(29 ޖުލައި 2019 އާ ގުޅޭ)
"ދަރިފުޅަށް ޔަގީންވެގެންތަ ތިގޮތަށް ތިއުޅެނީ، ކުއްހީއެއްގެ މައްޗަށް އަންބިމީހާ ނިކަމެތިކޮއްލެވުމަކީ ފާފައެއް.........." މޫމިނާ ދާއިންއަށް ވިސްނާދޭން ބޭނުންވާފަދަ ގޮތަކަށް ބުނެލިއެވެ.
"މަންމާ، އަޅުގަނޑު މަންމަ ދެކެ ހިތްހަމަ ނުޖެހިގެންނެއްނޫން، އެކަމަކު އާދޭސްކޮއްފަ މިބުނަނީ، މިވަގުތު ތިކަމާ އެއްޗެއް ބުނަން އަޅުގަނޑަށް ދަތި" ދާއިން އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.
ގިނައިރެއްނުވެ ޒައުލް އެބަޔަށް އައިސްވަދެއްޖެއެވެ. މަންހާ ކޮބާތޯ އަހާލަމުން އޭނަގެ ކައިރީ ހުރި ޒުވާން ފިރިހެން ޑޮކްޓަރުގެ ކުޑަތައާރަފެއްދިނެވެ. އަދި ދާއިންގެ ފަހަތުން މަންހާ އޮތް ކޮޓަރިއަށްވަނެވެ.
"ކީއްވެ ބުމަ ފަޅައިގެން ދިޔައީ......" ޒައުލް ހައިރާންވެފައި އަހާލިއެވެ. އަދި އޭނަގެ ގާތުގައި ހުރި ޑޮކްޓަރު އަވަސްވެގަތީ ޚަބަރު ހުސްވެފައިވާ މަންހާ ޗެކުކޮއްލުމަށެވެ.
"އަހަރެންވެސް ނެތިން މިކަމެއް ހިނގިއިރު، އައިރު އޮތީ ޚަބަރު ހުސްވެގެން ވެއްޓިފަ، ހިވަނީ ވެއްޓުމުގެ ސަބަބުންހެން ބުމަވެސް ފަޅައިގެން ދިޔައީ" ދާއިން ބުނެލިއެވެ. ޒައުލް މަންހާއަށް ބަލާލާފައި ދާއިންއަށް ބަލާލިއެވެ. ދާއިންގެ މޫނުމަތިން ފެންނަމުންދިޔަ ކަންބޮޑުވުމާއިއެކު އޭނަ މަންހާއަށް ނުބަލަން މަސައްކަތްކުރާވަރުން ޒައުލްއަށް ވިސްނުނީ އެހެންކަމެކެވެ. އެއީ ލޯބިވާ މީހުންނަށް ކިތަންމެ ކުޑަކަމެއްވިޔަސް ހިތަށް އެކަން ތަހައްމަލުކުރަން ދަތިވެގެންދާކަމެވެ. ދާއިންވެސް އެއުޅެނީ މަންހާ އެހާލުގައި އޮތުމުން އޭނަގެ ހިތަށް ކެތްނުވެގެންކަމުގައި ޒައުލް ދެކުނެވެ.
"ޝީޒް ގޮނާބީ ފައިން......." ޒައުލް ދާއިންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
ޒައުލް އާއިއެކު އައި ޑޮކްޓަރު ނިޒާމް މަންހާ ޗެކުކުރުމަށްފަހު އެއްވެސް މައްސަލައެއްނެއްކަމުގައި ބުންޏެވެ. ދެން އިތުރަށް އެއްޗެއް ބުނަން އެނގޭނީ މަންހާ ހޭއެރުމުންކަމުގައި ބުނެލިއެވެ. އަދި މަންހާގެ ބުމަފަޅައިގެން ގޮސްފައިވާ ތަން ފެހިއެވެ. މޫމިނާ އިމީއަށް އެންގީ ޒައުލް މެންނަށް ކޮފީ ހަދާދިނުމަށެވެ. އިމީ ކޮފީ ހެދުމަށްދިޔައިރު ފެންއެޅި ޖަގުހުރީ ކަރަންޓަށް ޖަހާފަ އޭގައި ހުރި ފެންތައް ކެކުނު ގޮތަށެވެ. އަދިވެސް ހޫނުކަން ހުއްޓެވެ.
އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ފެތުރިގެން ހިނގައްޖެއެވެ. މަންހާގެ އެޕާޓްމެންޓުގައި ތިބި އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ މަންހާ ހޭއަރާނެއިރަކަށެވެ. އެންމެންވެސް ތިބީ ސިޓިންރޫމު ސޯފާގައެވެ. ހިނގާދިޔަ ކަންތަކުގެ ވާހަކަ މޫމިނާވެސް ދާއިންވެސް ނުދައްކައެވެ. އެހެންވެ ޒައުލްއަށް އަދި އެގޭތެރޭގައި ކަމެއް ހިނގައިގެން އުޅޭކަމުގެ ހިލަމެއްވެސް ނުވެއެވެ.
"ޒައުލް، މަންހާ ޚަބަރު ހުސްވެފައި އޮންނަތާ ކިހާ އިރެއްވެއްޖެ، އޭނަ ހޭއަރާނެތަ؟" މޫމިނާއަށް އަނެއްކާވެސް އަހާލެވުނެވެ.
"ކަންބޮޑު ނުވެބަލަ ދާއިންގެ މަންމާ، އަދި އެހެން ހިތަށް އަރުވަން މާއަވަސް، އިރާދަކުރެއްވިއްޔާ ދެން ގިނައިރެއްނުވެ ހޭއަރާފާނެ" ޒައުލް މޫމިނާގެ ހިތްހަމަ ޖައްސާލަދިނެވެ.
ހަތެއްޖަހާލާކަން ހާއިރު ޒައުލް އާއި އޭނަ އާއިއެކު އައިސް ހުރި ޑޮކްޓަރު ނިޒާމް އަނެއްކާވެސް މަންހާ ޗެކުކޮއްލިއެވެ. ކުރިއަށްވުރެ މަންހާގެ ހަށިގަނޑު ފިނިވެފައިވާކަން ޑޮކްޓަރު ފާހަގަކުރިއެވެ. ޒައުލް އެކަން ދާއިންއަށް އެންގިއެވެ. އަދި ކޮޓަރީގެ ފިނިމަޑުކުރުމަށް ބުނެ އެނދުގައިއޮތް ބޯރަޖައިން މަންހާގެ ހަށިގަނޑު ނިވާކޮއްލިއެވެ. ޒައުލް އާއިއެކު އެކޮޓަރިން ނުކުންނަން އެނދުގައި އިނދެފަ ތެދުވި ނިޒާމް ކުއްލިއަކަށް ޒައުލްގެ ކޮނޑުގައި ޖަހާލަމުން ގޮވާލިއެވެ.
