މީހެއްގެ ހަށިގަނޑު ހުންނަ ގޮތަކުން، އެމީހަކަށް ނިސްބަތްކޮށް ފުރައްސާރަކޮށް އުޅުމަށް ކިޔަނީ "ބޮޑީ ޝޭމިން" އެވެ. އަދި މިގޮތަށް މަލާމަތް އާއްމުކޮށް އަމާޒު ވަނީ ބިޔަކޮށް ބޮޑުކޮށް ބުރެހެލިވެފައި ތިބޭ މީހުންނާއި މާ ބޮޑަށް ހިކިގެން ގޮސް ބަރުދަން އާދަޔާ ހިލާފަށް ލުއި މީހުނާއި މުޖުތަމައުން ކަނޑައަޅާފަ އޮންނަ "ރީތި އަދި ހިކި" ގޮޅިއަށް ފިޓް ނުވާ މީހުނަށެވެ.
ބޮޑީ ޝޭމިން އަކީ އޮންނަ ސަގާފަތެވެ. ރާއްޖޭގައި ވެސް މި ސަގާފަތް އޮވެއެވެ. އަންހެނަކު ހިކިވެއްޖެ ނަމަ އިންނާނެ މީހަކު ވެސް ނުވާނެ އޭ ބުނެ އުޅުނު ޒަމާނެއް ދިޔައެވެ. އަދި ހިކިކޮށް ހުންނަ ނަމަ އެއީ ފޯރުންތެރި ބައެއް ނޫން ކަމުގައި ދެކުނު ދުވަސްވަރެއް ވެސް ދިޔައެވެ. ނަމަވެސް، އެ ޒަމާން މިހާރު ބަދަލުވެ މުޖުތަމައުން ކަނޑައަޅާ "ރީތި" ގޮޅިއަށް ފެތެން ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ ޒަމާނެކެވެ.
ބޮޑީ ޝޭމިން ނުވަތަ ފެޓް ޝޭމިން މިހާރު މާ ބޮޑަށް އާއްމުވެއްޖެ އެވެ. މަގުމައްޗާއި ޕާކު އަދި އެހެންވެސް އާއްމު ތަންތަނުގައި ހަރަކާތްތެރިވާ އިރުވެސް އަނެކާ ލަދު ގަންނަވަން ބަހެއް އެއްލާލާ ނުލައި ހަމަޖެހުން ނުލިބޭ މީހުން ތިބެއެވެ. މިފަދަ މީހުންނަށް ސޯޝަލް މީޑިއާއަކީ މިކަމަށް ހުޅުވިފައިވާ ފުރުސަތެކެވެ. އޮންލައިންކޮށް މީހަކު ސޯޝަލް މީޑީއާގައި ފޮޓޮއެއް ޕޯސްޓެއްކޮށްލާ އިރަށް މަލާމަތާއި ފުރައްސާރަ ރައްދު ކުރަން ފޯރިގަދަ ކޮށްލާ ބަޔަކުވެސް ތިބެ އެވެ. ނެގެޓިވް އަދި ލަދުގަންނަވާ ކަހަލަ ކޮމެންޓް ކުރުމާއި ޝެއާ ކުރުމަކީވެސް އާއްމު ކަމެކެވެ.
ސެލެބްރީޓީން ފެށިގެން އެންމެ އާއްމުމީހާއަށް ވެސް މިކަން ދިމާވެއެވެ. އަދި މިއީ ވަކި ޖިންސަކަށް ވެސް އޮންނަ ކަމެއް ނޫނެވެ.
ބޮޑީ ޝޭމިންގެ މަގުސަދަކީ ހިކެން ހިއްވަރެއް ދިނުން ކަމުގައި މިކަންކުރާ ފަރާތްތަކުން ބުނާއިރު ތަޖުރިބާކާރުން ބުނަނީ މީހަކަށް މަލާމަތްކޮށް ލަދުގަނުވާލައިގެން ހިކުމަށްވުރެ އެމީހަކު ކުރިމަތިލާ ފުރައްސާރަ އާއި ސައިބަ ބުލީގެ ސަބަބުން ސްޓްރެސް މަތިވުމާއި ޑިޕްރެޝަނަށް ދިއުން ފަަދަ ކަންކަން ދިމާވުން މާ ގާތެވެ. އަދި މިއީ މީހާގެ ހިއްވަރު އެލިގަންދާ ކަމެކެވެ.
މީހެއްގެ ހަށިގަނޑުން ހުންނަ ގޮތަކުން އެއީ ކޮންކަހަލަ މީހެއް ކަމެއް ދެނެއެއް ނުގަނެވޭނެ އެވެ. ރީތި ވަނީ ހަށިގަނޑު ވަކި ބައްޓަމަކަށް ހުރެގެނެއް ނޫނެވެ. އޯގާތެރިކަމާއި އެހެން މީހުންނަށް އަޅާލުމާއި އިންސާނިއްޔަތުކަމާއި ސާދާ މިޒާޖާއި އުފެއްދުންތެރިކަމާއި ހިޔާލުގެ މުއްސަންދިކަމާއި ތޫނުފިލިކަމާއި ހީވާގި ކަމާއި ހިދުމަތް އަދި މުރާލިކަން މިއީ ވެސް މީހެއްގެ ރީތި ކަމެވެ.
މީހަކު އާދަޔާ ހިލާފަށް ފަލަވަނީ އޭނަގެ ކެއުމުގެ އާދަތަށް ބަހައްޓާގޮތުން ނަމަ ނުވަތަ ހަރަކާތްތެރިކަން ކުޑަކަމުން ނަމަ މި ފަދަ މީހުންނަށް އާދަޔާ ހިލާފާށް ފަލަވުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްޗަށް ވާހަކަ ދައްކާލެވިދާނެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތާއި ހެލިފެލިވެ އުޅުމުގެ މުހިއްމުކަން ކިޔައި ދެވިދާނެ އެވެ. ރައްޓެއްސެއްނަމަ އެއްކޮށް މިފަދަ ކަސްރަތެއްގައި ބައިވެރިވެވިދާނެ އެވެ. ސޯޝަލް މީޑިއާގައި މީހަކު ފަލަވެގެން އެ ވާހަކަ ދައްކާ ލަދުގަނުވާލައިގެން ލިބޭނެ ފައިދާއެއް ނެތެވެ.