ވާހަކަ

އީޝަލް

( 28 ޖުލައި 2019 އާ ގުޅޭ)

އެމީހުންގެ މިސްރާބު ހުރީ ހުޅުމާލެއަށެވެ. މާލެ އައީ ހަފްތާ ބަންދު ދުވަހަކަށްވާތީ ހަފްސާގެ ދަޢުވަތަށެވެ. ތިމާގެ ކަމެއްނެތި ތިމާގެ ވެފައިވާ ބައެކެވެ.

ހަވީރު ފަހެއް ޖެހިއިރު ހުޅުމާލޭގައި ހުންނަ ރެހާންގެ ގޭ ދޮށަށް އެންމެން އައިސް މަޑުކޮށްލިއެވެ. ކާރުން ފައިބައިގެން އެންމެންނަށްވުރެ ކުރިން އާހިލް ދިޔައެވެ. އަލައިނާ ކޮތަޅުތައް ހިފައިގެން އައީ މިޝަލްއާއީ މަލަކާއާ އެއްވަރަށެވެ. ކާރު ތަޅުލާފައި އެމީހުންގެ ފަހަތުން ރެހާން ވެސް އައެވެ.

"ދައްތަ ކުރިއަށްވުރެ ވެސް މިހާރު ހިކި، ޖާވިދު ބޭބެއާއެކު ހަމަޖެހިގެން ނޫންތަ އެއުޅެނީ" އަލައިނާ ވާހަކަދެއްކީ މަލަކާއާއެވެ.

"މިހާރު ދިރިއުޅުން އެވަނީ ހަމައަކަށް އެޅިފަ، އެހެންވިޔަސް ހަފްސާ އަދިވެސް ކުރީގެ ޚިޔާލުތައް ކުރަނީހެން ހީވަނީ، ޖާވިދު ވަރަށް ރަނގަޅޭ ބުނޭ" މަލަކާ ބުންޏެވެ.

"މަންމަ ގޮސް ނަމާދަށް ދޯ އަރާނީ، މިޝަލް ގޮވައިގެން އަރައްޗޭ... އަޅުގަނޑު ފާޚާނާއަށް ވަދެލާފައި ނުކުމެ ނަމާދުކޮށްލާނީ" ގޭތެރެއަށް ވަންނަން ދޮރޯށި ހުޅުވާލަމުން އަލައިނާ ބުންޏެވެ. އަދި އޭނާ މަޑުކޮށްލީ ދަރިފުޅު މިޝަލްއާއި މަލަކާއާ ދެމީހުން ގޭތެރެއަށް ވަންނަންދެނެވެ. އެމީހުންގެ ފަހަތުން ގޭގެ އޮޅި ގިރާ ނުކުރެވެނީސް ދުރުން މީހަކު އޭނާގެ ނަމުން ގޮވާލިހެން ހީވި ހުއްޓެވުނެވެ. ފަސްއެނބުރި ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ.

"ކިހިނެއްވީ؟" ރެހާން އަހާލިއެވެ. އަލައިނާއަށް ގަބުވެފައި ހުރެވުނީ އެތައް އަހަރެން ކުރީން އޭނާއަށް ކުރެވުނު އިޙްސާސެއްގެ މަތިން ހަނދާންވުމުންނެވެ. އަވަސް ނަޒަރެއް މަގުގެ ދެފަރާތަށް އޭނާއަށް ދެވުނެވެ. މީހަކު ފެންނަން ނެތުމުން ހައިރާންކަމުގެ އިތުރުން ނުތަނަވަސްކަމެއް ހިތަށް ވެރިވިއެވެ.

"އެލީ..." ރެހާން ގޮވާލިއެވެ.

"ރެހާން ވަދޭ... އަހަރެން އެބަދަން... ފިހާރައަށް ދާން އެބަޖެހޭ" އަލައިނާ ޔަގީންނުވެފައި ހުރެ ބުނެލިއެވެ.

"އަހަރެން ގެނެސްދީފާނަން، ކޯޗެއް ގަންނަވީ" އަލައިނާއަށް ވެފައިހުރި ގޮތުން ރެހާން ވެސް ސުވާލު އުފެދުނެވެ. އެހިސާބުގައި އެވަގުތު ބަޔަކު ފެންނަން ނެތްއިރު ވެސް އަލައިނާ މަގުމަތި ހޯދާތީ ވީގޮތެއް އެނގެން ރެހާން ވެސް ބޭނުންވިއެވެ.

"އިޓްސް އޯކޭ... ރެހާން ދޭ އެތެރެއަށް، އަހަރެން މި ވަންނަނީ" އަލައިނާ ބުންޏެވެ. އަދިވެސް އެއްފަހަރު މަގުގެ ދެކޮޅު ބަލާލަފައި އަލައިނާ ގޭތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ރެހާން ވަދެ ދޮރޯށި ލައްޕާލިއެވެ.