"އިސް ޝީ ޑްރީމިންގް...........އައި ތިންކް ޝީޒް ޔޯ ކޭސް" ނިޒާމް ބުނެލިއެވެ. ޒައުލް މަންހާއަށް ބަލާލަމުން އޭރު ކޮޓަރިން ނުކުތް ދާއިންއަށް ގޮވާލިއެވެ. އެހިނދު ދާއިން އެނބުރި އެކޮޓަރިއަށް އައިސް ވަނެވެ. އަދި ހައިރާންކަން ވެރިވެގެންދިޔައީ ދެލޯމަރާލައިގެން އޮވެ ރޮމުންދާ މަންހާ ފެނުމުންނެވެ. ޒައުލްގެ މޫނުމަތިންވެސް ހާސްކަން ފެންނަންފެށީ ދެނެވެ. އޭނަ ނިޒާމް އެއްފަރާތަށް ޖެހިލުމާއިއެކު މަންހާގެ ގާތުގައި އިށީނެވެ. އަދި މަންހާގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލަމުން ގޮވަންފެށިއެވެ.
"ވީ ނީޑް ޓު ވޭކްހާ އަޕް..........ދިސް އިޒް ނޮޓް ގުޑް........." ޒައުލް ކަންބޮޑުވެފައި ދާއިންއަށް ބަލާލަމުން ބުނެލިއެވެ. މަންހާ އަނބުރައިގަނެފައިވަނީ އާދައިގެ ގޮތަކަށް ނޫންކަން ޒައުލްއަށް ވިސްނުނީ ދެނެވެ. އެތަށް ފަހަރަކު ޒައުލް މަންހާގެ ނަމުން ގޮވިއެވެ. އެހެންނަމަވެސް މަންހާ ނުހޭލިއެވެ.
"ދާއިން ގޮވާބަލަ މަންހާއަށް..........އޭނަ ހޭއަރުވަން ޖެހޭނެ، އޭނަ ޑްރީމް އެކުރަނީ ކޮންކަމެއްކަން އަހަރުމެންނަކަށް ނޭގެ، ފަހަރެއްގަ ޝޮކަކަށްވެސް ގޮސްދާނެ، އެހެންވެ ހޭއަރުވަން މިޖެހެނީ، ޑްރީމް އިން ހޭލައްވާލަން ޖެހޭ......." ޒައުލް ކަންބޮޑުވުމާއިއެކު ކައިރީގައި ހުރި ދާއިންގެ އަތުގައި ހިފާ އެނދާކައިރިއަށް ގެންނަމުން ބުނެލިއެވެ. ދާއިންވެސް މަންހާއަށް ގޮވަންފެށިއެވެ. އެހެންނަމަވެސް އޭނައަށް އެމީހުންގެ އަޑުއިވޭކަމަކަށް ނުވެއެވެ.
ކުއްލިއަކަށް މަންހާ ރުއިން ހުއްޓާލިއެވެ. އޭރުވެސް ޒައުލް އާއި ދާއިން ހުއްޓުމެއްނެތި މަންހާއަށް ގޮވަމުންދިޔައެވެ. ނޭވާ ހާސްވެފައިވާ މީހަކުފަދައިން ސިހިފައި ފުއްމައިގެން ތެދުވި މަންހާ ލޯހުޅުވާލިއެވެ. އަދި ފުންނޭވާތަކެއް ލަމުންދިޔައީ އޭނަގެ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރާ ފަދައަކުންނެވެ. ޒައުލް މަންހާގެ ގައިގާ ހިފަހައްޓާލިއެވެ. އަދި އޭނަގެ ލޯ ޗެކުކޮއްލިއެވެ.
"މަންހާ..........އަޑުއިވޭތަ؟ ލައިޓް ފެނޭތަ؟" ޒައުލް ސުވާލުކުރިއެވެ. މަންހާ އޭނަގެ ލޮލަށް ޒައުލް އަލިއަޅުވަން ފެށުމުން ލޮލާ ދިމާލުން އަތް ހުރަސްކޮއްލިއެވެ. ޒައުލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެންދިޔައެވެ. ނަމަވެސް ދާއިން އަވަސްއަވަހަށް ނުކުތީ ބޭރަށެވެ. މަންހާ ވަށައިގެން ބަލަންފެށިއެވެ. އޭނަގެ ބޮލުގައި އަތްޖައްސާލެވުނެވެ. އިސްތަށިގަނޑުގައި ބިހުގެ ލޮނދިތައް ހިކިފައި ވެއެވެ. ކުއްލިއަކަށް ބޮލުގައި ވަރަށް ރިއްސާލިއެވެ. އެހިނދު ނިތްކުރީގައި އަތްޖައްސާލެވުނެވެ.
"ބުމަފަޅައިގެން ގޮސްފަހުރީ، ނަސީބެއް ތުންފަތްކަހަލަ ތަނެއްނުޖެހުނުކަން، އެހެންނޫނީ ތިރީތި ދަތްތަކުން ދަތެއް މަދުވީހެއްނު، ދެން ރަންދަތެއް ޖަހާނީ ދޯ......." ޒައުލް ހަމައަކަށް އެޅި އޭނަގެ އާދައިގެ އުސޫލެއްގެ ގޮތުން ސަމާސާކޮއްލިއެވެ. މަންހާގެ މޫނުމަތިން ހިނިތުންވުމެއްނުފެނުނެވެ. އޭގެ ބަދަލުގައި އޭނަ އިނީ ބޮލުގައި ހިފަހައްޓާލައިގެން ދެލޯ މަރާލައިގެންނެވެ.
"މަންމާ، މަންހާ ހޭއަރައިފި، ގެނޭ އަހަރެންގެ އަތަށް ނެހާ، އިމީ، ދޭބަލަ މަންމަ ގޮވައިގެން" ދާއިން މޫމިނާއަށް ބުނެލިއެވެ. މޫމިނާ ދާއިންގެ އަތަށް ނެހާދީފައި މަންހާގެ ކޮޓަރިއަށް ދިޔައެވެ. ޒައުލް އާއި ނިޒާމް އެކޮޓަރިން ބޭރަށް ނުކުތެވެ.
"ދަރިފުޅު ކިހިނެއްތަ" މޫމިނާއަށް ކޮޓަރިއަށް ވަދެވުމާއިއެކު އަހާލެވުނެވެ. މަންހާއަށް މޫމިނާ ފެނުމާއިއެކު ހާސްވެ ޖަވާބުދޭން ފަސްޖެހެވުނެވެ. ޒާރާ ނޫނީ ދާއިން އެހުރިހާ ވާހަކައެއް މޫމިނާގެ ގާތުގައިވެސް ދެއްކީބާއޭ ހިތައްއަރާފައެވެ. އަނގައިން ބަހެއް ނުބުނެވުނެއްކަމަކު އޭނަގެ ދެލޯ ފަންކަޅިވެއްޖެއެވެ. އަވަސް އަވަހަށް އިސްޖާލިއެވެ.
"މަންމަ މިއައީ އެވާހަކަ ދައްކާކަށް ނޫން............" އެނދުގައި އިށިން މޫމިނާ މަޑުމަޑުން މަންހާއަށް ބުނެލިއެވެ.
