްކަރާ އޮސްޓްރޭލިއާ ގުޅިއްޖެ

އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އިރާންގެ އިގްތިސޯދީ ސަރަހައްދުގައި ހިމެނޭ ހޮރުމުޒް ކަނޑު އޮޅިން ހިފެހެއްޓި މައްސަލައިގައި އެ ސަރަހައްދު ބެލެހެއްޓުމުގެ ބޭނުމުގައި އިނގިރޭސިވިލާތް އިސްވެ އޮވެ އުފައްދާ އަސްކަރީ ކޯލިޝަނާއި އޮސްޓްރޭލިއާ ގުޅިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން މިއަދު ވިދާޅުވީ، ހޮރްމުޒް ކަނޑުގެ ސަރަހައްދެ ބެލެހެއްޓުމަށާއި، އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އޮސްޓްރޭލިއާގެ ސިފައިން ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ. މޮރިސަން ވިދާޅުވީ، ހޮރްމުޒް ކަނޑު އޮޅީގެ ސަރަހައްދަކީ އޮސްޓްރޭލިއާއާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ސަރަހައްދަކަށް ވުމުން، އެ ސަރަހައްދުގައި ހިނގާ އެއްވެސް ކަމަކާ އަޅާނުލައި ނުހުންނާނެ ކަމަށެވެ.

"އޮސްޓްރޭލިއާއަށް ވެސް މުހިންމު އަދި އޮސްޓްރޭލިއާ ގުޅިލާމެހިފައިވާ ސަރަހައްދެއް، އިރާންގެ އަމަލުތަކުގެ ސަބަބުން އޮސްޓްރޭލިއާ އަށް އުނދަގޫތަކެއް ކުރިމަތިވާނެ، ހޮރްމުޒް ކަނޑުގައި އިރާން ހިންގީ ނާތަހުޒީބީ އަމަލުތަކެއް" މޮރިސަން ވިދާޅުވި އެވެ.

ހޮރޮމުޒް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގޮތުން، ސަވައިވަލެންސް މަތިންދާބޯޓެއް އެއް މަސް ދުވަހަށް ފޮނުވާނެ ކަމަށްވެސް މޮރިސަން ވަނީ ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރު ހަ މަސް ދުވަހަށް މެދު އިރުމަތީގެ އެހެނިހެން ހިސާބުތަކަށް ވެސް އޮސްޓްރޭލިއާގެ ސިފައިން ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތް ކުރާނީ، އޮސްޓްރޭލިއާގެ ބައިނަލްއަގްވާމީ ރައްޓެހިންނާ ގުޅިގެން، ސިފައިން ފޮނުވާނީ މުއްދަތުތަކަށް ބަހާލައިގެން" މޮރިސަން ވިދާޅުވި އެވެ.

އިރާން ސަރުކާރުގެ ތަރުޖަމާނު އަލީ ރަބީލް މީގެ ކުރިން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތް އުފައްދާ ކޯލިޝަންގެ ސަބަބުން ހޮރްމުޒް ކަނޑު އޮޅީގެ އަމާންކަން ގެއްލި ހަމަނުޖެހުމަށް މަގުފަހިވާނެ ކަމަށެވެ. އިރާނުން އިނގިރޭސިވިލާތުގެ ޓޭންކަރު ހިފެހެއްޓީ ބައިނަލް އަގްވާމީ ކަނޑު ދަތުރު ކުރުމުގެ ގަވާއިދާ ހިލާފުވުމުން ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ މައްސަލައިގައި ދެ ގައުމުން ބަހުގެ ހަމަލާތައް ބަދަލު ކުރަމުން ދަނިކޮށް އިނގިރޭސިވިލާތުން ނިންމީ ޔޫރަޕްގެ ގައުމުތަކާއި ގުޅިގެން ކޯލިޝަނެއް އުފައްދާށެވެ.

ކޯލިޝާނާއި ގުޅޭނެ ކަމަށް މިހާތަނަށް ބުނެފައިވަނީ ފަސް ގައުމަކުންނެވެ. އެއީ އިޓަލީ އާއި ޑެންމާކާއި ފްރާންސް، އޮސްޓްރޭލިއާ އަދި ނެދަލޭންޑެވެ. ޕާޝިއަން ގަލްފު ސަރަހައްދާއި ހޮރްމުޒް ކަނޑު އޮޅިއަކީ ތެޔޮ އެކްސްޕޯޓް ކުރުމުގައި އެންމެ ގިނައިން ބޭނުންކުރާ ކަނޑުގެ މަގެވެ.

އިނގިރޭސިވިލާތުން ވެސް ވަނީ އިރާނުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފަ އެވެ. އަދި އިރާނުން ވެސް ވަނީ އިނގިރޭސިވިލާތުގެ ޓޭންކަރެއް ހިފަހައްޓާފަ އެވެ. ދެގައުމު ހިފެހެއްޓި ޓޭންކަރުތައް މިހާރު ވަނީ ދޫކޮށްލާފަ އެވެ. އިރާނުގެ މައްޗަށް ޔޫއޭއީގެ ޓޭންކަރެއް ހިފެހެއްޓި ކަމަށް ތުހުމަތުކުރެވޭއިރު، ޔޫއޭއީން ކޯލިޝަނާ ގުޅުމާ ގުޅޭގޮތުން އަދި ނިންމުމެއް ނުނިއްމަ އެވެ.