"އަހަރެން ވެސް ފާޚާނާއަކަށް ދާންވެފައި މިހުރީ" ސިޑިއާ ދިމާއަށް އައި ރެހާން ބުންޏެވެ.

"އެހެންވީރު ރެހާން ވަދެފައި ނުކުމޭ، އަހަރެން މިދަނީ ހަފްސާ ދައްތަ ދިން އެއްޗެހި ބަދިގެއަށް ލާން" އަތުގައި ހުރި ކޮތަޅުތައް ބަހައްޓަން އަލައިނާ ހިނގައިގަތެވެ. ކާމޭޒުމަތީ ކޮތަޅިތައް ބެހެއްޓިގޮތަށް އަލައިނާއަށް ހުރެވުނީ އެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ.

"މިޝަލް... މީކާޢިލް... ހީވީ މީކާޢިލް ގޮވާލިހެން، އެދުވަހު ގޮވާލިހެން... އެކަހަލަ ގޮތެއްހެން ހީވީ... ކީއްވެ؟... އޭގެ ފަހުން ކިތައް އަހަރުމިވީ، އަހަރެން... އަހަރެން އެވާހަކަ އެކަކު ގާތުގައި ވެސް ނުދައްކަން" އަމިއްލަ ނަފްސާ އަލައިނާ ވާހަކަދެއްކިއިރު އެމޫނު މިލައިގެން ހިނގައްޖެއެވެ.

"އަލައިނާ..." ހިމޭންކަމުގެ ތެރެއިން އަނެއްކާ ވެސް އަލައިނާއަށް އޭނާގެ ނަމުން މީހަކު ގޮވާލިހެން ހީވެއްޖެއެވެ. ސިއްސައިގެން ގޮސް ފަހަތަށް ބަލާލެވުނެވެ.

"މީކާޢިލް... މީކާޢިލްތަ؟..." ސުވާލުކުރަމުން ހަލުވި ހިނގުމުގައި އަލައިނާ އައިސް މައި ދޮރޯށި ހުޅުވާލިއެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ. ދޮރާށްޓައި ދިހަވަރަކަށް ފިޔަވަޅު ދުރުގައި ހުއްޓިލައިގެން ހުރީ މީކާޢިލްއެވެ. އޭނާ އެންމެފަހުން ދުށް އިރާ އެއްވެސް ތަފާތެއްނެތެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ކަޅު ޖިންސެއްގައެވެ. އެ ފެހިކުލައިގެ ދެ ކަޅި އަލައިނާއަށް ހުއްޓާލައިގެންނެވެ. އަލައިނާއަށް އޭނާގެ މޭގައި ކަނާއަތް ޖައްސާލެވުނެވެ. އެހިނދު އެ ދެތުންފަތުން މަޑު އާހެއް ބޭރުވިއެވެ. އިތުރަށް އަޖައިބުވެ އަންތަރީސްވީ މީކާޢިލްގެ ފަހަތުން ނުކުތް އަންހެންކުއްޖާ ފެނިފައެވެ. އަލައިނާއަށް އަނގަމަތީ ދެއަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ދުވާލުގެ އަލިކަމުގެ ތެރެއިން އޭނާގެ ލޮލަށް މިފެންނަނީ ކޮންފަދަ ބޮޑު އޮޅުވާލުމެއްބާއޭ އަލައިނާ ހިތަށް އެރިއެވެ.

"ސުބްޙާނައްﷲ!... ސުބްޙާނައްﷲ..." އަޖައިބުވިވަރުން އެތައް ފަހަރަކު އަލައިނާއަށް ތަކުރާރުކޮށްލެވުނެވެ. އެހިނދު މީކާޢިލްގެ ގާތުގައި ހުރި އަންހެންކުއްޖާ ކުރިއަށް ފިޔަވަޅެއް އަޅާލައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"މިޝަލް... މި ފެންނަނީ ހަޤީޤަތެއްތަ؟... މީ ޝައިތާނާގެ އޮޅުވާލުމެއްތަ؟" އަލައިނާގެ އަޑުގައި މަޑު ތުރުތުރެއްވިއެވެ.

"މީ އަހަރެން... މިޝަލްގެ މީކާޢިލް" މަޑުމަޑުން މީކާޢިލް ބުނެލީ އަލައިނާއަށް ޔަގީންކަން ދިނުމަށެވެ.

