ޖޭއެސްސީ

އެހެން ކޯޓުތަކުން ކްރިމިނަލް ކޯޓަށް ގާޒީން ނަގަން ލަފާދީފި

Jul 30, 2019

ކްރިމިނަލް ކޯޓުގައި ނުނިމި ދިގު ދެމިގެން ގޮސްފައިވާ މައްސަލަތައް އަވަހަށް ނިންމަން އެހެން ކޯޓުތަކުގެ ފަނޑިޔާރުން ވަގުތީ ގޮތުން ކްރިމިނަލް ކޯޓަށް ގެންގޮސްގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރިޕޯޓުގައި ލަފާ ދީފި އެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅިގެން ޖޭއެސްސީގެ ތިން މެންބަރުންގެ ކޮމިޓީއަކުން ދިރާސާކޮށް އެކުލަވައިލި ރިޕޯޓު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. ޖޭއެސްސީން އެދިފައި ވަނީ އެ ކަމުގައި މަޖިލީހުގެ ލަފައެއް އެ ކޮމިޝަނަށް ދޭށެވެ. އެ ރިޕޯޓު އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މިއަދުގެ ވަނީ ޖަލްސާގައި ނިންމާފަ އެވެ.

ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި މައްސަލަތައް ދިގުލައިގެން ދިއުމުގެ އެއް ސަބަބަކީ ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޯޓުގައި މެދުނުކެނޑި މަސައްކަތް ކުރެއްވީ ހަތަރު ފަނޑިޔާރުންނަށްވުރެ މަދު އަދަދަކަށް ވާތީ އެވެ. -- ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވީ ނުވަ ފަނޑިޔާރުންނެވެ.

ރިޕޯޓްގައި ލަފާކޮށްފައިވާ ގޮތުގައި ނުނިމި ހުރި މައްސަލަތަކުގެ ޝަރީއަތް ނިންމަން 61000 އަށްވުރެ ގިނަ އަޑުއެހުން ބާއްވަން ޖެހެ އެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ނުވަ ފަނޑިޔާރުން ދުވާލަކު ހަތަރު އަޑުއެހުން ބާއްވައިގެން ވެސް މައްސަލަތައް ނިންމާލެވޭނީ ދެ އަހަރަށްވުރެ ގިނަ ދުވަހުންނެވެ.

އެހެންކަމުން މިހާރު ނުނިމި ހުރި މައްސަލަތައް ނިންމަން ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާ މަޝްވަރާކޮށް، އެއިން ކޮންމެ ކޯޓަކުން ދެ ފަނޑިޔާރަކު ވަގުތީ ގޮތުން ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ޖޭއެސްސީގެ ރިޕޯޓުގައި ލަފާ ދީފައި ވެއެވެ.

ޖޭއެސްސީގެ އެ ރިޕޯޓުގައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި މިހާރު ހިނގަމުން ދަނީ 1910 މައްސަލައެކެވެ. އޭގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، 5 އަހަރަށްވުރެ ގިނަ ދުވަސްވެ 10 އަހަރު ހަމަނުވާ 126 މައްސަލައެއް ހިމެނެ އެވެ.

ޖޭއެސްސީގެ އެ ރިޕޯޓުގައި ވަކިވަކި ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކުގެ އަދަދު ވެސް ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ގާޒީ އަލީ އާދަމް ބަލާ 376 މައްސަލަ، ގާޒީ އަލީ ރަޝީދު ބަލާ 280 މައްސަލަ، ގާޒީ އިބްރާހިމް އަލީ ބަލާ 280 މައްސަލަ، އާދަމް ޝަކީލު ބަލާ 187 މައްސަލަ، ގާޒީ އިސްމާއިލް ރަޝީދު ބަލާ 173 މައްސަލަ، ގާޒީ ހުސައިން ފާއިޒް ރަޝީދުގެ 165 މައްސަލަ، ގާޒީ ހަސަން ނަޖީބުގެ 157 މައްސަލަ، އަދި ގާޒީ މުހައްމަދު ސަމީރު ބަލާ 151 މައްސަލައެއް ކޯޓުގައި އެބަ އޮތެވެ.