"މަންމާ، އެއީ ދޮގެކޭ........އަޅުގަނޑު ހުވާކޮއްފަ ބުނަން، އެމީހުން އެހީކުރާފަދަ ކަމެއް ނުހިނގާ.........އެމީހުން އެދައްކަނީ ދޮގުވާހަކަތަކެއް، އަޅުގަނޑު ދާއިންއަށް ބޭވަފާތެރިއެއްނުވާނަން، ދުވަހަކުވެސް ނުވާނަން..........އެއީ ހުސްދޮގު...........އަޅުގަނޑު އެކަހަލަ ވިޔާނުދާ ކަމެއް ނުކުރަން، ނުވެސް ކުރާނަން............" މަންހާ ރޮއެ ރޮއެފާ އެކައްޗެއް ތަކުރާރުކޮށް ބުނަމުންދިޔައެވެ. އަދި މޫމިނާގެ އުނގުގާ އޭނަ ބޯއަޅާ ބާރަށް ރޮމުންދިޔައެވެ. އެއަޑު ސިޓިންރޫމުގައި ތިބި ޒައުލް މެންނަށްވެސް އިވުނެވެ. އެމަންޒަރު ބަލަން ފެންކަޅިވެފައި ހުރި އިމީއަށް ކޮޓަރީގެ ދޮރުލެއްޕުމަށް މޫމިނާ ބުންޏެވެ. އެމަންޒަރުވެސް ޒައުލްއަށް ފާހަގަކުރެވިގެންދިޔައެވެ.
އެވަގުތު އެއްޗެއް ނުބުނިކަމުގައި ވިޔަސް ޒައުލްއަށް މަންހާގެ އަޑުއިވުނެވެ. އަދި އެއަޑުގައިވާ ހިތްދަތިކަމުގެ އަސަރު އިޙްސާސްވެގެންދިޔަ ކަހަލައެވެ. އޭނަ އަވަސްވެގަތީ ނިޒާމް ގެންގޮސް ކްލިނިކަށް ލުމަށްފަހު ދާއިން އާއި ބައްދަލުކުރުމަށެވެ. ޒައުލް ނުކުމެގެން ދިޔައިރުވެސް ދާއިން އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނައަށް ގަބުވެފައި މަންހާގެ ކޮޓަރި އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ދާއިން ދެލޯ މަރާލީ އޭނަގެ ސިކުނޑިއަށް ބުރަބޮޑުވެގެން ގޮހެވެ. ނިތުގައި އެއްއަތްޖައްސާލުމަށްފަހު ދެފަރާތަށް ބޯހޫރުވާލި ދާއިން އެޕާޓްމެންޓުން ނުކުމެގެން ހިނގައްޖެއެވެ. އެދިޔަގޮތަށް އާމޯސް ނެރެފައި އޮތް ކާރަށް އަރައި ދުއްވާލީ ދާނެ ވަކި މަންޒިލެއްނެތިއެވެ.
"ދެން ނުރޮއެ ހުއްޓާލަބަލަ، މަންމަ އެއްފަހަރުވެސް ބުނެފިންތަ މަންހާއަށް ކުށެއް ކުރެވިއްޖެޔޭ، ނޫނީ މަންހާއަކީ ވިޔާނުދާ ކުއްޖެކޭ.........ދެން ހުއްޓާލާ އަވަހަށް، އެކަކު ގަބޫލު ނުކުރިޔަސް މަންމަ ގަބޫލު ކުރަމޭ، މަންމައަށް އެހާ ޔަގީންކަން އެބައޮތް މަންހާ އެފަދަ ކަމެއް ނުކުރާނެކަން..................ދާއިންއަށްވެސް އެކަން އެނގޭނެ، އެހާ ބޮޑަށް ދާއިން އާއިމެދު ދަރިފުޅު ނުވިސްނާ، ހިނގާ މަންމަ އާއިއެކު މެލޭޝީޔާއަށް ދަމާ، ނެހާވެސް ގޮވައިގެން ދާނީ.............ދުވަސްކޮޅަކު އެކޮޅުގަ އުޅެލާފަ އަންނަނިކޮށް ހުރިހާ ކަމެއް ހަމަޖެހިދާނެ، މަންމައަށް އެނގޭ އޭރުން ދާއިންވެސް ދަރިފުޅާ ނެހާ ކައިރިއަށް އަންނާނެކަން...............މަންހާ ދާނަންދޯ މަންމަ އާއިއެކު" މޫމިނާ އޯގާތެރިކަމާއިއެކު މަންހާގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ. މަންހާ ހިތްވަރުކޮއްލާފައި ދެލޯ ފޮހެލަމުން މޫމިނާގެ އުނގުން ބޯހިއްލާލަމުން އެނދުގައި އިށީނެވެ. އޭނަ ކުޑަކުޑަ ހިނދުކޮޅަކަށްވެސް ދާއިން އާއި ދުރަށްދާކަށް ބޭނުމެއްނުވެއެވެ. އަދިއަމުދުން މިހާރު އޭނަ ދާއިން އާއި ދުރަށް ހިނގައްޖެނަމަ އެއީ ޒާރާއަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. ކުޑަހިނދުކޮޅަކަށްވެސް މަންހާ ދާއިންގެ ލޯމަތިން ގެއްލިއްޖެނަމަ އޭނައަށް ހީވަނީ ދާއިން އޭނަގެ މަތިން ހަނދާންނައްތާލާ ފާނެހެނެވެ. އެކަމުގެ ބިރު އިޙްސާސްތައް އޭނަގެ ވަށައިގެން ބޯފާރެއްލަމުން ކަނުއަނދިރީގައި އޭނަ ބައްދަމުންދަނީއެވެ.
"މަންމާ، ކޮބާ ނެހާ" މަންހާއަށް ނެހާގެ އެއްވެސް ހިލަމެއްނުވާކަން އެނގުނީދެނެވެ.
"ދާއިން އުރާލައިގެން ސިޓިންރޫމުގަ އެބަހުރި، ނެހާ މަސަލަސްކުރެވުނީ ވަރަށް އިރުފަހުން، ވަރަށް ބޮޑަށް ރޮވިފަ އެމަންޖެއަށް ހުރީ...........ހަމަ ނަސީބެއް މަންމައަށް އާދެވުނުކަން، މިއަދު އެއްޗެއް ކައިފިންތައް" މޫމިނާގެ އޯގާތެރި ވާހަކަތަކުންނާއި ފިރުމުންތަކުން މަންހާގެ ލޮލަށް ޖަމާވި ކަރުނަވީ ގިނައެވެ. މިފަދަ ކޮންމެ ވަގުތެއްގައި އޭނަ ވަސީމާގެ މަތިން ހަނދާންކުރެއެވެ. އަދި ވަސީމާގެ ދުލުން ބޭރުކުރި ބަސްތަކުގެ ހަނދާން ނުފިލާ ހިތުގައި ބިންވަޅުނެގިފައިވެއެވެ. މަންހާ އެނދުން ފައިބައިގެން ނެހާ ހޯދުމަށް އަވަސްވެގަތީ މިހާރު އެކުއްޖާ ހުންނާނީ ބަނޑުހައިވެފައިކަން އެނގޭތީއެވެ. ނަމަވެސް ކޮޓަރިން ބޭރަށް ކޮރުޖަހަމުން ކަހަލަ ގޮތަކަށް މަންހާ ނުކުތްއިރު ސިޓިންރޫމުގައި އެކަކުވެސް ނެތެވެ.
