ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތައް ފާހަގަކޮށް އެ ސަރަހައްދުތަކުގެ ކަނޑުގައި "ކަންނެލި ޖަގަހަތައް" ގާއިމު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ ތަޅުމުން މިއަދު ބަލައިގެންފި އެވެ.
މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހަޅުއްވާފައިވާ ގަރާރު ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
އޭނާގެ އެ ގަރާރުގައި ވަނީ އެ ޖަގަހަތަކުން ނުވަތަ ޕްލެޓްފޯމުތަކުން އައިސް އާއި ތެލުގެ އިތުރުން މަސްވެރިން ބޭނުންވާ ސަމާނު ލިބެން ހުންނާނެ ކަމަށާއި ސައި ހޮޓަލާއި މަސްވެރިން ބޭނުންވާ އިތުރު ހިދުމަތްތައް ވެސް ލިބެން ހުންނާނެ ކަމަށެވެ. ގަރާރުގައިވާ ގޮތުން އެ ޕްލެޓްފޯމުތައް ގާއިމު ކުރާނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެންނެވެ.
ދިވެހި މަސްވެރިކަމުގެ ސިނާއަތަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމާއި އެ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ވަނީ ފަސް ގަރާރެއް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ހަތަރު ގަރާރެއް މިހާތަނަށް ވަނީ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ކަންނެލި ޖަގަހަތަކުގެ ގަރާރުގެ އިތުރުން، ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި ގަރާރާއި، ބޭރުގެ މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓާލުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރާއި، ރަށު ކައުންސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމު ކުރުމުގެ ގަރާރު ވަނީ ބަލައިގެންފަ އެވެ.
އަދި އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާކޮށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ގޮވާލައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވެސް ގަރާރެއް ހުށަހަޅުއްވާފައިވެ އެވެ. އެ ގަރާރުގައި ކުރިއަށް ދަނީ އިބްތިދާއި ބަހުސްގެ މަރުހަލާ އެވެ.