"މިޝަލް... ނޫން... މީ... މީކާޢިލް... މީ އީޝަލްތަ؟... އެ ތުއްތު ކުއްޖާތަ؟" ކުރިމަތީ ހުރި އަންހެންކުއްޖާގެ ފުށުން މިޝަލްއާ ވައްތަރު ސިފަތައް ފެނުނަސް އެއީ މިޝަލްނޫންކަން ބުނަން އަލައިނާއަށް އެނގުނެވެ. އެއާއެކު އޭނާ ހަނދާންވީ މިޝެލް ވިހޭ ދަރިފުޅެވެ. އެކުއްޖާވީ މީކާޢިލްގެ ގާތުގައެވެ. އަލައިނާގެ ސުވާލަށް މީކާޢިލް ބޯޖަހާލިއެވެ. ހިތުގެ އާހާއެކު އަލައިނާއަށް އުފަލުން ހީނލެވުނެވެ.

"އީޝަލް... އެ ލޯބިލޯބި ދަރިފުޅު، އަހަރެމެންގެ މިޝަލްގެ ހަމައެކަނި ނިޝާން..." އަލައިނާ ފަސްޖެހުމެއްނެތި އައިސް އީޝަލްގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. އޭނާގެ މޫނާއި ބޮލާއި ދެއަތާއި ދެކޮނޑުގައި އަލައިނާ ފިރުމަމުން ދިޔައެވެ. ފެންކަޅުވެ ކޯތާފަތް ތެމެމުންދިޔައިރު ވެސް އަލައިނާގެ މޫނުން ފެންނަނީ ހިނިތުންވާތަނެވެ.

"ތީ މަންމަގެ އެންމެގާތް އެކުވެރިޔާކަން ބައްޕަ ބުނި" އީޝަލް ވާހަކަދެއްކިއެވެ. އަލައިނާ ހީނލިއެވެ. އަދި މީކާޢިލްއަށް ބަލާލުމަށްފަހު އީޝަލްއަށް ބަލާލިއެވެ. މަޑުމަޑުން ބޯޖަހާލިއެވެ.

"އާނ!... މީ މިޝަލްގެ ހުރި ހަމައެކަނި ބެސްޓްފްރެންޑް، މިޝަލްގެ ހުރިހާ ސިއްރުތަކެއް އެނގޭ ހަމައެކަނި މީހަކީ" އަލައިނާ ހިނިތުންވެ ހުރެ ދެ ކޯތާފަތް ފުހެލިއެވެ.

"ރެހާން" މީކާޢިލް މަޑުމަޑުން ބުނެލިއެވެ. އަލައިނާގެ މޫނުން ކަންބޮޑުވުން ފާޅުވިއެވެ. ފަސްއެނބުރި ދޮރޯޓަށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު ރެހާން ދޮރޯށި ހުޅުވާލައި ނުކުންނަނީއެވެ.

"ރެހާން..." ހާސްވެފައި ހުރެ އަލައިނާއަށް ބުނެވުނެވެ.

"މީކާޢިލް... ތީ މީކާޢިލް ދޯ..." ހައިރާންވެފައި ހުރި ރެހާން މީކާޢިލްމެންނާ ދިމާއަށް އައެވެ.

"ރެހާން..." އަލައިނާ އަނެއްކާ ވެސް ގޮވާލިއެވެ.

"ކަލޭ އަހަރެމެންނަށް ގެއްލުނީ، ކަލޭގެ ދަރިފުޅުގެ ކަންތަކުގައި ބައިވެރިވެފައި ދިޔަތާ މާފަހުން އަހަރެންނަށް އެނގުނީ ތީ މިޝަލްގެ މީކާޢިލްކަން، ހިޔެއްނުކުރަން އަލުން ބައްދަލުވާނެކަމަށް... މިހުރީ ކޮންކުއްޖެއްތަ؟... އެލީ އެމީހުން ބޭރުގައިތަ ބައިތިއްބަނީ، އެލީގެ ބެސްޓްފްރެންޑްއާ އޭނާއާ އޮތް ގުޅުން ކިޔައިދިނީ އެލީއެންނު... މަންމަ... މަންމަ ސުވާލުކުރާނެތީ ދޯ" ރެހާން ބުންޏެވެ.

"ރެހާން... މީ އީޝަލް... މިޝަލްގެ" ގާތުގައި ހުރި ރެހާންގެ ވައަތު މުލައްދަނޑީގައި ހިފާލަމުން އަލައިނާ ބުންޏެވެ. އެއާއެކު ކުރިއަށްވުރެ އީޝަލްގެ މޫނަށް ރެހާން ބަލާލީ ފަރުވާތެރިކަމާއެކުއެވެ. އޭނާގެ ނަޒަރު އަލައިނާއަށް ހުއްޓުނީ ޤަބޫލުނުކުރެވިފައި ހުރިހެންނެވެ. މީކާޢިލް އައިސް އީޝަލްގެ ގާތުގައި ހުއްޓުނެވެ.

