ދުނިޔެ

އިރާނުން އަނެއްކާވެސް ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި

Dec 31, 2019

އިރާނުގެ ބްލެކް މާކެޓުން ތެޔޮ ގަނެގެން ބޭރު ކުރުމުގެ ތުހުމަތުގައި އިރާނުގެ އަސްކަރިއްޔާއިން މެލޭޝިއާގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި އެވެ.

މެލޭޝިއާގެ މި ޓޭންކަރު ހިފަހައްޓާފައި ވަނީ ޕާޝިއަން ގަލްފު ސަރަހައްދުގައި އޮންނަ އަބޫ މޫސާ ނަމަކަށް ކިޔާ ރަށެއްގެ ކައިރިންނެވެ. މިއީ މައްސަލަ ބޮޑުވެފައިވާ ހޮރޮމުޒް ކަނޑުއޮޅީގެ ބައެކެވެ. ޓޭންކަރު ހިފެހެއްޓިއިރު އެއިން ދަތުރު ކުރަމުންދިޔަ 16 މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ. މި އެންމެނަކީ ވެސް މެލޭޝިއާގެ ރަށްވެހިންނެވެ.

އިރާންގެ ރިވޮލިއުޝަނަރީ ގާޑުސްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް އަލީ އޯޒްމަވީ ވިދާޅުވީ، ހިފެހެއްޓި މި ޓޭންކަރުގައި އިރާނުން ވަގަށް ބޭރު ކުރަން އުޅުނު 1.3 މިލިއަން ލީޓަރުގެ ތެޔޮ ފީފާ ހުރި ކަމަށެވެ. އަދި ޓޭންކަރު ހިފެހެއްޓި އަބޫ މުސާގެ 15 ނޯޓިކަލް ބޭރުން ކަމަށެވެ.

އިރާނުން ވަނީ މިދިޔަ ސެފްޓެމްބަރު މަހު ޕިލިޕީންސްގެ ތެޔޮ ޓޭންކަރެއް ވެސް ވަގަށް ތެޔޮ ބޭރުކުރާ ކަމުގެ ތުހުމަތުގައި ހިފަހައްޓާފަ އެވެ. އަދި ޖުލައި މަހު ވެސް ވަނީ ތެޔޮ ޓޭންކަރެއް ހިފަހައްޓާފަ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ތިން ތެޔޮ ޓޭންކަރަކާއި ޔޫއޭއީގެ ތެޔޮ ޓޭންކަރެއް ހޮރޮމުޒް ކަނޑުއޮޅިން ހިފަހައްޓާފައި ވެއެވެ. އެ ސަރަަހައްދުގައި ހަމަނުޖެހުން އުފެދެން ފެށީ އިރާނުން ގައުމުތަކުގެ ޓޭންކަރު ހިފަހައްޓާ ކަމަށް ބުނެ ބާރުގަދަ ގައުމުތަކުން ފެށި ހާއްސަ އޮޕަރޭޝަނާ ހަމައިންނެވެ.

އިނގިރޭސިވިލާތުގެ ތިން ޓޭންކަރެއް ހިފެހެއްޓުމާއެކު ހޮރޮމުޒް ކަނޑުގެ ހަމަޖެހުމަށް ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. ހޮރޮމުޒް ކަނޑުއޮޅިއަކީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރުމަށާއި އިމްޕޯޓް ކުރުމަށް ބޭނުންކުރާ ކަނޑުގެ މަގެވެ.