ހަބަރު

ޓޫރިޒަމްގެ އާ މާސްޓާ ފްލޭނެއްގެ ފެށުން އިފްތިތާހު ކޮށްފި

ރާއްޖޭގެ ޓޫރިޒަމްގެ ފަސް ވަނަ މާސްޓަ ފްލޭން އެކުލަވައިލުމުގެ މަސައްކަތް މިރޭ އިފުތިތާހު ކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އަންނަ 2020 އިން 2025 އަށް އެކުލަވައިލާ އާ މާސްޓާ ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފުތިތާހު ކޮށްދެއްވާ ވާހަކަ ފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުން ގެނައި ހެޔޮ ބަދަލުގެ ނަތީޖާ ފެންނަން ފަށައިފިކަން އިހުސާސް ކުރެވެމުން އަންނަ ކަމަށާއި، ބައިނަލް އަގުވާމީ ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، އިންވެސްޓަރުންގެ އިތުބާރު ލިބެން ފަށާފައިވާ ކަމަށެވެ. އަދި ރައްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަދާ ހަމަޔަށް ބޭރުގެ 28 ހުށަހެޅުމެއް ލިބިފައިވާއިރު 23 އިންވެސްޓްމަންޓަކަށް ހުއްދަދީ 17 އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ރައީސް ސޯލިހު މިރޭ ވިދާޅުވި އެވެ. ރައީސް އިތުރަށް ވިދާޅުވީ، ރިސޯޓް މުވައްޒަފުންގެ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތާއި، ބީޗު ސްކައުޓުންގެ މަސައްކަތް ވެސް އެ މާސްޓާ ޕްލޭނާއެކީ ފެށިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހަތަރު ވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އިފްތިތާހު ކޮށްފައިވަނީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ޕްލޭން ހަދާފައި ވަނީ 2013 އިން 2017 ގެ ނިޔަލަށް ކުރަން ހާއްސަ ކަންތައްތަކެއް ކަނޑައަޅައިގެނެވެ. އެ މާސްޓާ ޕްލޭނުގެ މައިގަނޑު އަމާޒަކަށް ހަދާފައި އޮތީ ޓޫރިޒަމަށް ހާއްސަ އިންފްރާސްޓްރަކްޗާ ބިނާ ކުރުމާއި ޓޫރިޒަމް ތަރައްގީ ކުރާނެ ޒޯނު ތަކެއް ކަނޑައެޅުމެވެ. އެ މާސްޓަ ޕްލޭންގެ ދަށުން ޓޫރިޒަމްގެ އިންފްރާސްޓްރަކްޗާ ވަނީ ގާއިމްކޮށްފަ އެވެ. މިހާރު ރާއްޖޭގައި 45،000 އަށްވުރެ ގިނަ އެނދު އޮޕަރޭޓް ކުރަމުން ގެންދެ އެވެ.