"މަންމާ............ނެހާ.........." މަންހާ ކަންބޮޑުވިވަރުން ބުނެލެވުނެވެ. އެންމެ ފުރަތަމަވެސް ހިތަށް އެރީ ދާއިން ދަރިފުޅު ގޮވައިގެން ޒާރާގެ ގާތަށް ދިޔައީކަމަށެވެ. ލޮލުން ކަރުނައިގެ ތިއްކަކަށްފަހު ތިއްކެއް ކޯތާފަތުގައި ބީހެން ފެށީ މަންހާގެ އެއްވެސް އިޒުނައަކާއިނުލައެވެ.
"އިމީ، ގުޅާބަލަ ދާއިންއަށް، ގުޅާފަ އަހަރެންގެ އަތަށް ފޯނު ގެނޭ" މަންހާ މޫމިނާގެ އަތުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ދާއިން ފޯނު ނެގުމާއިއެކު މޫމިނާ ވާހަކަދައްކަންފެށިއެވެ. ނަސީބަކުން ދާއިން ހުރީ ޒާރާގެ ކައިރިއަކު ނޫނެވެ. އޭނަ ކާރުގައި މަގުތަކުގައި ދުއްވަނީއެވެ. މޫމިނާގެ ބުނުމަށް އޭނަ ގެއަށް އަނަން ހިޔާލުކުރިއެވެ. އޭރު ޖެހިގެން ހުރި ސީޓުގައި ނެހާ ކެރިއޭޖްގެތެރޭ ބެލްޓްއަޅުވާލެވިފައި އޮތެވެ. ދާއިން ލޯބިން ފުރިގެންވި ނަޒަރަކުން އެކުޑަދަރިފުޅަށް ބަލާލާފައި ނެހާގެ ކުޑަކުޑަ އަތްތިލާގައި ފިރުމާލިއެވެ.
ބޭރު ދޮރާދިމާލަށް ބަލަހައްޓައިގެން ކޮޓަރި ދޮރުމަތީ އެއްފައިމައްޗަށް ހުރި މަންހާއަށް ނެހާ އުރާލައިގެން ހުރެ އެބަޔަށް ވަތް ދާއިން ފެނުމާއިއެކު ދުއްވެފައި ގޮސް ދަރިފުޅު އަތުލަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނަގެ ރަނގަޅަށް ހަމައަށް އެޅެނީ އެންމެ ފައެއްކަން އިޙްސާސްވީ ކުރިއަށް ފިޔަވަޅެއް އަޅާލަން އުޅުނީމައެވެ. ދާއިންއަށް މަންހާގެ ބޭނުން އެނގުނީކަންނޭގެއެވެ. އޭނަ އައިގޮތަށް އައިސް އިމީގެ އަތަށް ދަރިފުޅު ދިނެވެ. އަދި އޭނަ އެތާކު މަޑެއްނުކުރިއެވެ. ނުކުންނަން އެނބުރިލިތަނާހެން މޫމިނާ ގޮވާލިއެވެ.
"ދާއިން..................މަންހާ މަންމަ އާއިއެކު ފޮނުވަންވީނު، އެކޮޅުގަ ދުވަސްކޮޅަކު މަޑުކޮއްލުން ރަނގަޅުކަމަށް މަންމައަށް ފެންނާތީ" މޫމިނާ ސޯފާއިން ތެދުވެ މަންހާގެ ގާތަށް ހިނގައިގަންނަމުން ބުނެލިއެވެ. އެވަގުތު އިމީ ނެހާ އުރާލައިގެން ހުރެ އޭނައަށް އެހީތެރިވުމަށް ގާތްވެލިއެވެ.
"އޭރުން ނެހާ.........." ދާއިން ހައިރާންވެފައި އަހާލިއެވެ.
"ނެހާ އާއި މަންހާ އާއި ދެމައިން ގޮވައިގެންނޭ މަންމަ ދާން މިވިސްނަނީ، ދެން ދުވަސްކޮޅަކުން ދަރިފުޅަށް އެމީހުންގެ ގާތަށް އާދެވިދާނެއެއްނު" މޫމިނާ ހަމަޖެހިލާފައި ވާހަކަދެއްކިއެވެ. އޭނަ މަންހާއަށް އިތުބާރު ކުރާފަދައިން އޭނަގެ ދަރިފުޅަށްވެސް އިތުބާރުކުރެއެވެ. އެހެނީ ދާއިންއަށް ޅައެއްޗެއް އެޅުނުކަމުގައި ވިޔަސް އޭނަ އެކަމާ ވިސްނާނެކަން ގައިމެވެ. އަދި ކަތިކޮށް އެޅުނު ފިޔަވަޅެއް ސީދާކޮށް ރަނގަޅު ކުރުމަށް އޭނަ މަސައްކަތްކުރާނެކަން މޫމިނާއަށް އެނގެއެވެ.
"މަންހާ އަހަރެން ދޫކޮށްލާފަ ދާންބޭނުންވަނީތަ" ކުއްލިއަކަށް ދާއިންގެ ޒަމީރު މަންހާ އާއި ސުވާލުކުރިއެވެ. އެހެންނަމަވެސް އެއަޑު އިވުނީ ހުދު ދާއިންގެ ދެކަންފަތަށެވެ. އެތަނުގައި ތިބި އެހެންމީހަކަށް އެއަޑެއްނީވެއެވެ.
"މިހާ ލަސްވީމަ، އެވެސް މިރެއަށް އަޅުގަނޑު ކިހިނެއް ޓިކެޓް ހަމަޖައްސާނީ...........މަންމަގެ ޑިކެޓްވެސް މިރޭ ނުގޮސް މަޑުކޮއްފިއްޔާ ކެންސަލްވާނެއެއްނު، އަޅުގަނޑަށް ފެންނަނީ މަންމަ މިރޭ ފުރަން، ދޮންބެމެންވެސް ތިބޭނީ މަންމަ ދާނެކަން އެނގޭތީ އެކަމަށް ތައްޔާރު ވެގެން، މަންހާ ދާން ބޭނުންނަމަ އަޅުގަޑު ދެން އިންނަ އެންމެ އަވަސް ފްލައިޓަކުން އެކޮޅަށް ފޮނުވާނަން، އެކަމަކު މަންމަ މިރޭ ފުރަންވާނެ..........މަންމަގެ ހާލަތު އިތުރު ދުވަހަކަށް މަޑުކުރާކަށް ތަނެއްނުދޭ" ދާއިން މޫމިނާގެ ހާލާމެދު ކަންބޮޑުވުން ފާޅުކުރިއެވެ. ދާއިންގެ ވާހަކަތައް އަޑުއަހަން ހުރި މަންހާގެ އަތަށް އިމީ ނެހާ ގެނެސްދިނުމާއިއެކު ނެހާގެ ގައިގާ ބާރަށް ބައްދާލިއެވެ. އޭނަ ހުރީ އެންމެ ފަހަރަކު ދާއިން އޭނަ ކައިރީ ނުދާށޭ ބުނާނެކަމަށެވެ. އޭނަ މަންހާއަށް ބޭނުންވާނެއޭ ބުނާނެ ކަމަށެވެ. އެހެންނަމަވެސް އިތުރަށް ހިތަށް ތަދުވުން ނޫންކަމެއްނުވިއެވެ. ދާއިންވެސް ބޭނުންވީ މަންހާ ދާން ހުރިއްޔާ ފޮނުވާލުމަށެވެ. މަންހާ އެގޮތެއް ބޭނުމެއްނޫނެވެ.