"ރެހާން، އަހަރެން ބުނީމެންނު މިޝަލްގެ ދަރިފުޅު މަރެއްނުވެޔޭ، އޭނާ ގެންދިޔައީ އޭނާގެ ބައްޕައޭ، އެމީހުންނަކީ އަހަރެމެން ކަހަލަ ބައެއްނޫން، މިޝަލް ވަކިވެގެންދިޔައީ ކިހިނެއްކަން އެނގެއެއްނު، ހަފްސާ ދައްތަ އެވާހަކަތައް ކިޔައިދިނެއްނު" އަލައިނާ ކަމެއް ހަނދާންކޮށްދޭ ފަދައިން ބުންޏެވެ. ރެހާންގެ ދެލޯ ބޮޑުކޮށްލިއެވެ. އަދި ހާސްކަމާއެކު މީކާޢިލްއާއި އީޝަލްއަށް ބަލާލިއެވެ.

"މިޝަލްއާ ޖިންނިއެއް އަވަލީ... މި ފެންނަނީ އިންސާނުންނެއްނޫންތަ؟" ފަހަތަށް ފިޔަވަޅު އަޅާލެވުނު ރެހާން ހުރީ ކަންބޮޑުވެފައެވެ. ނަމަވެސް އޭނާގެ އަތުގައި އަލައިނާ ހިފެހެއްޓިއެވެ.

"އެމީހުން އެއައީ އަހަރެމެންނަށް ގެއްލުމެއްދޭކަށްނޫނޭ، އަހަރެން ހުރިހާ ވާހަކައެއް ކިޔާނުދިނީ މިހެންވެ، ރެހާން ޤަބޫލުނުކުރާނެތީ، ރެހާން ބިރުގަނެ ހަފްސާ ދައްތަ ކުރިކަހަލަ ކަމެއް ކޮށްފާނެތީ... ރެހާން، އަހަރެމެންގެ ކުރިމަތިން މިފެންނަނީ ވެސް ހަޤީޤަތް، މިހުރީ މިޝަލް ވިހޭ ދަރިފުޅު، އޭނާގެ ގާތުގައި އެހުރީ މިޝަލްގެ ފިރިމީހާ... އަހަރެމެން ގުޅޭހެން ނުގުޅުނެއްކަމަކު އޭނާއަކީ މިޝަލްގެ ފިރިމީހާ، މިޝަލް ވެސް ޤަބޫލުކުރީ އެހެން" އަލައިނާ ބުންޏެވެ. ރެހާންއަށް ވިސްނާލެވުނީ ދެނެވެ. ހަޤީޤަތުގައި މީކާޢިލް ފެނުމަކުން އޭނާ ހިތްބިރުގަންނަގޮތެއް ނުވެއެވެ. ހީވީ ކުރިން ބައްދަލުވެފައި ހުރި ރަޙުމަތްތެރިއަކު ޒަމާންތަކަކަށްފަހު އަލުން ބައްދަލުވީ ހެނެވެ. އީޝަލްގެ ސޫރައިން މިޝަލްގެ ސިފަ ރެހާންއަށް ފެނުނެވެ. އޭނާ އަލައިނާއަށް ބަލާލިއެވެ. އަލައިނާގެ ފުށުން އެއްވެސް ޖެހިލުންވުމެއް ނުފެނެއެވެ. އޭނާ މީކާޢިލްއާ މެދު ޢަމަލުތައް އެބަހައްޓަނީ ވަރަށް ވެސް އާދައިގެ ގޮތަކަށެވެ. އެއްއިންސާނަކު އަނެއްއިންސާނަކާ ބައްދަލުވާ ހިނދު ފާޅުވާ ފަދަ ޝުޢޫރުތަކެކެވެ. އޭނާ އެހުރީ އެމީހުންނާ ބައްދަލުވީތީ އުފަލުންކަން ރެހާން ދެނެގަތެވެ. އެހެންވެ އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ.

"ސޮރީ..." ރެހާން ބުނެލިއެވެ.

"މީކާޢިލް... އާދޭ އެތެރެއަށް، މީ ރެހާންގެ ބައްޕަގެ ގެ، އަހަރެމެން މިހާރު މިގޭގަ އުޅެނީ، މިވީ އަހަރުތަކުގައި ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ" އަލައިނާ ހިނިތުންވެލިއެވެ.

"އަލައިނާ ފެނުމުން ވެސް އެނގޭ ބަދަލުއަތުވެއްޖެކަން" މީކާޢިލް ބުންޏެވެ. އޭނާއަށް ފެނުނީ މީގެ އަހަރުތަކެއް ކުރީގެ އަލައިނާއެއްނޫނެވެ. މިހާރު އޭނާ ހުރީ ބޯނިވާކޮށްފައެވެ. ލާފައި ހުރީ ހަށިގަނޑު ނިވާވާވަރުގެ ދޫ ބޮޑު ހެދުމެކެވެ.

