ކުޅިވަރު

އުފަލާއި ހިތާމައިގެ ވަކިވުމެއް!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ދިވެހިން މެޑަލަކަށް ބޭނުންވެފައި ތިއްބައި، 2011 ވަނަ އަހަރުގެ ގޭމްސްއިން މުއީނާ މުހައްމަދު ރިހި މެޑަލް ހޯދި އެވެ. އެ އަހަރުގެ ގޭމްސް އަކީ ބޮޑު ކޮންޓިންޖެންޓަކާއެކު ރާއްޖެއިން ބައިނަލްއަގްވާމީ ގޭމްސްތަކަށް ދާން ފެށި ފެށުމެވެ.

އެ އަހަރުގެ ގޭމްސްއިން އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން ދިވެހި ކޮންޓިންޖެންޓަށް ކުރިމަތިވި ފާޑުކިޔުންތަކަށް ފިނި ކަމެއް ގެނެސްދިނީ މުއިނާމެން ފަދަ މަދު އެތުލީޓެކެވެ.

އެއީ އެ އަހަރުގެ ވާހަކަ އެވެ. މި އަހަރުގެ ގޭމްސް ނިންމާފައި ދިވެހި ކޮންޓިންޖެންޓް ރާއްޖެ އެ އައީ ދިވެހި ކުޅިވަރުގެ ތާރީހްގައި ހޯދާނެ އެންމެ ބޮޑު ކާމިޔާބު ހޯދައިގެންނެވެ. އެ ކާމިޔާބުގައި މުއިނާގެ ނަންވެސް ލިޔެވޭނެ އެވެ. މި އަހަރުގެ ގޭމްސްގައި އެންމެ ކާމިޔާބު ޓީމަކީ އަންހެން ޓޭބަލްޓެނިސް ޓިމެވެ.

އަންހެން ޓީމު އިވެންޓްގެ ފައިނަލަށް ރާއްޖެ ގެންގޮސް ދިނުމަށްޓަކައި ޒުވާން ދެ ކުޅުންތެރިން މަގު ދެއްކުމަށް މުއިނާ މުހިންމު ދައުރެއް އަދާ ކުރި އެވެ. އަންހެން ޑަބަލްސްގެ ފައިނަލަށް ދަތުރު ކުރި އެވެ. ފައިނަލުގައި ރާއްޖޭގެ ޒުވާން ދެ ކުޅުންތެރިން އަތުން ބަލިވި ނަމަވެސް މުޅި ޓީޓީއަށް ލިބުނު ކާމިޔާބުގައި މުއިނާގެ ހިއްސާ ބޮޑެވެ. އެ ކާމިޔާބާއެކު ޓީޓީން އޭނާގެ ވަކި ވުމުގެ ވަގުތު ވަނީ ޖެހިފަ އެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ އޭނާ ކުޅޭނެ އެންމެ ފަހު މުބާރާތެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ޓީޓީއާ ވަކިވެގެން ދިޔައީ އެވެ. ކޮންމެ ކުޅުންތެރިޔެއްގެވެސް ރިޓަޔާ މެންޓާ ޖެހުމުން ދެރަ ވާނެ އެވެ. އެކަމުގެ އަސަރު ކުރާނެ އެވެ. އެއީ އެތުލީޓެއްގެ ލައިފް ބިނާވެފައިވާ ގޮތެވެ.

"މިއީ އަހަރެންގެ ހަޔާތުގައިވެސް އެންމެ ދެރަވި ދުވަސް، މިއީ އަހަރެންގެ އެންމެ ފަހުގެ މުބާރާތް،" މުއިނާ ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް އަހަރެން މިހުރީ ވަރަށް އުފަލުން ސަބަބަކީ އަހަރެންގެ ޓީޓީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހަކީވެސް މިއީ."

ކުޅުންތެރިޔެއްގެ ގޮތުގައި ނުފެނުނަސް، މުއިނާގެ ހިތް ޓީޓީ އާއި ދިވެހި ކުޅިވަރަކުން ވައްކެއް ނުވާނެ އެވެ. އެ ޔަގީންކަން އޭނާ ދެއެވެ. އޭނާގެ ކެރިއާ އޭގެ މައްޗަށް ބިނާ ކުރި ކުޅިވަރާ ވަކިވާން ޖެހުމުން ދެރަވިއަސް، ލިބުނު ބޮޑު ކާމިޔާބާއެކު އޭނާއަށް ލިބޭ އުފާވެރިކަންވެސް އެހާ ބޮޑެވެ. އޭނާ ވަކިވެގެން އެދަނީ އުފަލާއި ހިތާމައިގެ ކަރުނައާއެކު އެވެ.

"ޓާގެޓް ކުރި އަދަދަށް މެޑަލް ހާސިލުވެ 15 މެޑަލް ލިބުމަކީ އަޅުގަނޑަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް،" ނިންމާލަމުން މުއިނާ ބުންޏެވެ. "ހަމައެކަނި ޓީޓީ އަކަށް ނޫން ދިވެހި ކުޅިވަރަށް އަޅުގަނޑަށް ކޮންމެވެސް ކަމެއް ކޮށްދެވިއްޖެ ކަމަށް އުންމީދު ކުރަން."

މުއިނާގެ މި ވަކިވުމަކީ ދިވެހި ކުޅިވަރު ކުޅުންތެރިޔެއްގެ ހަޔާތުގައި އައި އެންމެ ހިތްގައިމު ރިޓަޔާ މެންޓް ކަމުގައި ވާނެ އެވެ. އޭނާ ވަކިވެގެން އެދިޔައީ ރަން ކާމިޔާބަކާއެކު އެވެ.