އަހުމަދު ނަސީމް

ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރާނެ ކަމުގެ އިޝާރާތެއް

ކޮވިޑުގައި ހާލު ބޮޑުވާ މީހުނަށް ފަރުވާ ދިނުމަށް ބޭނުން ކުރާނެ ވެންޓިލޭޓަރުތައް ގަތުމުގައި ހިޔާނާތްވެފައިވާތީ އެ ކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް އަނެއްކާ ވެސް ދައުވާ ކުރާނެ ކަމުގެ އިޝާރާތެއް އަތުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީއަށް ވެންޓިލޭޓަރުގެ ގަތުމުގައި ކޮރަޕްޝަން ހިމެނުނު މައްސަލާގައި 11 ފަރާތަކަށް ދައުވާ ކުރަން ކުރިން ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަހުން ނިންމީ ދައުވާ ނުކުރާށެވެ.

ރަށްރަށަށް ފޮނުވާ އެމްބިއުލަންސްތައް ގުޅޭގޮތުން މިއަދު މަޖިލީހުގައި ސުވާލު ކުރަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މަޖިލީހަށް ހާޒިރު ކުރުމުން މެމްބަރަކު ވަނީ ވެންޓިލޭޓަރުގެ މައްސަލައިގެ އަޕްޑޭޓަކަށް އެދިވަޑައިގެންފަ އެވެ. ނަަމަވެސް އެއީ ތަހުގީގުގައި މިހާރު ވެސް އޮތް ކަމަކަަށް ވާތީ މިނިސްޓަރު ނަސީމް ފުރިހަމަ ތަފްސީލަކަށް ވަޑައި ނުގަންނަވާ ވިދާޅުވީ އެކަމާ ބެހޭ ގޮތުން "އިތުރު އެއްޗެއް ދެންނެވެން ނުވެސް ނެތް" ކަމަށެވެ.

"ވެންޓިލޭޓަރާއި ބެހޭގޮތުން އަޅުގަނޑަކަށް އިތުރު އެއްޗެއް ދެންނެވޭކަށް ނުވެސް ނެތް. އެއީ އެ މައްސަލަ ތަހުގީގު ކުރެވެމުން އެބަދޭ. އެއީ ޕީޖީ އެބަ ވިދާޅުވޭ އެބޭފުޅުންނަށް ދައުވާ ކުރައްވާ ވާހަކަ، އެކަންކަމާ ގުޅުންހުރި މީހުނަށް. އެހެންވީމަ އެހިސާބުގަ އެކަން އޮތީ." މިނިސްޓަރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން އެންމެ ފަހުން ވާހަކަ ދެއްކީ މީގެ މަހެއްހާ ދުވަސް ކުރިން ނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު ޝަމީމް އޭރު ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށާއި އަދި އިތުރު މައުލޫމާތުތަކެއް ވެސް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެއެވެ.

ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރިޔަސް މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވެސް ދީފަ އެވެ.

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން ކުރެވެނު ތުހުމަތުތަކާ ގުޅިގެން ކުރިން ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ
އަމީން ވަނި މަގާމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އަދި އެ މައްސަލައިގައި ދެ ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑް ވެސް ކުރި އެވެ. އެ ދެ ބޭފުޅުން އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.