"ހިނގާ" ރެހާން އިސްނަގާ ބުނެލިއެވެ. އަލައިނާ ލުއި ހިނިތުންވުމެއް ފިރިމީހާއާ ބަދަލުކޮށްލިއެވެ. އޭނާއަށް މީކާޢިލްއަކީ ދުރުމީހެއްކަމަށް ނުދެކެވެއެވެ. އަދި އޭނާއަކީ އިންސާނަކަށްނުވުމުން އެ ފަރަޤު މުހިންމެއް ވެސް ނޫނެވެ. އަލައިނާ ދުށީ މީކާޢިލްއަކީ މިޝަލްއާ ގުޅިފައިވި ހަނދާނެއްކަމުގައެވެ. އަދި މިޝަލްގެ ދަރިފުޅުގެ ބައްޕަ ކަމެވެ. އޭނާ އީޝަލްގެ އަތުގައި ހިފާލައި ހިނގައިގަތެވެ.

ސިޓިންރޫމު ސޯފާގައި އީޝަން ބޭންދިއެވެ. މީކާޢިލްއާއި ރެހާން އެއްސޯފާއެއްގައި ތިއްބެވެ. މިވަގުތު އެގެއަށް ވަންނަ އެކަކަށް ވެސް މީކާޢިލްމެންގެ ހަޤީޤަތެއް ނޭނގޭނެއެވެ. އެމީހުން ފެންނަނީ އިންސާނުން ފަދައިންނެވެ.

"އަހަރެން ހަނދާންއެބަހުރި މިކުއްޖާ ގޮވައިގެން މީކާޢިލް ދަމުން ބުނި ވާހަކަތައް، ދެން ކީއްވެ އަލުން އަހަރެމެންގެ ތެރެއަށް އަންނަންޖެހުނީ... އަނެއްކާ ކަމެއް ދިމާވީތަ؟" އަލައިނާ ސުވާލުކުރީ މީކާޢިލްއާއެވެ.

"އަޅުގަނޑު ބޭނުންވީ... މަންމަގެ ދުނިޔެ ބަލާލަން، މަންމަގެ މީހުންނާ ބައްދަލުކުރަން، މާމައާ ބައްދަލުކުރަން" އީޝަލް ބުންޏެވެ.

"މިޝަލްމެން ގޭގައި އުޅެނީ އެހެންބައެއް" މީކާޢިލް ބުންޏެވެ.

"އާނ! ހުރިހާކަމަކަށްފަހު ހަފްސާ ދައްތައަށް އެގޭގައި އުޅޭން ފަސޭހައެއްނުވި، އެހެންވެ ދައްތަ އެގެ ވިއްކާލީ، އެކަމަކު ދާދި ފަހުން އަނެއްކާ އެގެ ގަނެއްޖެ، ވިއްކާލި އަގުގެ ދެގުނަ ދީފައި ގަތީ، ބުނީ މިޝަލްގެ ހަނދާންނައްތާލުން ކަހަލަ ކަމެކޭ އެގެ ވިއްކާލުމަކީ، އަލުން އެހާވަރުން ގަތީ އެހެންވެގެންނޭ... މިއަދު މިއައީ އީޝަލްގެ މާމަ ގާތަށް ގޮސްފައި، އީޝަލްގެ މަންމައާއި އީޝަލްގެ މަތިން އެ މާމަ ވަރަށް ހަނދާންކުރޭ، ކުރިން ވަރަށް ގިނައިން މިޝަލްއާއި އީޝަލްގެ ވާހަކަދައްކާނެ، ބުނޭ ދިރިހުރިނަމަ ފެންނާނެނަމައޭ... މިޝަލް ރުހޭގޮތަށް ހުރިހާކަމެއް ކުރެވުނު ނަމައޭ، އޭރުން މިޝަލް ގެއްލިގެން ނުދާނެއޭ، އީޝަލް ވެސް ގާތުގައި ހުރީހޭ... ކަންތައްވީގޮތުން ވަރަށް ދެރަވެފައި ހުންނަނީ، ކުރިން ވަރަށް ރޮއެ ހިތާމަކުރާނެ، ވަގުތަކީ އޭގައި ފަރުވާއެއްވާ އެއްޗެކޭ ބުނެއެއްނު، މިހާރު ދައްތަގެ އެ ސިފައެއް ނުދައްކާ، އެހެންވިޔަސް އެނގޭ މިޝަލްއާ މެދު ވިސްނާކަން" އަލައިނާ ބުންޏެވެ. އަދި ގާތުގައި އިން އީޝަލްގެ ބުރަކަށީގައި ފިރުމާލިއެވެ.

"މަންމާ..." ހަލުވިކޮށް ސިޑިން ފައިބައިގެން އައި މިޝަލް އެންމެންނަށް ފެނުނެވެ. ބަޔަކު އައިސް ތިބިކަން އެނގި އޭނާ ވެސް މަޑުޖެހިލިއެވެ.

