ޖޭއެސްސީ

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ތިން ނަމެއް

އާންމު ރައްޔިތުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ތިން މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާންމުންގެ ތެރެއިން ޖޭއެސްސީގައި މިހާރު ތަމްސީލް ކުރައްވާ ފަރާތުގެ ދައުރު ހަމަވާތީ، އެ މަގާމަށް އާންމުންގެ ތެރެއިން ކުރިމަތިލާން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ތިން މީހަކު ކަމަށެވެ.

ޖޭއެސްސީއަށް ކުރިމަތިލި މީހުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ. އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލާ މީހުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރާނެ މީހެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ޖޭއެސްސީއަށް އާންމުންގެ ފަރާތުން ކުރިމަތިލެވެނީ އުމުރުން 25 އަހަރުވެ، ސިޔާސީ މަގާމެއްގައި ނެތް މީހަކަށެވެ. އަދި އެއީ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

ޖޭއެސްސީއަށް ކުރިމަތިލި މީހުން

  • ހާލިދު ގާސިމް، ރޯޒީ، ކ. ތުލުސްދޫ
  • ޒުބައިރު އަހްމަދު މަނިކު، ގ. މަލްތިނަ
  • މިރުފަތު ފާއިޒު، މއ. ރަންފަހި

ޖޭއެސްސީގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއި އާންމުންގެ މެންބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި، ވަކީލުންގެ ތެރެއިން މެންބަރަކާއި، ބަންޑާރަ ނައިބާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، އަދި ދަށު ކޯޓުތަކުން ފަނޑިޔާރެކެވެ.