ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުން ކަތުރުފަނި ނައްތާލާނެ ބަޔަކު ހޯދަނީ

Jul 30, 2019
5

ކްރިމިނަލް ކޯޓުގެ އިމާރާތުގައި ކަތުރުފަނި އަޅާފައިވާތީ އެ އިމާރާތުން ކަތުރުފަނި ނައްތާލައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ،

އެ ކޯޓުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓު އިމާރާތުން ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު 11:00 ޖަހާއިރު އެ ކޯޓަށް ގޮސް މައުލޫމާތު ސާފު ކުރުމަށްފަހު އޯގަސްޓް އަށް ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް އަންދާސީ ހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.

ކަތުރުފަނި ނައްތާލަން މީގެން ކުރިން ވެސް އެ ކޯޓުން އިއުލާން ކުރި އެވެ. ނަމަވެސް އެ ފަހަރު ހުށަހެޅި އަގުތައް ވަނީ ބޮޑުވީ އެވެ.

ކަތުރު ފަނީގެ މައްސަލަ ކްރިމިނަލް ކޯޓަށް ދިމާވި އިރު ކްރިމިނަލް ކޯޓުގައި ނުނިމި ދިގު ދެމިގެން ގޮސްފައިވާ މައްސަލަތަކުގެ މައްސަލަ ބޮޑުވެގެން ޖޭއެސްސީން އެކުލަވައިލި ރިޕޯޓެއްގައި އެހެން ކޯޓުތަކުގެ ފަނޑިޔާރުން ވަގުތީ ގޮތުން ކްރިމިނަލް ކޯޓަށް ގެންގޮސްގެން މަސައްކަތް ކުރަން ވަނީ ލަފާދީފަ އެވެ.

ރިޕޯޓުގައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި މިހާރު ހިނގަމުން ދަނީ 1910 މައްސަލައެކެވެ. އޭގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، 5 އަހަރަށްވުރެ ގިނަ ދުވަސްވެ 10 އަހަރު ހަމަނުވާ 126 މައްސަލައެއް ހިމެނެ އެވެ.

ޖޭއެސްސީގެ އެ ރިޕޯޓުގައި ވަކިވަކި ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކުގެ އަދަދު ވެސް ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ގާޒީ އަލީ އާދަމް ބަލާ 376 މައްސަލަ، ގާޒީ އަލީ ރަޝީދު ބަލާ 280 މައްސަލަ، ގާޒީ އިބްރާހިމް އަލީ ބަލާ 280 މައްސަލަ، އާދަމް ޝަކީލު ބަލާ 187 މައްސަލަ، ގާޒީ އިސްމާއިލް ރަޝީދު ބަލާ 173 މައްސަލަ، ގާޒީ ހުސައިން ފާއިޒް ރަޝީދުގެ 165 މައްސަލަ، ގާޒީ ހަސަން ނަޖީބުގެ 157 މައްސަލަ، އަދި ގާޒީ މުހައްމަދު ސަމީރު ބަލާ 151 މައްސަލައެއް ކޯޓުގައި އެބަ އޮތެވެ.