"މިޝަލް... އާދެބަލަ" އަލައިނާ ގޮވާލިއެވެ. އެއާއެކު މީކާޢިލްއާއި އީޝަލްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.

"އެލީ ބޭނުމެއްނުވި ވަކިވެގެންދިޔަ މީހުންގެ މަތިން ހަނދާންނައްތާލާކަށް، އަހަރެމެންގެ ކައިވެންޏަށް މިހާރު ދެ ކުދީން ލިބިއްޖެ، ދޮށްޓަށް ހުރީ ފިރިހެންކުއްޖެ، އެކާވީސްވާނެ މިއަހަރު، ދެން ލިބުނީ އަންހެން ދަރިފުޅު، ސަތާރަ އަހަރު މިހާރު، އެލީގެ ބޭބެ އާހިލް ގެއްލުނީ ކުއްލިއަކަށްނު، އަދިވެސް އެކަމުގެ އެއްވެސް ޚަބަރެއްނުވޭ... މިޝަލް ވެސް ވަކިވީ ކުއްލިއަކަށް، އަހަރެމެންގެ ދެ ދަރީންނަށް އެމީހުންގެ ނަން ކީ... އެލީ ވަރަށް ހިތާމަކުރި އެ ދެމީހުން ވެސް އެހާ ކުއްލިގޮތަކަށް ވަކިވެގެން ދިޔައީމަ، ވަރަށް ގިނައިން ކީ ދެން އީޝަލް ވެސް ނުފެންނާނޭ" ރެހާން އޮޅުން ފިލުވައިދިނެވެ.

"މީ އީޝަލް... މިޝަލްގެ ދަރިފުޅު" އީޝަލް އިންތަނުން ތެދުވެ ސަލާމަށް އަތްދިއްކޮލިއެވެ. ހައިރާންވެފައި ހުރި މިޝަލް ލުއި ހިނިތުންވުމެއް ބަދަލުކޮށްލައި ސަލާމްކޮށްލިއެވެ. އޭނާ ބަލާލީ ހިނިތުންވެލައިގެން ހުރި އަލައިނާއަށެވެ.

"ދޭބަލަ މާމައަށް ގޮވާލަން... އުހޫން!... ދަރިފުޅު ގޮސް ދޮންބެއަށް ގޮވާލަބަލަ، މަންމަ އަންނާނަން މާމަ ގާތަށް ގޮސްފައި، މީ މަންމަގެ ބެސްޓްފްރެންޑްގެ ހުރި ހަމައެކަނި ދަރިފުޅު، ވަރަށް ދުރުގައި އުޅެފައި އެއީ... ދަރިފުޅުވާނެ އީޝަލްއާ ފްރެންޑްވާން" އަލައިނާ ސޯފާއިން ތެދުވިއެވެ.

"މަންމާ" މަލަކާގެ ކޮޓަރިއަށް ވަންނަމުން އަލައިނާ ގޮވާލިއެވެ. އޭރު ތަސްބީހަ ހިފައިގެން މުއްސަލަ މަތީ މަލަކާ އިނެވެ. އަލައިނާ އައިސް އޭނާގެ މަންމަ ގާތު އިށީނެވެ. އަދި އެ މަންމަގެ އަތުގައި އަތްތިލަ ބާއްވާލަމުން ވާހަކަދައްކަން ފެށިއެވެ.

"މަންމާ... ވަރަށް މުހިންމު ވާހަކައެއްބުނަން މިއައީ، އެކަމަކު ކަންބޮޑުނުވައްޗޭ... އަހަރެމެންގެ މައްޗަށް ބިރުވެރިކަމެއްނެތް" އަލައިނާ ބުންޏެވެ.

"ކިހިނެއްވީ؟" މަލަކާ ދުޢާފޮތް ލައްޕާލައި ލޮލުގައިވި ނަންބަރު އައިނު ރަނގަޅުކޮށްލިއެވެ. އަދި ދަރިފުޅަށް ސަމާލުވެލިއެވެ.

"މިޝަލްއަށްވީގޮތް މަންމަ ހަނދާން އެބަހުއްޓެއްނު" އަލައިނާ ބުންޏެވެ.

"ދެންމެ ދަރިފުޅަށް ގޮވަމުން ދިޔަ، ނަމާދުކޮށްގެން އެ ދިޔައީ" މަލަކާ ބުންޏެވެ. އެހާ ދުރު ހަނދާނެއް އޭނާގެ ނެތް ކަހަލައެވެ.

"މަންމާ... ހަފްސާދައްތަ މިޝަލް ވާހަކަ މިބުނީ، އޭނާގެ ދަރިފުޅު... އީޝަލް، އެކުއްޖާ އައިސް އެބައިނޭ ބުނެފިއްޔާ މަންމަ ޤަބޫލުކުރާނަންތަ؟" އަލައިނާ އިނީ ޖެހިލުންވެފައެވެ.