"މަންމާ، ދާއިން އެބުނަނީ ތެދެއް، މިވަގުތު މަންމަ ފުރުން އެހެން އެއްވެސް ކަމަކަށްވުރެވެސް މުހިއްމު، އަޅުގަނޑު ފަހުން ދާނަމޭ، އެކަމަކު މަންމައަށް ކަމެއްވެއްޖެއްޔާ މާދެރަވާނެ، ނެހާ ނިންދަވާލާފަ އަޅުގަނޑު މަންމަގެ ގާތަށް ދާނަން" މަންހާގެ ހިތުގައި ހުރިހާ ކަމެއް ފޮރުވާލަމުން ދިރިއުޅުމައިގެން ކުރިއަށް ދިއުމަށްޓަކައި ކުރިއަށް ފިޔަވަޅުއަޅާލިއެވެ. ހުރިހާ ކަމެއް އިހު ހުރިގޮތަށް ނުވާނެކަން ޔަގީންވެ ކަށަވަރުވާއިރުވެސްމެއެވެ.
"ދަރިފުޅު ގިނަ ދުވަހެއްނުވެ އަންނާނަން ދޯ، ދެން ބުނަން ތިފަޔާއެކީ މަންމަގެ ފޮށިތައްޔާރުކުރަން އަންނާނެކަމެއްނެއް، އަރާމުކޮއްލާ................ދާއިން، މަންހާގެ ފަޔަށް އެއުޅެނީ ވަރަށް ބޮޑަށް ތަދުވާތި އޭނަ ޑޮކްޓަރަށް ގެންދައްޗޭ" މޫމިނާ މަންހާ އާއި ދިމާލަށް އަތްދިއްކޮއްލަމުން ބުނެލިއެވެ. ދަރިފުޅު އުރައިގެން ހުރި މަންހާ އެއްއަތުން އަވަހަށް މޫމިނާގެ ގާތަށް ޖެހިލަމުން އޭނަގެ އަތުގައި ހިފާލިއެވެ. އަދި ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. މޫމިނާ އިމީ އާއިއެކު އެޕާޓްމެންޓުން ނުކުތުމަށް ހިނގައިގަތް ހިނދު ދާއިން މޫމިނާގެ ގާތަށް ޖެހިލާ މަންމައަށް އެހީތެރިކަމުގެ އަތެއް ފޯރުކޮއްދިނެވެ. މަންހާއަށް އެކަން ފާހަގަކުރެވުނީ ދާއިން ދެއްކި އުޒުރެއްގެ ގޮތުގައެވެ. އޭނަގެ ކުރިމަތީ މަޑުނުކުރުމަށްޓަކައެވެ. އޭނަ އާއި ދިމާލަށް ބަލާލުމަކީވެސް ދާއިންއަށް ބޮޑުކަމަށްވީ ހެއްޔެވެ. މޫމިނާ މަންހާގެ ފައިގާ ރިއްސާތީ އުޅޭވާހަކަ ބުނުމުންވެސް އެއްވެސް ސަމާލުކަމެއް ދާއިންގެ ފަރާތުން ނުފެނުނެވެ. އޭނައަށްޓަކައި ފުރާނަ ގުރުބާން ކުރަން ޖެހުނަސް ކުރާނެކަން އެނގޭއިރުވެސް ހެއްޔެވެ. މަންހާ ދާއިން އާއި މޫމިނާ ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުއްޓެވެ. ހުރިތަނުން ގުޑާލީވެސް ނެހާ ދެތިންފަހަރު ކުކުރާލުމަށްފަހު ރޯން އުޅޭހެން ހީވެގެންނެވެ.
ކްލިނިކަށް ޒައުލް ދިޔައީ އަވަހަށް އެތަނުން ނުކުންނާނަމޭ ހިތާއެވެ. އެހެންނަމަވެސް އެކަމެއް އޭނައަކަށް ނުވިއެވެ. ކުއްލިއަކަށް ވަރަށް ހާލު ބޮޑު ބަލިމީހަކު ގެނެސްގެން ވަގުތުން އޭނަގެ ކައިރިއަށް ޒައުލް ދާންޖެހުނެވެ. ހުރިހާ ކަމަކަށްވުރެވެސް އެވަގުތު އެކަން އޭނައަށް މުހިއްމެވެ. އޭނަ ބަލަމުންދާ ބަލިމީހުންނަކީވެސް އާދައިގެ ބައްޔެއްޖެހިފައިވާ ބައެއްނޫނެވެ. އެމީހުންނީ ޚާއްޞަ އަޅާލުން ދޭންޖެހޭ ބައެކެވެ. ވާހަކަދެއްކުމާއި އެމީހުންގެ ކައިރީ މުޅި މީހާގެ ހުރިހާ ހަރަކާތެއްވެސް ގެންގުޅެން ޖެހެނީ ނުހަނު ބަލައިގެންނެވެ. ބައެއްފަހަރަށް ވަރަށް ރިސްކީއެވެ. އަނެއްބައިފަހަރަށް އެމީހުންގެ ހާލުފެނި ހަމްދަރުދީ ހިތުގައި އުފެދެއެވެ. އެހެނީ އެފަދަ ކޮންމެ މީހަކީ ފަރުވާއާއިއެކު ރަނގަޅުކުރެވޭ ބަޔަކަށް ނުވާތީއެވެ.
ކޮޓަރިއަށް ވަތް ދާއިން ފެނުމާއިއެކު އެނދުގައި ޓީވީ ބަލަން އިން ޒާރާ ޓީވީ ނިއްވާލާފައި ދާއިން ކައިރީ ކޮންމެވެސް ވާހަކައެއް ދެއްކުމަށް އެނބުރިލިއެވެ. އެހިނދު ދާއިން އޭނަގެ އަތްތިލަ ޒާރާއަށް ދިއްކޮއްލަމުން އެއްވެސް އެއްޗެއް ނުބުނުމަށް އިޝާރާތުން އަންގާލިއެވެ. އަދި މަޑުމަޑުން ފާހާނާއަށް ވަދެ އެއްޗެހި ބަދަލުކުރަމުން ދިޔައީ ފިނިފެނުން ފެންވަރާލާ މީހާއަށް ފިނިކަމެއް އިޙްސާސްވޭތޯއެވެ.
