އިދިކޮޅު ފަރާތްތައް

އެމްޑީޕީގެ މަސްވެރިކަމުގެ ގަރާރުތަކީ ހިޔާލީ ވާހަކައެއް: އިދިކޮޅު

ސަރުކާރުގެ ފަރާތުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ގަރާރުތަކުގައި އޮތީ ހިޔާލީ ވާހަކަތަކެއް ކަމަށާއި އެއް ގަރާރާއި އަނެއް ގަރާރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން ވަނީ މަސްވެރިކަމާ ގުޅޭ ފަސް ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ތިން ގަރާރެއް މަޖިލީހުގެ ތަޅުމުން ބަލައިގެންފައިވާއިރު، ދެ ގަރާރެއްގެ ބަހުސް މަރުހަލާ ވަނީ ފަށާފަ އެވެ.

އޭގެ ތެރެއިން ކަނޑުގައި "ކަންނެލި ޖަގަހަތައް" ގާއިމު ކުރަން ގޮވާލައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑަ) ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އިދިކޮޅު މެންބަރުން ވަނީ އެ ގަރާރުގައިވާ ކަންކަމާއި ކުރިން ހުށަހެޅި ބައެއް ގަރާރުގައިވާ ކަންކަމުގައި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ގަރާރުތަކުގައި އޮތީ ކުރެވިދާނެ ކަންކަންތޯ ވެސް އެ މެންބަރުން ސުވާލު އުފެއްދެވި އެވެ.

ގަރާރަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުތަކަކީ އެއްވެސް ދިރާސާ ކުރުމެއް ނެތި ސިޔާސީ މަގްސަދެއްގައި ހުށަހަޅާފައިވާ ގަރާރުތަކެއް ކަމަށެވެ. ގަރާރުތަކުގައިވާ ކަންކަން "ލާހޫރޭ" ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ދިރާސާއެއް ނުކޮށް އަވަސް އަވަހަށް ގަރާރުތައް ހުށަހެޅުމުން މަސްވެރިން "ބޭގަރާރު" ވާނެ ކަމަށެވެ.

"މަސްވެރިކަމުގެ އެއް ގަރާރުގައި މި އޮތީ މަސްވެރިންގެ އަތުން މަސް ގަންނަން ބޭނުންވާ ފަރާތްތަކަށް ރާއްޖެ އައިސް ސީދާ މަސް އެ ދޯނިތަކަށް ވިއްކަން، ސީދާ ރޯ މަސް ބޭރަށް އެކްސްޕޯޓް ކުރަން، ހަމަ އަނެއް ގަރާރުތަކުގައި އެމްޑީޕީގެ މެންބަރުން ފާހަގަ ކުރައްވަނީ މަސްވެރިންނަށް ހަމަ އަގު ހޯދެން އޮތީ ވެލިއު އެޑް ކޮށްގެން މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކޮށްގެން... މި ގަރާރުތައް ލާހޫރޭ، އެއް ގޮތަކަށް ގުޅުމެއް ނެތް،" މެންބަރު ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހެޅިފައިވާ ގަރާރުތަކަކީ މަސްވެރިކަން ކުރާ ވައްޓާފާޅި އެނގިގެން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުތަކެއް ނޫނެވެ. އެ ގަރާރުތަކުގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި ބޭނުންވާ އެންމެ މުހިއްމު ކަންކަމެއް ނުހިމެނެ އެވެ.

"މެންބަރުން ވިދާޅުވާ ގޮތުގައި މި އޮފްޝޯ ޕްލެޓްފޯމުތައް ވެގެން ދާނީ ސްޕާތަކަކަށް. މަސްވެރިން ނޫޅޭ ސްޕާ ހިންގާކަށް. އަޅުގަނޑު މި ދަންނަވަނީ މި ގަރާރުތަކުގައި ނެތޭ ރަނގަޅު ބޭނުމެއް، އެއް ގަރާރު އަނެއް ގަރާރާ ނުގުޅޭ، އަޅުގަނޑަށް މި ގަރާރުތަކުން ފާހަގައެއް ނުކުރެވޭ މަސްވެރިން އެންމެ ބޭނުންވެގެން އުޅޭ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ "ކަންނެލި ޖަގަހަތައް" އޮންނާނެ ގޮތް އެމްޑީޕީގެ މެންބަރުން ސިފަ ކޮށްދެއްވާ ގޮތުން ސިފަ ކުރެވެނީ އެއީ ހިޔާލީ ފިލްމެއްގައި ދައްކާ ޕްލެޓްފޯމުތަކެއް ކަމަށެވެ.

"މި ޕްލެޓްފޯމް އޮންނާނެ ގޮތާއި ޕްލެޓް އޮންނާނެ ސައިޒާއި ލިބޭނެ ހިދުމަތްތަކުގެ ވާހަކަ ދެއްކީމަ އަޅުގަނޑު ހަނދާނަށް އެންމެ ބޮޑަށް އަންނަނީ ކެވިންކޮސްނާގެ ފިލްމެއް، 'ވޯޓަވޯލްޑް' ކިޔާ ފިލްމެއް، އެ ފިލްމުގައި ދައްކާނެ މި ކަހަލަ (ހިޔާލީ) ޕްލެޓްފޯމްތަކެއް،" ގަރާރުގައިވާ ކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެންބަރުންގެ ވާހަތަކުން އެ ޖަގަހަތަކަށް 900 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ އެވެ. މިހާރު މަސްވެރިން ކުރާ މިިންވަރުން މި ވަރަށް އިތުރު ޕްލެޓްފޯމުތައް ބޭނުންވާނެތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"900 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން މި 20 ޕްލެޓްފޯމު ގާއިމުކޮށް، އަދި ބޭރުގެ ބޯޓު ފަހަރުތަކުން ރާއްޖެއަށް އައިސް މަސް ގަތުމާއި މަސް ބޭރު ކުރުމުގެ ފުރުސަތު ދޭ ކަމަށް ވަންޏާ، އަދި މަތިންދާބޯޓުތަކަށް އޮންނަ ވޮލިއުމް ދަށްވާނެ ކަމަށް ވަންޏާ، މި ދައްކާ ހަތަރު ފަސް ގަރާރަކުން ނެރޭ ތިއަރީގައި ދެކޮޅު ޖެހުމެއް ނެތެއްނު،" ސައީދު ވިދާޅުވި އެވެ.