ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން އަލުން ހުއްދަ ކުރުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރެއްވި ބައެއް މެންބަރުން ގަރާރަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވިއިރު، ބައެއް މެންބަރުން ގަރާރު ބޭރު ކޮށްލަން ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފި އެވެ.
އެ ގަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވީ މިޔަރުގެ މަސްވެރިކަން މަނާ ކުރުމުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއަށް ބޮޑު ޝަރަފެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އަލުން އެ ހުއްދަ ކުރުމަކީ ރާއްޖެއަށް ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ.
"މިއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މުޅި ރާއްޖެއަށް ގެއްލުން ލިބިދާނެ ވާހަކަތަކެއް މި ދައްކަނީ. މި ފަދަ ގަރާރެއް ވައްދައި މި ފަދަ ގަރާރަކާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ވާހަކަ ދައްކަން ވެސް ތާއީދެއް ނުކުރަން. އެއީ އަޅުގަނޑުމެން ގޮވާލާ ގޮވާލުމެއްގެ ސަބަބުން ވެސް އަޅުގަނޑުމެންނަށް މީގެ ގެއްލުން ލިބިދާނެތީވެ،" ސައްލެ ވިދާޅުވި އެވެ.
ސައްލެ ވިދާޅުވީ، ރާއްޖެއަކީ މިޔަރުގެ އާބާދީ އެންމެ ދުޅަހެޔޮ އެއް ގައުމު ކަމަށާއި މިޔަރުގެ ބާވަތްތައް މުއްސަނދި ގައުމެއް ކަމަށެވެ. އެހެން ގައުމެއްގައި މި ވަރަށް މިޔަރު ނެތުމުން ވެސް މިޔަރުގެ ބާވަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ ދިވެހިންގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މީގެ ކުރިން މިޔަރުގެ މަސްވެރިކަން ކުރަމުން ދަނިކޮށް 1995 ގައި މާލެ އަތޮޅާއި އަރި އަތޮޅާއި ޅ. އަތޮޅުގައި މިޔަރު ހިފުން މަނާ ކުރީ އޭރުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަަސައްކަތް ކުރާ ފަރާތްތައް ގޮވާލި ގޮވާލުމަކަށް ކަމަށް ސައްލެ ވިދާޅުވި އެވެ. ފަހުން 2010 ގައި މުޅި ރައްޖޭގައި މަނާކުރީ އެއިން ފެނުނު ފައިދާ ފެނިގެން ކަމަށެވެ.
"1991 ގެ ހިސާބުތައް ދައްކަ ގޮތުން މިޔަރުގެ މަސްވެރިކަން ކޮށްގެން ދިވެހި އިގްތިސާދަށް ލިބިފައި ވަނީ 12.1 މިލިއަން ރުފިޔާ. އެކަމަކު މިޔަރު ދުށުމަށް ޑައިވް ކުރަންދާ ފަތުރުވެރިންގެ އަތުން 30 މިލިއަން ރުފިޔާއަށްވުރެ ގިނައިން ލިބިފައިވޭ،" ސައްލެ ފާހަގަ ކުރެއްވި އެވެ.
ސައްލެ ވިދާޅުވީ މިޔަރު ހިފުން އަލުން ހުއްދަ ކޮށްފިނަމަ ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވާނެ ކަމަށެވެ. އެ ނުކުތާއަށް ބާރު ދިނުމުގެ ގޮތުން މިޔަރު ހިފުން ހުއްދަ ތަންތަނަށް ފަތުރުވެރިން އަންނަ މިންވަރު މަދު ވާނެ ކަމަށް ބުނާ އެތައް ދިރާސާއަކަށް އަލި އަޅުވައިލެއްވި އެވެ.
"ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިނާއަތަކީ ފަތުރުވެރިކަމާއި މި ޑައިވިން އިންޑަސްޓްރީ. މިޔަރު ހިފުން ހުއްދަކޮށްފިނަމަ ޑައިވިން އިންޑަސްޓްރީ މުޅިން ނެތިގެން ގޮސްދާނެ. އެއީ އެތައް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް އާއި އެތައް ވަޒީފާއެއް،" ސައްލެ ވިދާޅުވި އެވެ.
ސައްލެގެ ވާހަކައަށް ތާއީދު ކުރައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރާއްޖޭގައި އެއް ވަގުތެއްގައި ވެސް އެތައް ގިނަ ބަޔަކު ފީނަމުން ދާނެ ކަމަށެވެ. އެއިން މިޔަރުގެ ހަމަލާއެއް ލިބިގެން އުޅޭ ކަމަށް ސޯޝަލް މީޑިއާއިން ފެންނަނީ ވަރަށް މަދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވާ ގޮތަކީ ސޯޝަލް މީޑިއާ މާ ބޮޑަށް އާންމުވެގެން ގޮސްފައިވާތީ އެެއިން އެންމެ މީހަކު ކުރާ ކަމެއްގެ ފޮޓޯއެއް ވެސް އެބަ ފެނޭ އެންމެނަށް. އެއިން ފޮޓޯއެއް ފެންނަ ފަހަރަކު ވެސް ގިނަ ފަހަރަށް ބަލައެއް ނުލެވޭނެ ބާނައިގެން އުޅޭ މިޔަރެއް ކަމެއް ވެސް މި އުޅޭނީ ދަތް އަޅައިގެން." ވައްޑެ ވިދާޅުވި އެވެ.