ފެންވަރާލުމަށް ފާހާނާއަށް ވަތް މަންހާ ބިނލިގާގެ ކައިރިއަށް ޖެހިލާފައި އެތަނަށް އެޅިފައިހުރި އެއްޗެއް ބަލާލުމުގެ ބޭނުމުގަ ޓައިލްސްތަކުގައި އިނގިޖައްސާލުމަށްފަހު ނަގާ ވަސްބަލާލިއެވެ. އޭނައަށް ދުވީ ޝޭމްޕޫވަހެވެ. ދެން ހަނދާންވީ އޭނަ ފާހާނާއަށް ވަތްއިރުވެސް އެވަސް ދުވިކަމެވެ. އެހެންނަމަވެސް ޒާރާގެ ދޮންތަ ކުރިކަމެއްގެ ސަބަބުން އެކަމާ ހުރެ އެވަހަށް ސަމާލުކަމެއް ނުދެވުނު ކަމެވެ. މަންހާ ފާހާނާގެ ތެރެއަށް ފެންޖަހާލުމަށްފަހު ނެހާ އާމުކޮއްލާފައި އޮންނަ އުނދޯލިގެނެސް ފާހާނާގައި ބަހައްޓާލިއެވެ. އަދި ނެހާ އެއަށް ލުމަށްފަހު އޭނަވެސް އެއްޗެއްހި ބަދަލުކޮއްލައިގެން ބިލިނގާގެ ތެރެއަށް އެރި ހަށިގަނޑު ދަމާލިއެވެ. އޭނަ ހުރިހާ ކަމެއް ކުރަމުންދިޔައީ ކޮރުޖަހަމުންނެވެ. އެކަންވެސް ދާއިންއަށް ފާހަގަ ނުކުރެވުނީތާއެވެ. ތާފަނާކަން ހުރިފެނުގެތެރޭގައި ހަށިގަނޑު ދަމާލައިގެން ކަނދުރާ ބިލިނގާގަ ޖައްސާލައިގެން ސީލިންގްއަށް ބަލަހައްޓައިގެން މަންހާ އޮތްއިރު އޭނަ ވިސްނަމުންދިޔައީ ހިނގާދިޔަ ކަންތައްތަކާއިމެދުއެވެ. ޒާރާގެ ކޮންމެ ޕްލޭންއެއް އޭނައަށް ވަކިވަކިން ފެންނަންފެށިކަހަލައެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގެން ދިޔައީ ދާއިން އެހުރިހާ ކަމެއް އެހާ ފަސޭހައިން ގަބޫލުކުރީތީއެވެ. މަންހާ އެހެންއޮވެ ހިތްފުރެންދެން ރޯންބޭނުންވިޔެވެ. އެހެންނަމަވެސް މިއަދު އޭނަގެ އަމިއްލަ ދިރިއުޅުމާ ހިސާބުން ނިމޭކަށްނެތެވެ. މިއަދު އޭނަ އާއި އެތަށް ބައެއްގެ ދިރިއުޅުމާވަނީ ގުޅިފައެވެ. ނެހާ ނިދިއައިސްގެން އަތްފައި ހަލުވަމުން ކުކުރަނީއެވެ. އަނެއްކޮޅުން މޫމިނާ ފުރުމަށް އެހީތެރިވާން އޭނަ ހުންނަން އެބަޖެހެއެވެ. މިއަދު އޭނަ ދުނިޔައަށް އުފަންކުރި މަންމައަށްވުރެވެސް މޫމިނާ ހެވެ. އޭނައަށް އިތުބާރުކުރެއެވެ. އޭނަގެ އަމިއްލަ ދަރިއަކު ފަދައިން ލޯބިވެއެވެ. ދެޅީދަރިން ލިބިފައިވާއިރު އެކަކަށްވެސް ތަފާތުކުރާތަނެއް މަންހާ ނުދެކެއެވެ. އެއީ ހެޔޮލަފާ މަޔަކެވެ. މިއަދު މަންހާއަށް ލިބެމުންދިޔަ ކުޑަކުޑަ ހިތްވަރުވެސް ދިން މީހަކީ އެއީއެވެ. ދެލޯ ފޮހެލަމުން ތެދުވެ ހޭންޑްޝަވަރުން ގަޔަށް ފެންޖަހާލީ ބިލިނގާގެ ވަށައިގެންވާ ރަބަރު ދަމާލަމުންނެވެ. އެހެންނޫނީ ނެހާ އާއި ހަމައަށް ފެންތިއްކެއްހާ ހިސބުވެސް ބުރައިގެން ހިނގައިދާނެކަމަށެވެ. ނެހާ އޭނަގެ ލޮލާ ވަކި ކޮއްލާވަރަށްވުރެ އޭނަވަނީ ޒާރާދެކެ ބިރުގެންފައެވެ. ދެން އޭނަ ކުރާނީ ކީއްކަން އެނގޭތީއެވެ. އެދަރިފުޅު ކޮންމެ ގޮތަކުންވެސް އޭނަ އާއި ދުރުކޮއްލާނެކަން އޭނައަށް އެނގެނީއެވެ. ދާއިން ދެން ދުވަހަކުވެސް މަންހާ ދައްކާ ވާހަކައެއް ގަބޫލެއްނުކުރާނެއޭ އޭނަ ހިތަށްއެރިއެވެ. ވީއިރު ޝަކުވަކުރާނީވެސް ހަގީގަތް ހާމަކުރާނީވެސް ކާކުކައިރީހެއްޔެވެ. އެންމެ ކުޑަމިނުން އޭނަގެ ދިރިއުޅުމުން ވިޝާލްވެސް ދިޔައީއެވެ. ދާން މަޖުބޫރުކުރުވީއެވެ. ހުދު މަންހާއެވެ. ދެލޯ މަރާލައިގެން ބަންދުކޮއްލި ހޭންޑް ޝަވަރު އެއްއަތުން އެލުވާލިގޮތަށް ފާރުގައިޖަހާފައިވާ ޓައިލްސްތަކުގައި މަޑުމަޑުން ނިތްޖައްސާލެވުނެވެ.
"ދެން ދުވަހަކުވެސް ވިޝާލް ނާންނާނަންތަ، ދެން ދުވަހަކުވެސް ނާންނާނަނަތަ" މަންހާއަށް މަޑުމަޑުން ބުނެލެވުނެވެ.
ބިލިގާނގައި އެއްފައިކުރުކޮއްލައިގެން އަރިމަތީ އަތްއަޅުވާލައިގެން ދެލޯވެސް މަރާލައިގެން އޮތް ދާއިންގެ އަނެއްއަތްވަނީ ނިތުގައި ބާއްވާލެވިފައެވެ. އެހެންއޮތްއިރު ތަކުރާރުވަމުންދަނީ ހަމައެންމެ މަންޒަރެކެވެ. މަންހާގެ ހާމަވެފައިވާ ދެފަޔެވެ. ވިޝާލް މަންހާގެ ގައިގާ ހިފަހައްޓާލައިގެން ގުދުވެލައިގެން އޮތް ގޮތެވެ. އޭނަގެ ހިތުގެ ރިހުން އިތުރުވެފައިވެއެވެ. ދާއިން ފާހާނާގައި ގިނައިރުވުމުން ޒާރާ އައިސް ދޮރުގައި ޓަކި ޖަހާލާފައި ގޮވާލިއެވެ. އަދި ދޮރުގެ ތަޅުގައި ހިފާލީ ދާއިން އަބަދުވެސް ފާހާނާ ދޮރު ހުޅުވާފައި ބަހައްޓާތީއެވެ. ނަމަވެސް މިފަހަރު ދާއިން އެވަނީ ދޮރުތަޅުލާފައެވެ. ދާއިން ޒާރާއަށް އެއްވެސް ޖަވާބެއްނުދީ ގުޑާވެސް ނުލާ އޭނަ އޮތްގޮތަށް އޮތީއެވެ.
