ދުނިޔެ

ބޯކޯ ހަރާމުން ނައިޖީރިއާގައި 65 މީހުން މަރާލައިފި

Jul 29, 2019

ނައިޖީރިއާގައި ގާއިމްވެގެން އުޅޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމުން ދިން ހަމަލާއެއްގައި 65 މީހަކު މަރާލައި 10 މީހަކު ޒަހަމްކޮށްލައިފި އެވެ.

ނައިޖީރީއާގެ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ މުހަމައްދު ބުލާމާ ހަމަލާގެ މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޮކޯ ހަރާމުން ދެ ހަމަލާއެއް ދީފައިވާ ކަމަށާއި ފުރަތަމަ ހަމަލާ ދީފައިވަނީ ޖަނާޒާއަކަށް އަމާޒު ކޮށްގެން ކަމަށެވެ. އެ ހަމަލާގައި 21 މަރުވެފައިވާ ކަމަށެވެ.

ދެވަނަ ހަމަލާ ދީފައިވަނީ ޖަނަޒާއަށް އަމާޒުކޮށްގެން ހަމަލާ ދިން ބޮކޯ ހަރާމްގެ މީހުން ހުއްޓުވަން ދިޔަ މީހުނަށެވެ. ދެވަނަ ހަމަލާގައި 44 މީހުން ވަނީ މަރުވެފަ އެވެ. ދެވަނަ ހަމަލާގައި 10 މީހުން ޒަހަމްވެފައިވާއިރު އޭގެ ތެރެއިން އަށް މީހެއްގެ ހާލު ސީރިއަސް ކަމަށް ބުލާމާ ވިދާޅުވެފައި ވެއެވެ.

ބޮކޯ ހަރާމް ޖަމާއަތަކީ 2002 ވަނަ އަހަރު ނައިޖީރިއާގެ އުފެދުނު ޖަމާއަތެކެވެ. މި ޖަމާއަތް އުފެދުނީ ނައިޖީރިއާގެ ތައުލީމީ މުގައްރިއްރު އިސްލާމީ މިންގަނޑަށް އުއްގަންނައި ނުދޭ ކަމަށް ބުނެ އެވެ. ބޮކޯ ހަރާމުން ވަނީ ސްކޫލް ދަރިވަރުން ހައްޔަރުކޮށްގެން ގޮސް ހަރުކަށި އިސްލާމީ ފިކުރު އުއްގައިނައި ދިނުމަށް އެތަށް ފަރަހަކު މަސައްކަތް ކޮށްފަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ބޮކޯ ހަރާމުން މިސްކިތް، ފައްޅިތަށް އަދި ސްކޫލްތަކަށް ދިން ހަމަލާގެ ސަބަބުން 30،000 މީހުން ވަނީ ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ރަށްރަށައް ދަތުރުކޮށްފައި ވެއެވެ.