ހަބަރު

ހައްދު ފަހަނައެޅުމާއި ޓެރަރިޒަމް ހުއްޓުވާ ޕްރޮގްރާމެއް ފަށައިފި

Jul 29, 2019

ފިކުރީ ގޮތުން ހައްދުފަހަނަ އެޅުމާއި ޓެރަރިޒަަމް ހުއްޓުވަން ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފެށި ޕްރޮގްރާމަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ސައުދީ އަރަބިއްޔާގެ ނާއިފް އަރަބް ޔުނިވަރސިޓީފޯ ސެކިއުރިޓީ ސައިންސަސްއާ ގުޅިގެން ފެށި ޕްރޮގްރާމެކެވެ.

ތިން ދުވަހުގެ މުއްދަތަށް ހިންގާ ތަމްރީނު ޕްރޮގްރާމް ފައްޓަވައި ދެއްވީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ. ޕްރޮގްރާމް ފައްޓަވައިދެއްވައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، މިކަމަކީ ރާއްޖެއަށް ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. އަދި ފިކުރީގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ހުއްޓުވުމަށް އާ ވިސްނުނަތައް މުހިންމު ކަމަށެވެ. އަދި އެންމެން ގުޅިގެން އެކަންކަން ހުއްޓުވުމަކީ ކުރަން ޖެހިފައިވާ މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއަދުފެށި ތަމްރީނުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި އެހެނިހެން ދާއިރާތަކުން 62 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.