ނެހާ ނިދުމާއިއެކު މަންހާ ބޭބީ މޮނީޓަރ ހިފައިގެން މޫމިނާގެ ބަޔަށް ދިޔައެވެ. ފައިގައި ބާރުކޮއް ބެންޑޭޖެއް އޮޅާލައިގެންނެވެ. އެހެންހެދުމުން ކުރިއަށްވުރެ ބޮޑަށް ފައިއެޅެއެވެ. އަދި މޫމިނާ ހިތްހަމަޖެހޭގޮތަށް ހުރިހާ ސާމާނެއް ޕެކުކޮށް ފޮއްޓަށް އަޅައިދިނެވެ.
"ދަރިފުޅު ތިހާލުގަތިއައީ ކީއްކުރަންތަ؟" މޫމިނާ ބުންޏެވެ.
"މީއެވަރު ކަމެއްނޫނޭ.............މިހާރަކު އެހާ ތަދެއްވެސް ނުވޭ" މަންހާ ދޮގެއް ހަދާލިއެވެ. ހަގީގަތުގައި ބާރުކޮއް ބެންޑޭޖު އޮޅާލުމުގެ ސަބަބުން ފައިހުރީ އައްސިވާގޮތްވެފައެވެ.
"މިފަދަ ވަގުތެއްގަ ދާންޖެހޭތީ މަންމަ ވަރަށް ކަންބޮޑުވޭ، ޚާއްޞަކޮށް ދަރިފުޅާ ދޭތެރޭ، މަންމައަށް އެނގޭ މަންހާ ނުބުނާނެކަން އެއްވެސް އެއްޗެއް، މައްސަލަ ޖެހޭފަދަ ކަމެއްވެސް ނުކުރާނެކަން، އެކަމަކު ޒާރާއަކީ ވަރަށް ތަފާތު ހިޔާލުތަކެއް ލިބިފައިވާ އަންހެނެއް، ދާއިން............." މޫމިނާ ދާއިންގެ ނަންބުނެލާފަ ހުއްޓާލިއެވެ. އަދި ހަށިފުރާފުންނޭވާއެއްލިއެވެ.
"މަންމަ އެއްވެސް ކަމަކާ ނުވިސްނަބަލަ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވެދާނެ، ދާއިންއަށް ހީވެގެން އެއުޅެނީ އެއްވެސް ހަގީގަތެއްނެއް ހީވުމެއްކަން ދެން ގިނަދުވަހެއްނެތި އެނގިދާނެ...........މަންމާ، އަދި އިތުރު އެއްޗެއް ފޮއްޓަށް ލާނެތަ" މަންހާ މޫމިނާގެ ހިތްހަމަޖައްސާދޭން މަސައްކަތްކުރިއެވެ. އެކަމަށްވަކި އެއްޗެއް ނުބުނި ކަމުގައިވިޔަސް މޫމިނާ ފުރައިގެން ދިއުމުން ކަންތައްވެދާނެ ގޮތަކާއިމެދު އޭނަ އޭނީ ކަންބޮޑުވެފައެވެ. އެހާވަރުން އޭނަ އާއިއެކު މަންހާ ގެންދަން ބޭނުންވަނީވެސް އެހެންވެއެވެ. ފަހަރެއްގައިވެސް ދާއިން އާއި މަންހާ ވަކިވާފަދަ ފިޔަވަޅެއް އަޅާކަށް މޫމިނާ ބޭނުމެއްނޫނެވެ.
ރޭގަނޑު ނުވައެއްޖެހިއިރު ދާއިން ހުރީ މޫމިނާ ގޮވައިގެން އެއާރޕޯޓްގައެވެ. މަންހާ އޭނަގެ އެޕާޓްމެންޓުގެ ބޭރު ދޮރުތަޅުލުމަށްފަހު ކޮޓަރި ދޮރުވެސް ތަޅުލައި އެނދަށް އަރާއިނެވެ. ދެފައި ދަމާލައިގެން ފައިގާ އޮޅާލެވިފައިވާ ބެންޑޭޖު ކުޑަކޮށް ދޫކޮއްލައިގެންނެވެ. ފައިގައި ވަރަށް ރިއްސާކަން މަންހާގެ މޫނުމަތިން ފާޅުވަމުންދިޔައެވެ. އޭނަ ކޮޓަރިއަށް އައިފަހުން ދާއިންގެ އެއްވެސް ހަބަރެއްނުވިއެވެ. ފައިގައި ރިހޭވަރުން އެންމެފަހުން މަންހާ އަމިއްލައަށް ހޫނުފެންފޮދަކުން ފައިބޮނޑިތާންކޮއްލީ ފަޔަށް އަރަމުންއަންނަ ދުޅަމަޑުކުރުމަށެވެ. އޭނަގެ އަތުގައި ޕެއިންކިލާސްފަދަ ތަދުކަނޑުވަން ކާކަހަލަގެ ބޭހެއްނުހުރެއެވެ. ދާއިންއަށް ގުޅަން ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. އެހެންނަމަވެސް ނުކެރުނީ ދާއިން އޭނަގެ ފައިގާ ރިއްސާކަން އެނގޭއިރުވެސް ޚަބަރު ބަލާލަން ނައީމައެވެ. ވާތަދުގެ ސަބަބުން މަންހާގެ ބުއްދިއަށްވެސް ގޮތްގޮތްވާހެން އޭނައަށް ހީވާންފެށިއެވެ. ނިދީގެ އަސަރު ލޮލުން ފިލާފައިވާ މަންހާ އިރުއިރުކޮޅާ ސިއްސައިގެން ދަނީއެވެ. ހީވަނީ ދެންމެ ދެންމެ މީހަކު ދޮރުހުޅުވާލާފައި ވަދެފާނެހެންނެވެ. އެކަން ބޮޑުވެގެން އެންމެ ފަހުން މުޅި ކޮޓަރި ހުދުއަލިން ދިއްލާލުމަށްފަހު ޓީވީވެސް ހުޅުވާލީ ކޮޓަރީގެ ހިމޭންކަން ކަނޑާލުމަށެވެ.