އެކަމަކު ހދ. އަތޮޅުގެ ދާއިރާތައް ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވަނީ އެ ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. މީގެ ކުރިން މިޔަރު ހިފުން ހުއްދައިރު އޭގެ މަސްވެރިކަން އާންމުކޮށް ކޮށް އުޅުނީ ހދ. އަތޮޅުގެ މަސްވެރިންނެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ، ބައިނަލްއަގްވާމީ މުއާހަދާތަކުގައި ސަރުކާރުން ސޮއި ކުރަނީ ވެސް އަދި މަޖިލީހުން ފާސްކުރާ ގާނޫނުތައް ވެސް ފާސްކުރަނީ ވެސް ރައްޔިތުންގެ ފައިދާއަށްޓަކައި ކަމަށެވެ. އަދި އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް ގާނޫނުތަކަށް ބަދަލު ގެނެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދުގެ ހާލަތަށް ބަލާއިރު މި ގަރާރުގައި ފާހަގަ ކުރާ ކަންކަން އެބަ ފެނިގެން ދޭ. މިޔަރުގެ ސަބަބުން ލިބޭ ގެއްލުމުގެ ވާހަކަ އަކީ މީޑިއާގައި ވެސް ވަރަށް ފުޅާކޮށް ދެކެވޭ ވާހަކައެއް. އިންސާނުންނަށް ނުރައްކާވާ މިޔަރުތައް ފާހަގަ ކުރުމަށް ދިރާސާއެއް ކުރުމަށް ގަރާރުގައިވޭ. މިފަދަ ދިރާސާއެއް ހެދިގެން މެނުވީ ކުރިއަށް ދެވޭކަށް ނެތް." ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ އޭނާ ނިސްބަތްވާ ކުޅުދުއްފުއްޓަކީ މިޔަރުގެ މަސްވެރިކަން ކޮށްގެން އެތައް ނަފާއެއް މީގެ ކުރިން ހޯދަމުން ދިޔަ ބައެއް ކަމަށެވެ. މިޔަރު ހިފުން މަނާ ކުރި ހިސާބުން ކުޅުދުއްފުށީގެ ކުޑަ އިގްތިސާދުގެ ތެރެއަށް ވަންނަމުން ދިޔަ އެތައް މިލިއަން ރުފިޔާ މިހާރު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ރަށްރަށް އުފެދިފައި އޮންނަ ގޮތުން އެކި ރަށްރަށުގައި ކުރަނީ އެކި ބާވަތުގެ މަސައްކަތް. އެ ގޮތަށް އާދަވެފައި ތިބި ރައްޔިތުންތަކެއް ރަށްރަށުގައި މި އުޅެނީ. މި ޓޫރިޒަމުން ހަމަ ގައިމު ވެސް އަޅުގަނޑުމެން ހދ. އަތޮޅަށް ލިބުނު ފައިދާ ކުޑަ،" ޓޫރިސްޓު ރިސޯޓުތައް ވެސް އެންމެ މަދު ހދ. އަތޮޅުގެ ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވި އެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވިދާޅުވީ އުސޫލެއްގެ ގޮތުން އެއީ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ކޮމިޓީ މަރުހަލާގައި ދިރާސާ ކުރަން ޖެހޭ ގަރާރެއް ކަމަށެވެ. އެއީ މަސްވެރިންގެ މެދުގައި މިޔަރުގެ ކަންބޮޑުވުންތައް އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު މިޔަރު ހިފުން ހުއްދަ ކުރުމަށް ތާއީދު ކުރައްވައި ސިދާ އޭނާ އެއްޗެއް ވިދާޅެއް ނުވެ އެވެ. އީސަ ވިދާޅުވީ މިޔަރުގެ ކަންބޮޑުވުންތަކެއް އޮތްއިރު މިޔަރު ހިފުން ހުއްދަ ކޮށްގެން ލިބޭނެ ގެއްލުންތައް ވެސް އަދި ފައިދާއެއްވެސް ފާހަގަ ވާނީ ސަރުކާރުގެ ސަމާލު ކަމަށް މި ކަންކަން ގެންނަން މަޖިލީހުން ވެސް މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
އީސަ ވިދާޅުވި ގޮތުގައި މިޔަރު ހިފުން ހުއްދަ ކޮށްގެން މަސްވެރިންނަށް ވެސް ގެއްލުން ލިބިދާނެ އެވެ. އިޝާރާތް ކުރެއްވީ ރާއްޖޭން އެންމެ ބޮޑަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ގެންގުޅޭ އުސޫލުތަކަށެވެ. މިޔަރު ހިފުން ހުއްދަކޮށްފިނަމަ އީޔޫއިން ރާއްޖޭގެ މަސް އެތެރެކުރަން ހުއްޓާލާފިއްޔާ އޭގެ ގެއްލުން އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން މި ގަރާރު ބަލައިގަނެގެން ލިބޭނެ ގެއްލުމެއް ނެތް، ގެއްލުން އޮތީ ގަރާރު ބަލައިނުގަނެއް ބޭރުކޮށްލައިގެން، އެއީ ކުރަން ބަލަންވާ ބެލުމެއް ނުބަލައި، ކުރަންވާ ދިރާސާއެއް ވެސް ނުކޮށް، އަޅަން ވާނެ ފިޔަވަޅެއް ނޭނގޭނެ، އަޅަންވާ ފިޔަވަޅު ނޭޅެންނާ އަޅުގަނޑުމެންނަށް ގެއްލުން ލިބޭނެ،" އީސަ ވިދާޅުވި އެވެ.
މިޔަރު ހިފުން ރާއްޖޭގައި އަލުން ހުއްދަކުރަން ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހެޅިއިރު، ރާއްޖޭގައި މިޔަރު ހިފުން މުޅިން މަނާ ކުރެވިގެން ދިޔައީ މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގަ އެވެ. އޭގެ ކުރިން މިޔަރު ހިފުން މަނާކޮށްފައި ވަނީ ރާއްޖޭގެ ބައެއް ހިސާބުތަކުގަ އެވެ.