ހަބަރު

ދިވެހި މަހުގެ ބާވަތްތައް ޕޭޓަންޓު ކުރަން ގޮވާލައިފި

Sep 1, 2020
1

ދިވެހި މަސްވެރިންނަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ މަހުގެ ބާވަތްތައް ޕޭޓަންޓު ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ދިވެހި ކަނޑުމަހުގެ ނަމުގައި އެހެން ގައުމުތަކަށް އަވަށްޓެރި ސްރީލަންކާއިން މަސް އެކްސްޕޯޓު ކުރުން ހުއްޓުވަން، އެކަމަށް ހާއްސަ ގާނޫނެއް ހަދަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އިއްޔެ މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށް، ސަލީމް ވިދާޅުވީ މޯލްޑިވް ފިޝްއަކީ ދުނިޔޭގައި ވަރަށް ހާއްސަ ގަދަރެއް ދެވޭ ބްރޭންޑަކަށް ވީ ނަމަވެސް އެ ބްރޭންޑުގެ މިލްކުވެރިކަން ރާއްޖެއަށް ނެތްކަން ސާފުވާ ކަމަށެވެ.

އެގޮތުން، ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކޮށް، އަނބުރާ ގައުމަށް ގޮސް "މޯލްޑިވް ފިޝް" ގެ ނަމުގައި ވިއްކާއިރު، އެކަމުގައި ރާއްޖެއަށް ކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ.

"ދިވެހިރާއްޖޭގެ މަސްވެރިންނާއި އިންޑަސްޓްރީއަށް ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަމަކީ މޯލްޑިވް ފިޝް ޕޭޓެންޓް ކުރުން. މިކަމަށް ވިސްނާލާއިރު ސާފުވެގެން ދިޔައީ އަދި ޕޭޓެންޓު ކުރުމާ ބެހޭ ގާނޫނެއް ނެތްކަން. މޯލްޑިވް ފިޝް ބްރޭންޑެއްގެ ގޮތުގައި ޕޭޓެންޓު ކުރެވިގެން ދިއުމަކީ ކުރިމަގަަށް މަސްވެރިކަމުގެ ސިނާއަތަށް، އަދި މި ރޮނގުން އިތުރު އާމްދަނީ އާއި ނަފާ ހޯދަަން ބޭނުންވާނަމަ ވަރަށް މުހިންމު އަދި ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ފާހަގަ ކުރަން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި މަހުގެ އިތުރުން، ރާއްޖޭގައި އޮޑިދޯނިފަހަރު ބަންނަ ގޮތާއި، ރިހާކުރު ތައްޔާރުކުރާ ގޮތާއި، މަހުގެ އެކިއެކި ބާވަތްތައް ސަގާފީ ގޮތްގޮތަށް ތައްޔާރުކުރާ ގޮތްތައް ޕޭޓެންޓުކުރަން ޖެހެ އެވެ.

"އެންމެ އަގު ބޮޑު މުދަލަކީ ފިކުރީ މުދާ. ޒަމާނުއްސުރެ، އެތައް ސަތޭކަ އަހަރެއް ވަންދެން ކާބަފައިން ކަންކަން ކުރުމުގައި މި ހޯދި މައުލޫމާތާއި ނޮލެޖު އަޅުގަނޑުމެން ހިމާޔަތްކޮށް ރައްކާ ނުކޮށްފިނަމަ އޭގެން ލިބޭނެ މާލީ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ފާހަގަ ކުރަން،" އޭނާ ވިދާޅުވި އެވެ.