"ޖިންނި ގެންދިޔައްޔޭ ހަފްސާ ކީ... އެކަންތައްގަނޑުގެ މަތިން ކިހިނެއް ހަނދާންނެތޭނީ، އެމީހުންނާ އަހަރެމެންނަކީ އެކުގައި އުޅެވޭނޭބައެއްނޫން، އެކަމަކު އަހަރެން ވެސް ޤަބޫލުކުރަން އަހަރެމެންގެ ތެރޭ ޖިންނީން އުޅޭކަން، ބައެއްމީހުންނަށް ފެންނަކަން" މަލަކާ އެ ހަނދާންތައް ކުރަމުން ބުންޏެވެ.

"މަންމާ... އީޝަލް އަތުވެއްޖެ، އެއީ މިޝަލްގެ ދަރިފުޅު... މަންމައަށް ފެނުނީމަ އެނގޭނެ، އޭނާ ގެންދިޔައީ އޭނާގެ ބައްޕަ، އަހަރެމެންގެ ގާތަށް އެކުއްޖާ ގޮވައިގެން އައީ ވެސް އޭނާގެ ބައްޕަ، ހިނގާބަލަ މަންމާ، މިޝަލްގެ ދަރިފުޅާ ބައްދަލުކުރަން ހިނގާބަލަ، ދުނިޔޭގައި ހުއްޓާ މި ފުރުޞަތު ދެން ލިބޭނެކަމެއް ވެސް ނޭނގެ، އެމީހުން އެނބުރި ނުދަނީސް އެކުއްޖާ ދުށުމަށް ހިނގާބަލަ... މިހާރު ހާދަ ބޮޑުވެފައޭ ހުރީ... އޭނާގެ ބައްޕަފަދަ ރީތިކަމެއް އޭނާއަށް ލިބިފައިވޭ، ވަރަށް ރީތިކޮށް ހުރީ، ވަރަށް ނިވާވެގެން ހުރީ ވެސް، ނޭނގޭ އަލިކަމަކާއި ފިނިކަމެއް އެކުއްޖާއެކުވާ ކަހަލަ... އެއްވެސް ނުބައިކަމެއްނުވޭ" އަލައިނާ ހީވަނީ ކެތްތެރިކަން ކުޑަވެފައި އިންހެނެވެ.

"ދަރިފުޅަށް ކިހިނެއް އެނގެނީ އެކުއްޖާގެ ބައްޕަ، މިޝަލް ކިޔައިދީންތަ ދަރިފުޅަށް، މިޝަލްއާ އަޅައިގަނެގެން އުޅުނީ ޖިންނިއެއްނު" މަލަކާ އަޑަށް ބާރުލައިފައި ބުންޏެވެ.

"ޖިންނިއަކަށްވިޔަސް އޭނާ މިޝަލްދެކެ ލޯބިވި، މިޝަލް ވެސް އޭނާދެކެ ލޯބިވި، އީޝަލް އުފަންވީ އެންމެންގެ ކުރިމަތީ، މަންމަ ވެސް އެކުއްޖާ އުރާ ހެދީމެންނު، ޖިންނިއެކޭ ހިތަށް އެރިތަ؟... އޮތީ އިންސާނެއްފަދައިން، ލޯބިލޯބި ފުށްކޮޅެއްހެން، މިއަދު އީޝަލް ގޮވައިގެން މީކާޢިލް އައީ އެ ދަރިފުޅުގެ އެދުމަށް، މިޝަލްގެ މީހުންނާ ބައްދަލުކޮށްދޭން، އެމީހުން ހިނގައިދާނެ، މަންމަ ބޭނުމެއްނޫންތަ ދަރިއެއްފަދައިން ލޯބިވި މިޝަލްގެ ހުރި ހަމައެކަނި ނިޝާން ދުށުމަށް، އޭނާގެ ދަރިފުޅު އަހަރެމެން ގާތަށް އައުމުން ވެސް ބައްދަލުނުކޮށް ފޮނުވާލަންވީތަ؟" އަލައިނާ އެއްސެވެ. ހުރިހާ ނުތަނަވަސްކަމެއް މަލަކާއަށް އެއްފަރާތްކޮށްލަން މަޖުބޫރުވީ މިޝަލްގެ ޚިޔާލުތަކެވެ. އަލައިނާ ބުނިފަދައިން މިޝަލް ވިހޭ ދަރިފުޅުގެ ގާތުގައި އޭނާ ވެސް ވަގުތު ހޭދަކުރިއެވެ. އެކުއްޖާގެ ފުށުން އާދަޔާ ޚިލާފު އެއްވެސް ކަމެއް މަލަކާ އޭރު ވެސް ނުދެކެއެވެ. ހިތަށް ބިރުވެރިކަމެއް ވެސް ނުވަދެއެވެ. އޭނާ ތެދުވަން އުޅުމުން އަލައިނާ އަވަސްއަވަހަށް ތެދުވެ މަލިކާއަށް އެހީތެރިވިއެވެ.

