ކުޑަކުއްޖަކާ ބެހިގެން މީހަކު 20 އަހަރު ދުވަހަށް ޖަލަށްލާން ކުރި ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
މިއީ ށ. ނޫމަރާ، ލިލީގޭ، އަބްދުލް މުހައިމިން އާދަމް 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ށ. ފުނަދޫއަށް ގޮސް އެރަށު ހުރިއިރު އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގާފައިވާތީ އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، ނޫމަރާ މެޖިސްޓްރޭޓް ކޯޓުން އޭނާ 20 އަހަރު ދުވަހުގެ ޖަލަށްލާން ކޮށްފައިވާ ހުކުމެކެވެ.
އެ މައްސަލަ އިސްތިއުނާފުކޮށް އަބްދުލްމުހައިމިނު ހަތަރު ނުކުތާއެއް ހުށަހެޅި އެވެ. އެއީ ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ތަހުގީގުގައި ލިބިނުދީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ހިލާފަށް ހޯދާފައިވާ ހެކީގައި ކުރި ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ދައުވާއަކަށް ހުކުމް އިއްވުމާއި ހެކިބަސް ބަލައިގަތުމުގެ އުސޫލާއި ހިލާފަށް ހެކިބަސް ބަލައިގަނެފައި ވުމެވެ. އަދި އެކަށީގެންވާ މިންވަރަށް ދައުލަތުން ހެކި ދެއްކިފައި ނުވުމާއި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުއްޓައި އެކަންކަމަށް ރިއާޔަތް ނުކޮށް ހުކުމް އިއްވުމެވެ.
އިސްތިއުނާފުގެ ޝަރީއަތަށް ފަހު ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތު ކުރުމަށް މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި މައްސަލަ ސާބިތު ކުރަން ދައުލަތުން ހުށަހަޅާފައިވަނީ ތިން ބާވަތެއްގެ ހެކި ކަމަށެވެ.
ހުކުމުގައި ވަނީ ހާދިސާ ހިނގާފައިވަނީ އޮކްޓޯބަރު 19، 2013 ގައި ކަމަށާއި ނަމަވެސް އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވަނީ އޭގެ ދެމަސް ފަހުން ކަމަށެވެ. ހުކުމުގައި ޝައްކު ކުރެވޭ އިތުރު ކަންކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެހެން ކަމުން ގާނޫނުއަސާސީގެ 51 ވަނަ މާއްދާއާ ހިލާފަށް ކަމަށްބުނެ އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ނުކުތާ ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.