ކުޅިވަރު

ރަން ކާމިޔާބަށް ރަތް މަރުހަބާ!

ރައީސުލްޖުމްހޫރިއްުޔާ އާއި ދިވެހި ދައުލަތުގެ އިސްވެރިން ޖުމުހޫރީ މައިދާނަށް ވަޑައިގެން ތިއްބެވެ. ދިވެހި ރާއްޖޭގެ ކުޅިވަރު ތާރީހުގައި އިންޓަނޭޝަނަލް ކުޅިވަރު މުބާރާތަކުން ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބާއެކު ރާއްޖެ އައި ޓީމަށް މަރުހަބާ ދެންނެވުމަށެވެ. ރާއްޖޭގެ ގައުމީ ހަޔާތުގައި ވެސް މުހިންމު ދުވަހަކަށް ނޫނީ މިއަދު ނުވާނެ އެވެ.

ދިވެހި އެތުލީޓުންގެ ހޯދި ކާމިޔާބަށް މަރުހަބާ ކިއުމަށް އެއްވެ ތިބި އާންމުންގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ކުޑަކުދިންނެވެ. އެ ކުދިންގެ މޫނު މައްޗަށް ވެރިވެފައިވާ ޝުއޫރެވެ. ރަން ކާމިޔާބު ހޯދި އެތުލީޓުންގެ ކަރުގައި އެކުދިންގެ އަތުން މާފަތި އަޅުވައިދިން އިރު އެ ކުދިންގެ މޫނުމަތިން އެފެންނަ އިހްސާސަކީ އުފާވެރި ކަމުން ފުރިފައިވާ ޝުއޫރެކެވެ.

ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ވެރިން ހާޒިރުވެ ތިބި ގައުމީ މި ބޮޑު އެއްވުމުގައި ހާއްސަ ޝަރަފުވެރިންނަކީ ރަން މެޑަލް ހޯދި އެތުލީޓުންނެވެ. އެ އެތުލީޓުންގެ ޝަރަފުގައި އެމްއެންޑީއެފުން އެރުވީ ސަގާފީ ވެދުމެކެވެ.

އެ ފަދަ ގޮތަކަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން މީގެ ކުރިން ބާއްވައި އުޅެނީ، އެކުވެރި ގައުމުތަކުގެ އިސްވެރިން ރާއްޖެ ވަޑައިގަންނަވާ ނަމަ އެވެ. މިފަހަރު އެވަރުގެ ބޮޑު އިއްޒަތެއް މި އެރުވީ ދިވެހި ފަހްރުވެރި އެތުލީޓުންނަށްޓަކަ އެވެ.

ރަން ކާމިޔާބު ހޯދި ޓީމަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ލިބުނު ކާމިޔާބަކީ "ވަރަށް ފަހްރުވެރި ފޮނި ކާމިޔާބެއް" ކަމަށެވެ.

މެޑަލް ހޯދި އެތުލީޓުންނަށް ހާއްސަކޮށް، ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ސްޓޭޖުގައި އެތުލީޓުން ތިބިއިރު ދައުލަތުގެ އިއްޒަތްތެރިން ތިއްބެވީ އެހެން ސަފެއްގައެވެ. މިއަދުގެ ޝަރަފުވެރިންނަކީ މެޑަލް ހޯދި އެތުލީޓުންނަށް ވާތީ ސްޓޭޖު ހާއްސަކޮށްފައި ވަނީ އެތުލީޓުންނަށެވެ.

ގޭމްސްގައި ރާއްޖޭގެ ކާމިޔާބުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އުމުރުން 11 އަހަރުގެ ފާތިމަތު ދީމަ އަލީ އެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގައި އައި ދިވެހި ކޮންޓިންޖެންޓަށް ކީ މަރުހަބާ ފެނިފައި ދީމާ ބުނީ އެތުލީޓުންނަށް ކީ މަރުހަބާ ފެނިފައި އާދަޔާ ހިލާފް އިހްސާސެއް ކުރެވޭ ކަމަށެވެ.

ގޭމްސްގައި ފާއިތުވެދިޔަ 11 ދުވަހު ދިވެހި ކުޅުންތެރިންނާ އެންމެ ގާތުން ވަގުތު ހޭދަ ކުރެއްވި ސަރުކާރުގެ ވެރިޔަކީ ކުޅިވަރާ ބެހޭ ވަޒީރު އަހަމްދު މަހްލޫފް އެވެ. ވަޒީރު ވިދާޅުވީ އެފަދަ ބޮޑު ކާމިޔާބެއް ލިބުނީ އެތުލީޓުން މިދިޔަ ދެތިން އަހަރުތެރޭ ވަރަށް ބުރަކޮށް ކުރި މަސައްކަތުން ކަމަށެވެ.

ސިޔާސީ ހިޔާލު ތަފާތު ވުންތައް ދޫކޮށް ކޮންމެ ބޭފުޅަކުވެސް އިހްސާސް ކުރީ ގައުމީ ޝުއޫރެކެވެ. ކުރީ ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް އެތަނަށް ވަޑާއިގެން ވިދާޅުވީ އެ ވާހަކަ އެވެ. ރަން ވަނަ ހޯދި ޓީމުގެ ހިމެނޭ ރަފާ ގެ ބައްޕަ ނާޒިމް ވިދާޅުވީ ރަފާ ހޯދި ކާމިޔާބުގެ އިތުރަށް މުޅި ދިވެހި ރާއްޖެއިން ހޯދި ކާމިޔާބާއެކު ގައުމީ އިހްސާސެއް އޭނާ އަށް ކުރެވޭ ކަމަށެވެ. މިދިޔަ ސަރުކާރުގެ ވަޒީރެއް އަދި މިހާރުގެ ސަރުކާރުގެ ވަޒީރެއް ތަފާތެއް ނެތެވެ. އެންމެންވެސް އިހްސާސް ކުރީ އެއް ޝުއޫރެއެވެ.