"ސުބްޙާނައްﷲ... މިފެންނަނީ އަޖައިބެއްކަހަލަ" ސިޓިންރޫމަށް އަލައިނާއާއެކު އައި މަލަކާއަށް ހުއްޓުން އެރިއެވެ. އޭނާގެ ނަޒަރު ހުރީ އީޝަލްއަށް ހުއްޓިފައެވެ. އޭނާ މަލަކާއަށް ބަލާލައި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ބޭއިޚްތިޔާރުގައި މަލަކާއަށް ހިނިތުންވެވުނެވެ. ސާފު އަލި މޫނު ފިޔަވައި އީޝަލްގެ ހަށިގަނޑުން އެއްވެސް ބައެއް ފާޅެއްނުވެއެވެ. މީކާޢިލް ފަދައިން އޭނާ ވެސް ހުރީ ކަޅު ހެދުމުގައެވެ.

"އަހަރެން ހަފްސާ ގާތު ބުނިން، މިޝަލް ވިހޭ ދަރިފުޅަށް ލިބިފައިއެވަނީ އޭނާގެ ބައްޕަގެ ދެ ލޮލޭ" ހިނިތުންވެލައިގެން ހުރެ މަލަކާ މަޑުމަޑުން އީޝަލްގެ ގާތަށް އައެވެ. އީޝަލް ހިނިތުންވެ އިނދެ އޭނާގެ ބައްޕައަށް ބަލާލިއެވެ. ނަމަވެސް މީކާޢިލް ފެންނަނީ ހިމޭންވެފައި އިންތަނެވެ.

"ދަރިފުޅު ހާދަ ބޮޑުވެއްޖެޔޭ، ބަލާބަލަ... މަލަކާމަންމަގެ މިއަތުގައި ކުޑަކުއްޖެއްގެ ގޮތުގައި އޮތް ހަނދާން އީޝަލް ނުހުންނާނެކަން އެނގޭ، މިހާރު ތިހުރީ ފުރިހަމަ އަންހެނަކަށްވެފަ" އީޝަލްގެ ގާތުގައި އިށީނދެ އޭނާގެ ގައިގާ ލޯތްބާއި އޯގާތެރިކަމާއެކު މަލަކާ ފިރުމިއެވެ.

"ތީ... މީކާޢިލް" މަލަކާގެ ނަޒަރު މީކާޢިލްއަށް ހުއްޓުނެވެ. އޭނާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

"މިޝަލް ކޮބާ؟... ހަފްސާއާ ބައްދަލުކުރީތަ؟... އޭނާ އެ ދަރިފުޅު ދުށުމަށް އެދޭ" މަލަކާ އާދޭހުގެ ގޮތަކަށް ބުންޏެވެ. މީކާޢިލް އިސްޖަހާލީއެވެ.

"އަޅުގަނޑު މާމައާ ބައްދަލުކުރަން ބޭނުން، މާމަގެ ޚަބަރު ލިބޭނީ އަލައިނާގެ ގާތުންކަމަށް ބައްޕަ ބުނީ، އެނބުރި ދިއުމުގެ ކުރީން މާމައަށް ބައްދަލުކޮށްފަ ދާނީ" އީޝަލް ބުންޏެވެ.

"ކޮންތާކަށް ދާން، އީޝަލް އުފަންވީ އަހަރެމެންގެ ތެރެއަށް، ދަރިފުޅަށް އަހަރެމެންގެ ތެރޭ ނުހުރެވޭނެތަ؟ މާމަގެ ގާތުގައި ހުންނަންވީނު، އަލައިނާ، އަވަހަށް ހަފްސާއަށް ގުޅާބަލަ، ބުނޭ އަވަހަށް މިގެއަށް އައިސްބަލާށޭ... އޭނާއަށް މިޚަބަރު ދީބަލަ" މަލަކާގެ ސަމާލުކަމަށް ހަފްސާ އައީ ދެނެވެ. އީޝަލްއަކީ މިޝަލްގެ ދަރިފުޅަށްވާއިރު އޭނާއާ ހަފްސާއާ ކޮންމެހެން ވެސް ބައްދަލުވާން ޖެހޭނެކަން މަލަކާ ޤަބޫލުކުރެއެވެ. އަލައިނާ އަވަސްއަވަހަށް އޭނާގެ ފޯނު ބޭއްވުނު ތަނެއް ހޯދިއެވެ. މަލަކާ އެދުނު ފަދައިން ހަފްސާއަށް މިޚަބަރު ދޭން އޭނާ ވެސް އަވަސްވިއެވެ.

(ނުނިމޭ)