ހަބަރު

ޑޮކްޓަރުން ނުހިފެހެއްޓޭ މައްސަލަ ބޮޑު: އައިޖީއެމްއެޗް

ސަރުކާރުން ބޮޑު ހަރަދު ކޮށްގެން ކިޔަވައިދޭ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެހެން ފަންނީ މުވައްޒަފުން ނުހިފެހެއްޓޭ މައްސަލަ ބޮޑުވެފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ބުނެފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވީ ސަރުކާރުން ބޮޑު ހަރަދު ކުރުމުގެ އިތުރުން އައިޖީއެމްއެޗުން ޕޭ ލީވް ދީގެން ކިޔަވައިދޭ ނޫނީ ތަމްރީން ކުރާ ޑޮކްޓަރުން އެހެން ހޮސްޕިޓަލުތަކަށް ދިޔުން ނުހުއްޓުވޭ ކަމަށެވެ.

މާލޭ ސަރަހައްދުގައި ވެސް ގިނަ ޕްރައިވެޓް ހޮސްޕިޓަލުތަކެއް ހުރި އިރު، ބޮންޑު އޮތަސް، ޑޮކްޓަރުން ހިފެހެއްޓެމުގައި އައިޖީއެމްއެޗަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ސަލީމް ފާހަގަ ކުރެއްވި އެވެ.

އައިޖީއެމްއެޗްގެ މެޑިކަލް ސާވިސް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވެސް ވިދާޅުވީ ބޮންޑު އޮތަސް އެއީ މާބޮޑު ބާރެއް ހިނގާ އެއްޗަކަށް ނުވާ ކަމަށެވެ.

"ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ ގޮތުގައި މިހާރު ތިބީ 12 ވަރަކަށް މީހުން. އެކަމަކު އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ތަމްރީން ކުރި ޑޮކްޓަރުން ތިބި ނަމަ އެ އަދަދު 30 ނޫނީ 35 އަށް އަރާނެ. އަނެއްހެން ދަންނަވަންޏާ އަޅުގަނޑުމެން ގެންގުޅޭ ކޮންމެ ސްޕެޝަލިސްޓަކަށް ތިނެއް ނޫނީ ހަތަރު މީހުން އަޅުގަނޑުމެންނަށް ވަނީ ގެއްލިފައި،" ނަޒީމް ވިދާޅުވި އެވެ.

ނަޒީމް އިތުރަށް ވިދާޅުވި ގޮތުގައި، ޑޮކްޓަރުން ފަދަ ފަންނީ ދިވެހި މުވައްޒަފުން ނުހިފެހެއްޓެނީ އެ މީހުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކުޑަވުމުންނެވެ.

"ބޭރު ޑޮކްޓަރުންނަށް އެބަދެވޭ އެކޮމޮޑޭޝަން އެލަވަންސްފަދަ އިތުރު އިނާޔަތްތަކެއް. އެކަމަކު އެކޮމޮޑޭޝަން އެލަވަންސަކީ ދިވެހި ޑޮކްޓަރުންނަށް ލިބޭ އެއްޗެއް ނޫން،" ނަޒީމް ފާހަގަކުރެއްވި އެވެ.

މުވައްޒަފުން ތަމްރީން ކުރަން ބަޖެޓެއްނެތް

ޑޮކްޓަރުންނަކީ އަބަދުވެސް ތާޒާ ކުރަންޖެހޭ ބަޔަކަށްވާއިރު، އެ މީހުން ތަމްރީން ކުރާނެ ބަޖެޓެއް އައިޖީއެމްއެޗުގައި ނޯންނަ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ސްޕެޝަލިސްޓް ނަރުހުން ތަމްރީން ކުރުމުގައިވެސް ބަޖެޓުގެ ދަތިކަމަކީ އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިއްހީ ދާއިރާގައި ގައުމީ މަސައްކަތެއް ކުރަންޖެހޭ ދައުލަތުގެ މައި ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުޅާކުރެވެން އަންނަނީ ވެސް ބޭނުންވާ ދައިރާތަކަށް މީހުން ތަމްރީންކުރެވިގެން ކަމަށް ސަލީމް ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ ބަޖެޓުގެ އިތުރުން ބޮންޑުގެ މައްސަލާގައި އައިޖީއެމްއެޗްގެ މެނޭޖުމަންޓުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހައްލުތަކެއް ލިޔުމުން ކޮމިޓީއަށް ފޮނުވައި ދިނުމަށެވެ. އޭގެ ފަހުން، ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު އައިޖީއެމްއެޗަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކޮމިޓީގެ އިތުރުން މަޖިލީހުގެ ތަޅުމުގައި މަސައްކަތްކުރައްވާނެކަމަށް އީސާ ވިދާޅުވި އެވެ.