ކުޅިވަރު

ރަފާގެ ދިރިއުޅުމުގައިވެސް އެތުލީޓެއްގެ ސިފަތައް!

އައިޝަތު ރަފާ ނާޒިމް އަކީ ރަން ކާމިޔާބުގެ ބޮޑު ހިއްސާ ދާރެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހު އަންހެން ކެޓަގަރީގެ ހުރިހާ އިވެންޓެއްގެ ފައިނަލުގައި ރަފާ ކުޅުނެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ، ރާއްޖޭގެ ކުޅިވަރު ހަޔާތުގައި އެންމެ ކާމިޔާބު އެއް މުބާރާތެވެ. އެ ކާމިޔާބުގައި ރަފާގެ ހިއްސާ ބޮޑެވެ. ޓޭބަލް ޓެނިހުގެ ހަޔާތުގައި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބު ހޯދައިދިނުމަށް އެންމެ މުހިންމު ދަުރެއް އަދާ ކުރީ ރަފާ އެވެ.

އަންހެން ޓީމު އިވެންޓްގެ ފައިނަލުގެ ފުރަތަމަ ގޭމުން ރާއްޖެ ބަލިވުމުން، މާޔޫސް ކަމުގައި ތިބި ދިވެހިންގެ ހިތްތަކަށް ހަމަޖެހުން ގެނެސް ދިނީ ދެ ވަނަ ގޭމަށް ނުކުމެ ރާއްޖެ މެޗުގެ ތެރެއަށް ގެންގޮސް ދިނުމަށް ރަފާ ކުރި މަސައްކަތެވެ.

އޭނާގެ އާދަޔާ ހިލާފު ޖޯޝް މެޗުން ފެނިގެން ދިޔަ އެވެ. މޮރިޝަސް ބަލިކޮށް ރާއްޖެއަށް ޓީމު އިވެންޓުން ރަން މެޑަލް ހޯދި އެވެ. އެވަރުން ވެސް ދިވެހި ހިތްހަމަޖެހުނީހެވެ. އެހެން ނަމަވެސް ރަފާ އާއި އަންހެން ޓޭބަލް ޓެނިސް ޓިމު ފަހަތަކަށް ނުޖެހުނެވެ. ޑަބަލްސް އާއި ސިންގަލްސްގެ ރަން މެޑަލާއި ރިހި މެޑަލްވެސް ރާއްޖެއިން ކާމިޔާބު ކުރި އެވެ.

ރަފާގެ އާންމު ދިރި އުޅުންވެސް އޭނާ ބިނާ ކުރީ އެތުލީޓެއްގެ ލައިފް ސްޓައިލް އެވެ. ސުކޫލާއި ކުޅިވަރުގެ މައިދާނުގައި ވެސް އޭނާގެ ވިސްނުން އެއްގޮތެވެ.

ކިޔެވުމުގައިވެސް ކާމިޔާބު ނޫން އެއްޗެއް ރަފާ ބޭނުމެއް ނުވާނެ،" ރަފާގެ ބައްޕަ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، އަވަސް އަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ. "ސްކޫލްގެ ޓެސްޓަށް ވެސް ދުރާލައި ތައްޔާރު ވާނެ، އެއީ ރަފާއަކީ އެހާ ފަސޭހައިން ފެއިލްވާން ބޭނުންވާ ކުއްޖެއް ނޫން، ރަފާ ގަބޫލު ކުރާ ގޮތުގައި ސްކޫލަށް ދާއިރު ފިލާވަޅެއް ނުނިމި އޮވެގެން ނުވާނެ."

ނާޒިމް ވިދާޅުވި ގޮތުގައި ސްޕޯޓްސް ލައިފްގައި ވެސް ރަފާ އެޕްލައި ކުރަނީ ހަމަ އެ ވިސްނުމެވެ. އެއީ ހަމައެކަނި ކުޅިވަރުގެ ޝަހްސިއްޔަތެއްގެ ކިބައިން ވެސް ފެންނަން ޖެހޭނެ ކަމެއް ނޫނެވެ. ކޮންމެ ދާއިރާއެއްގައި އުޅޭ މީހެއް ކަމުގައިވިޔަސް މި ވިސްނުން އެމީހެއްގެ ޕްރޮފެޝަންގައި އެކަށައަޅަން ޖެހެ އެވެ. ރަފާ މިވަނީ ހުރިހާ މައިދާނެއްގައި ވެސް އެކަން ސާބިތު ކޮށްދީފަ އެވެ.