ހަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގެ ރޭޑިއޭޝަން ލީކުވުން ހައްލުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ރޭޑިއޭޝަން ލީކުވާ މައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ބިޔަ މަޝްރޫއުއެއްގެ ގޮތުގައި ބޮޑު ހަރަދެއްކޮށްގެން ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

އައިޖީއެމްއެޗުން ދެމުންދާ ބައެއް ހިދުމަތްތައް ދަރުމަވަންތަ ކޮމްޕްލެކްސަށް މިހާރުވެސް ބަދަލުކޮށްފައިވާއިރު، އެއް ބައި ހިދުމަތްތައް ބަދަލުނުކުރެވިހުރީ އެ އިމާރާތް ޑިޒައިންކޮށްފައިހުރި ގޮތުންނެވެ. އެގޮތުން، ރޭޑިއޮލޮޖީ އަށް ހާއްސަކޮށްފައިވާ އެއް ވަނަ ފަންގިފިލާއިން ރޭޑިއޭޝަން ލީކުވާ މައްސަލަ ފެންމަތިވެ އެކަން ހައްލުކުރަން އެ މަޝްރޫއު ހަވާލުކުރި ޝެންހުއާ ކުންފުންޏަށް އެންގި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވީ އެ މައްސަލަ އިއްޔެ ހައްލުކޮށް ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ.

"އެތަން ހަދާފައިހުރީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަކަށް ނޫން. ރަނގަޅަށް ޝީލްޑް ނުކުރެވޭތީ ރޭޑިއޭޝަން ލީކުވަނީ. އެކަން ކުންފުންޏަށް އަންގައިގެން އިއްޔެ އެ މައްސަލަ ހައްލުކޮށް އަޅުގަނޑުމެންނަށް ވަނީ އަންގާފައި،" ސަލީމް ވިދާޅުވި އެވެ. ނަމަވެސް، ދަރުމަވަންތަ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން ހިދުމަތްތައް ފަށާނެ ތާރީހެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އޭގެ އިތުރުން ވެސް ޑިޒައިން ކުރުމުގައި ހުރި މައްސަލަތަކުގެ ސަބަބުން އެ އިމާރާތް ބޭނުންކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ސަލީމް ފާހަގަކުރެއްވި އެވެ.

ހިދުމަތްތައް އިތުރު ނުވިއަސް، ފަސޭހަވާނެ

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ސަބަބުން އައިޖީއެމްއެޗުން ދޭ ހިދުމަތްތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުންނެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވި ގޮތުގައި، އޯޕީޑީ ފަދަ ބައެއް ހިދުމަތްތައް އާ އިމާރާތަށް ބަދަލުކުރުމުން އައިޖީއެމްއެޗުގައި ދިމާވާ ތޮއްޖެހުމުގެ މައްސަލައަށް ލުޔެއް ލިބިގެންގޮސް، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"މިހާރު އައިޖީއެމްއެޗަށް އަންނަ އެންމެން މިއުޅެންޖެހެނީ އެއް ތަނެއްގައި. އެކަމަކު ދަރުމަވަންތަ ކޮމްޕްލެކްސްގައި ކޮންމެ ފްލޯއެއް ހާއްސަކޮށްފައިވަނީ ވަކި ކަމަކަށް. މިސާލަކަށް އޯޕީޑީގެ ބައި މި އިންނަނީ ވަކި ފްލޯއެއްގައި. އެ ހިދުމަތް ހޯދާ ފަރާތްތައް އުޅޭނީ އެ ފްލޯގައި. އެހެންވީމާ ވަރަށް ބޮޑަށް ތޮއްޖެހުން ކުޑަވެގެންދާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ސަލީމް ތަފްސީލްކޮށްދެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދަރުމަވަންތަގެ ރޭޑިއޯލޮޖީ ޑިޕާޓްމަންޓުން އެމްއާރުއި، އެކްސްރޭ އަދި ސީޓީ ސްކޭން ފަދަ ހިދުމަތްތައް ދޭން ފެށުމުން، ދެ ތަނުން އެ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ނަމަވެސް، އައިޖީއެމްއެޗު އިން ޕޭޝަންޓް ހިދުމަތަށް ދަރުމަވަންތަ ކޮމްޕްލެކްސް އިން މިވަގުތަށް މާބޮޑު ބަދަލެއް ނާންނާނެކަން ސަލީމް ފާހަގަކުރެއްވި އެވެ.

"އައިޖީއެމްއެޗުން ހުސްވާ ޖާގަތައް އެހެން ކަންތައްތަކަށް ހާއްސަކޮށް ތަރައްގީ ކުރަން އެބަ ބޭނުންވޭ ވަގުތު. އަޅުގަނޑުމެން މިހާރު އެކުލަވާލަމުންދާ ސްޓްރެޓީޖިކް ޕްލޭނުގެ ދަށުން އަޅުގަނޑުމެން ބަލާނަން އައިޖީއެމްއެޗުން ހުސްވާ ޖާގަތައް ތަރައްގީ ކުރާނީ ކޮން ދާއިރާތަކަކުންތޯ. އޭރުން އެ ފައިސާ ބަޖެޓުގައި ހިމަނައިގެން އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ އައިޖީއެމްއެޗަށް މިހާރުވެސް އިތުރު 150 އެނދު ބޭނުންވާއިރު، ދަރުމަވަންތަ ކޮމްޕްލެކްސްއިން އެކަމަށް ހައްލެއް ނުލިބޭ ކަމަށެވެ. ސަބަބަކީ އެތަނުގައި ގާއިމުކޮށްފައިވަނީ މަތީ ފެންވަރުގެ ޕްރައިވެޓް ރޫމްތަކެއް ކަމަށާއި، އެ ރޫމްތަކަކީ އާންމު ރައްޔިތުންނަށް އަތް ފޯރާ ފަށުގައި ހުރި ތަންތަން ނޫން ކަމަށެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލު ކޮށްގެން ތަރައްގީކޮށްފައިވާ 140 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އަގު ބޮޑު މި ހޮސްޕިޓަލްގެ މަސައްކަތްތައް ނިމިފައިވާ އިރު، އިމާރާތް ހުޅުވުން ލަސްވީ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހަމަ ނުވެގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ބޮޑު ހަރަދެއް ކޮށްގެން ގެނެސްފައި ހުރީ ކުރީގެ މެޝިންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.