ހަބަރު

ސިވިލް ސާވިސް ދަށުގައި އޮންނާތީ އައިޖީއެމްއެޗަށް ގިނަ ދަތިތަކެއް

ސިވިލް ސާވިސްގެ ދަށުން މުވައްޒަފުން ނެގުމުގެ ކަންކަން ކުރަންޖެހުމުގެ ސަބަބުން، ގިނަ ދަތިތަތަކެއް ކުރިމަތިވަމުންދާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ބުނެފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވީ އެ ހޮސްޕިޓަލަށް ފަންނީ މުވައްޒަފުން ނަގަންޖެހޭއިރު، ސިވިލް ސާވިސް ގަވައިދުތަކުގެ ދަށުން އެކަން ކުރަން ވަރަށް ދަތިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސިވިލް ސާވިސް ކޮމިޝަންގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ލިބޭ. އެކަމަކު ކޮންމެ ދާއިރާއަކުން ފަންނީ މީހުން ބޭނުންވާއިރު އަޅުގަނޑުމެންނަށް ލުއިތަކެއް ނުލިބި މުވައްޒަފުން ހަޔާ ކުރަން ވަރަށް ދަތި ހަގީގަތުގައި،" ސަލީމް ފާހަގަކުރެއްވި އެވެ.

އައިޖީއެމްއެޗްގެ މެޑިކަލް ސާވިސް ޑިރެކްޓަރު ޑރ. އަލީ ނަޒީމްވެސް ވިދާޅުވީ ސިވިލް ސާވިސްގެ ގަވައިދުތަކުގެ ދަށުން ބޭނުންވާ ސްޕީޑުގައި މުވައްޒަފުން ނަގަން ވަރަށް އުނދަގޫވެފައިވާ ކަމަށެވެ. އަދި ގަވައިދުގެ ދަށުން ދޭންޖެހޭ ޗުއްޓީތަކުގެ ސަބަބުން ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ގެންގުޅެންޖެހޭކަމަށް ނަޒީމް ވިދާޅުވި އެވެ.

"ހަގީގަތަށް ދަންނަވަންޏާ 300 އެނދުގެ ހޮސްޕިޓަލަކަށް އަޅުގަނޑުމެން އެބަ ގެންގުޅެން 1،700 އަށް ވުރެ ގިނަ މުވައްޒަފުން. އެއީ އަސްލު ބޭނުންވާ އަދަދަށް ވުރެ 35 ޕަސަންޓް އިތުރު. އެކަމަކު އެ ވަރުންވެސް ޗުއްޓީތަކާއި އެއްޗެއްހި ދޭންޖެހޭތީ އަބަދުވެސް މުވައްޒަފުންގެ ޝޯޓޭޖެއް އުޅޭ،" ނަޒީމް ފާހަގަކުރެއްވި އެވެ.

ވިހެއުމުން ހަ މަސް، އިތުރު ގޮންޖެހުމެއް

އާ ސަރުކާރުގެ ވައުދެއްގެ ގޮތުން، މައިންނަށް ހަ މަސް ދުވަހުގެ ވިހެއުމުގެ ޗުއްޓީ ދޭންޖެހުމުން ނަރުހުން މެނޭޖްކުރުމުގައި އިތުރު ގޮންޖެހުމެއް ކުރިމަތިވެފައިވާކަމަށް ޖެނެރަލް ނާސިންގް ޑިރެކްޓަރު މައިމޫނާ ސުޖާއު ކޮމިޓީގައި ވިދާޅުވި އެވެ.

"އެނގި ވަޑައިގަންނަވާނެ ނަރުހުންގެ ވަޒީފާތިބި މީހުންގެ ތެރެއިން 90 ޕަސަންޓަކީ އަންހެނުން. އެ ބޭފުޅުންނަށް އެންޓައިޓަލްވާ ޗުއްޓީތަކާއެކު އެ ބޭފުޅުންނަށް ހަ މަސް ދޭންޖެހުމުން ވަރަށް ދަތިވޭ އަޅުގަނޑުމެންނަށް މެނޭޖްކުރަން،" މައިމޫނާ ހިއްސާކުރެއްވި އެވެ.

މުވައްޒަފުން ނެގުމުގައި ދައުލަތުގެ ބައެއް އިދާރާތަކަށް ދެވިފައިވާ ހާއްސަ އޮނިގަނޑެއްގެ ދަށުން އައިޖީއެމްއެޗަށް ވެސް މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖެއްސުން ވަރަށް މުހިންމުކަމަށް ސަލީމް ފާހަގަކުރެއްވި އެވެ.

އަދި މުވައްޒަފުން ތަމްރީން ކުރުމަށް އިތުރު ބަޖެޓު ބޭނުންވެފައިވާކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.