ޝަރުއީ ދާއިރާ

އޯޑިއޯތަކުގައި އިވެނީ ފަނޑިޔާރުންގެ އަޑު: ޝުޖާއު

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމު ވެފައިވާއިރު އެ އޯޑިއޯތަކުން އިވެނީ ފަނޑިޔާރުންގެ އަޑު ކަމަށް ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވެއްޖެ އެވެ.

އާންމުވެފައިވާ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އަދި އެ ފަނޑިޔާރުންނަށް ގުޅުއްވާ ކަންކުރަންވީ ގޮތް އަންގަވަނީ އަލީ ޒާހިރެވެ.

އެ އޯޑިއޯތަކުގެ މައްސަލައާ ގުޅިގެން އަދި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅު ކުރުމުގެ ގޮތުން ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ގުޅިގެން މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު ވިދާޅުވީ އޯޑިއޯތަކުން ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އަލީ އާދަމް އާއި ފަނޑިޔާރު އަހުމަދު ސަމީރުގެ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އަލީ އާދަމަކީ ވަރަށް ގާތް އެކުވެރި ބޭފުޅެއް ކަމަށާ 1990 ވަނަ އަހަރުން ފެށިގެން އޭނާ ދެނެވަޑައިގަންނަވާ ކަމަށެވެ. އަދި އެކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވި އެކުގައި އެތައް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ދީނީ ދައުވަތުގެ އެކި މަސައްކަތްތަކުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެކުގައި ދަތުރު ކުރެއްވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކަށް ހުންނެވިއިރު އަލީ އާދަމްއަކީ އެ ކޯޓްގެ ރަޖިސްޓްރާ ކަމަށާ އެކަމާއި ގުޅިގެން ވެސް ދެ ބޭފުޅުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށެވެ. އެފަދަ ބޭފުޅެއްގެ އަޑު އޮޅިވަޑައި ނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެބޭފުޅާ [ފަނޑިޔާރު އަލީ އާދަމް] ގެ އަޑު އަޅުގަނޑަކަށް ނޯޅޭނެ. އެއް އަހަރެއްގެ ވާހަކައެއް ނޫން މި ދައްކަނީކީ. ދެ އަހަރެއްގެ ތިން އަހަރެއްގެ ހަތަރު އަހަރެއްގެ ފަސް އަހަރެއްގެ ވާހަކައެއް ނޫން. ފަނަރަ، ވިހި، ބާވީސް އަހަރުގެ ވާހަކަ މި ދައްކަނީ، އެކުގައި މަސައްކަތް ކުރި މީހެއްގެ ވާހަކަ. އަޅުގަނޑު ޔަގީންކޮށް ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން އެއީ ޝެއިހް އަލީ އާދަމްގެ އަޑު. އެ ނޫން ބޭފުޅެއްގެ އަޑެއް ނޫން އެއީކީއެއް. އެ ބޭފުޅުން ސުލޫކު ނުވާނެ އެއްގޮތެއް ވެސް ނޯންނާނެ،"

ޖޭއެސްސީން ބުނީ އޯޑިއޯ އާންމުވި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓްގެ ފަނޑިޔާރު އަލީ އާދަމް އަދި ޑްރަގް ކޯޓްގެ ފަނޑިޔާރު މުހައްމަދު ސަމީރުގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާ އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަ އެ ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އަލީ އާދަމް ހައްދަވަނީ އިތުރުފުޅު ކަމަށެވެ. އަދި ފުލުހުންގެ އެނަލިސިސް ނިމުމުން އެކަން ޖޭއެސްސީއަށްވެސް ޔަގީންވާނެ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް މީޑިއާތަކަށް އޮޅުވާލައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާންމު އޯޑިއޯތަކުގައި ފަނޑިޔާރު އަހުމަދު ސަމީރު ވާހަކަ ދައްކަވާ އަޑުވެސް އިވިވަޑައިގަންނަވާ ކަމަށާ އެއީ ސަމީރުގެ އަޑުކަން ކަށަވަރު ކޮށްދެއްވާ ކަމަށެވެ. ސަމީރަކީ މައުހަދުގެ ދުވަސްވަރު ފެށިގެން ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށާ މައުހަދުން ގްރެޖްއޭޓްވީވެސް ދެ ބޭފުޅުން އެކުގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ ބައެއް ރަށްރަށާއި މާލޭގެ ކޯޓްތަކުގައިވެސް އެކުގައި މަސައްކަތް ކުރެއްވި ކަމަށެވެ.

އެފަދަ ބޭފުޅެއްގެ އަޑު އޮޅިވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ގާޒީ އަހުމަދު ފާއިޒުގެ ނަމުގައި އާންމުވެފައިވާ އޯޑިއޯއާ ގުޅޭގޮތުން ޔަގީން ކަށަވަރު ކަމާއެކު އެއްޗެއް ވިދާޅުވާން ކެރިވަޑައެއް ނުގަންނަވައެވެ. އެއީ ފާއިޒުއަކީ މާ ގާތް ބޭފުޅަކަށް ނުވުމާއި ވަރަށް މަދު ފަހަރެއްގައި މެނުއީ އެކުގައި ވާހަކަ ދެކެވިފައި ނެތުމެވެ.

ޝުޖާއު ވަނީ ފަނޑިޔާރުންގެ ސުލޫކީ އެ މައްސަލަ ސީރިއަސްކޮށް ބެއްލެވުމަށާއި އެކަމުގައި ސުޕްރީމް ކޯޓުން އިސްނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އާންމުވި އޯޑިއޯތަކުގެ މައްސަލައަކީ މިހާރު އޮތް ސުޕްރީމް ކޯޓަށް ކުރިމަތިވި ވަރުގަދަ އިމްތިހާނެއް ކަމަށް ވިދާޅުވިއެވެ.