އިންތިހާބުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ބަދަލުތައް ގެންނައިރު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މަޝްވަރާ ހޯދާފައި ނުވާ ކަމަށާއި އޭގެ ސަބަބުން ގެންނަ ބަދަލުތައް ތަންފީޒު ކުރަން ދަތިތަކާ ކުރިމަތިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ މީގެ ކުރިން އިންތިހާބުތަކުގެ ގާނޫނަށާއި އީސީގެ ދައުރެއް އޮންނަ ގާނޫނުތައް ފާސް ކުރުމުގައި ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަންގެ މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.
މަޝްވަރާއެއް ނެތި ގާނޫނުތަކަށް ބަދަލު ގެންނައިރު، ފާސްކުރާ ބަދަލުތައް ތަންފީޒު ކުރުމުގައި ބައެއް ފަހަރު އީސީއަށް ދަތިތައް ކުރިމަތިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި މަޖިލީހުން އީސީގެ ދައުރު އޮންނަ ގޮތަށް ގާނޫނުތައް ފާސްކުރާއިރު އަދި އިންތިހާބުތަކުގެ ގާނޫނަށް ބަދަލުތައް ގެންނަންއިރު އީސީގެ މަޝްވަރާ ހޯދަން އެދިވަޑައިގަތެވެ.
"މި މަޖިލީހަށް ވެސް އަޅުގަނޑު ދަންނަވާލަން ބޭނުން އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގެ ދައުރެއް އޮންނަ ގާނޫނެއް ފާސްކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ކުޑަމިނުން އިޝާރާތެއް ނަމަވެސް ކުރުމަށް،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ބާ ކައުންސިލްގެ ގާނޫނު ފާސްކުރިއިރު، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ އިންތިހާބުގައި އީސީގެ ދައުރެއް އޮތް ކަމަށް ފުރަތަމަ ކޮމިޝަނަށް އެނގިފައި ނުވާ ކަމަށާއި މަޖިލީހުން އަންގާފައި ވެސް ނުވާ ކަމަށެވެ. އެ ކަން ކޮމިޝަނަށް އެނގުނީ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އެ ގާނޫނު ކިޔާލުމުން ކަމަށެވެ.
މަޖިލީހުން ފާސްކުރި ބައެއް އިސްލާހުތަކާއި ގާނޫނުތަކާ ގުޅިގެން އީސީއަށް ކުރިމަތިވާ ދަތިތައް މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވޭތޯ މެންބަރަކު ސުވާލު ކުރެއްވުމުން ޝަރީފު ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް އެ އިންތިހާބުގެ ގާނޫނަށާއި އާންމު އިންތިހާބުތަކުގެ ގާނޫނަށް ގެނައި ބައެއް އިސްލާހުތަކާ ގުޅިގެން އީސީއަށް ދިމާވާ ދަތިތައް އޭރުގެ ބަންޑާރަ ނައިބަށާއި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސެކިއުރިޓީ ސަބަބުތަކަށްޓަކައި އިލެކްޝަންސް ކޮމިޝަން ހިންގަން ވަކި ބިމެއް ބޭނުންވާ ކަމަށާއި ކޮމިޝަންގެ ވަސީލަތްތައް ތަރައްގީ ކުރުމަށް އިތުރު ބަޖެޓު ބޭނުންވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ އީސީގެ މުވައްޒަފުންނަށް ރިސްކް އެލަވަންސް ނުލިބޭ ކަމަށާއި މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި ވެސް ލުއިތަކެއް ބޭނުންވާ ކަމަށެވެ.