ޖެހިގެން އައިދުވަހެވެ. ރޭހަތަރުދަމު މަންހާ އިނީ ލޮލުފިޔަޖަހާނުލައެވެ. އޭނަގެ ސިކުނޑި އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތްކުރަނީއެވެ. އެއްކަމެއް ނެތިއްޔާ އަނެއްކަމަކާމެދު ވިސްނުން ހިންގައެވެ. ދުޅަވެފައި އޮތް ފަޔާއިއެކު އިރުއިރުކޮޅާ ނެހާގެ ކޮޓަރި ބަލާލައެވެ. އޭނައަށް ހީވަނީ ނެހާ ރޯހެންނެވެ. އެކަމަކު ގޮސް ބަލާލާއިރު ނެހާ އޮންނަނީ ނިދާފައެވެ. އަނެއްކޮޅުން ނެހާއަކި އެހާވަރަށް ރޯކުއްޖެއްނޫނެވެ. ކަމެއްބޭނުން ނުވަންޏާ އެއްގޮތަކަށްވެސް ނުރޯނެއެވެ. ކަރުހިއްކައިގަނެގެން އައިސްއަލަމާރި ކައިރިއަށް ގޮސް ފެންފުޅުނަގާފަ ތައްޓަށް ފެންއެޅުމަށްފަހުވެސް މަންހާ ފެންނުބޮއެ ކޮޓަރިއަށް އެބައާދެއެވެ. އަދި ކޮޓަރީގައި ޓީވީ ބަލަން އިނދެފައި އަނެއްކާ ފެންނުބޮއެކަން އާދެވުނީ ހަނދާންވެގެން ގޮސް އަލުން ފެންތައްޓެއް އަޅައިގެން އޭނަ ބޮއެވެ. ހެނދުނު ސައިބޯން ޖެހޭކަމެއްވެސް އޭނަ ހަނދާން ހުރިހެނެއް ހިއެއްނުވެއެވެ. ކޮރުޖަހަމުން އުޅޭއިރު މިހާރު އޭނައަށް އެހެން އުޅެން އުނދަގޫހެނެއްވެސް ހިއެއްނުވެއެވެ.
"އެވްރިތިންގްސް ގޮނާ ބީ އޯކޭ........އެވްރިތިންގްސް ގޮނާ ބީ އޯކޭ.........އައެމް ހިއަރ ބޭބީ.........އައެމް ހިއަރ ބޭބީ..........." އަބަދު މަންހާ ހުންނަނީ މިހެން ކިޔާލަ ކިޔާލައެވެ. އަނެއްކާވެސް ނެހާ ރޯއަޑުއިވުނުހެން ހީވެގެން ނެހާގެ ކޮޓަރި ބަލާލާފައި އައިސް އެނދުގައި އިށީނދެގެން މަންހާއިނެވެ. ކީއްވެކަމެއްނޭގެއެވެ. ކުއްލިއަކަށް އޭނަ ހަޅޭލަވައިގަތެވެ. އޭނައަށް ހީވީ މީހަކު ކުއްލިއަކަށް ކޮޓަރި ދުރުހުޅުވާލިހެންނެވެ. ނޭގޭބާރު މިނެއްގައި ހިތްތެޅެމުންދިޔައެވެ. އަމިއްލައަށް ވިސްނެންފެށުނެވެ.
"އަހަންނަށް ކިހިނެއްތަމިވަނީ، އަހަންނަށް ކިހިނެއްތަ މިވަނީ، ދާއިން ކޮބާތަ، އަހަރެން ބިރުގަންނަނީ ކޮންކަމަކާތަ........ނެހާ.........." މަންހާ އެކަނިމާ އެކަނި ވާހަކަދައްކަނިކޮށް ކުއްލިއަކަށް ދޮރުހުޅުވާލީ އިމީއެވެ. މިފަހަރުވެސް މަންހާ ހަޅޭލަވައިގަތެވެ. އެއާއިއެކު ނިދިފައި އޮތް ނެހާވެސް ސިހިފައި ރޯންފެށިއަޑުއިވިގެންދިޔައެވެ.
"މަންހާ.......އިމީއޭ..............ސައިބޯން ނާންނާތީ މިއައީ ބަލާ..........އެކަމަކު ހާދަވަރަކަށޭ ތިސިހުނީ" ސިހިގެންދިޔަ އިމީއަށް ބުނެލެވުނެވެ.
"ނެހާ ރޯއަޑު އިމީއަށް އިވޭތަ؟" މަންހާ އަހާލިއެވެ.
"އާން.....ބޭބީގެ އަޑު މިހިސާބަށްވެސް އިވޭނު" އިމީ ހައިރާންކަމާއިއެކު ހިނިއައިސްފައި ބުނެލިއެވެ. އެހެންނަމަވެސް މަންހާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އޭނަ އެނދުން ފައިބައިގެން ކޮރުޖަހަމުން ނެހާގެ ކޮޓަރިއަށްދިޔައެވެ. އިމީއަށް މިމަންޒަރު ފެނި މަންހާގެ ފަހަތުން ގޮސް ހުއްޓުވިއެވެ.
"ދައްކަބަލަ ފައި...........މައި ގޯޑް.........." އިމީ މަންހާ ރޭ ނިދަން ލައިގެން ހުރި ހަރުވާޅުގެ ފައިކުރި ހިއްލާލަމުން ބަލާލިއެވެ.
"އެވްރިތިންގްސް ގޮނާ ބީ އޯކޭ..........އެވްރިތިންގްސް ގޮނާބީ އޯކޭ........." މަންހާއަށް މާބޮޑުކަމަކަށް އޭނަގެ ފައިނުވިއެވެ. އަދި މިހެން ބުނެލަމުން ކޮރުޖަހަމުން ގޮސް ކުޑައެނދުގައި އޮތް ދަރިފުޅު ނަގާ ނާނަ ކިޔާލައިފިއެވެ. މަންހާ އުރާލުމާއިއެކުހެން ނެހާ ވަރަށް އަވަހަށް ހުއްޓާލާ އަރާމުނިދީގެ ތެރެއަށް އެނބުރި ހިނގައްޖެއެވެ. ހިނިތުންވެލާފައި މަންހާ ކުޑައެނދުގައި ކުރިންވެސް ނެހާ އޮތްގޮތަށް ބާއްވާލާފައި ފަހަތަށް އެނބުރުނުއިރު އިމީ ހުރިތަން ފެނުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ.
"އިމީ.........ކޮންއިރަކު އައީ.........ކިހިނެއްވީ" މަންހާ ވާހަކަދައްކި ގޮތުން ހީވީ އޭނަ އާއި އިމީ ބައްދަލުވީ ދާދި ދެންމެއަކު ހެނެވެ. އިމީއަށް ހައިރާންކަމާއިއެކު މަންހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
"އަރ ޔޫ އޯކޭ ގާލް.........." އިމީގެ ކައިރިއަށް މަންހާ އައުމުން އަހާލިއެވެ. އަދި މަންހާގެ ކޮނޑުގައި ހިފަހައްޓާލީ އޭނަގެ ފަޔަށް އެވަރުވެފައިވާއިރު އެހީތެރިކަމެއް ފޯރުކޮއްދިނުމުގެ ގޮތުންނެވެ. ނަމަވެސް މަންހާ ވަރަށް އަވަހަށް އިމީގެ އަތްފޮޅުވާލިއެވެ.
"އިމީ، ކީއްތަ ތިކުރަނީ..........އައި އެމް ފައިންއޭ.......އެނގޭތަ އަހަރެންގެ ފައި މިއުޅެނީ ދުޅަވެގެން ވަރަށް ރިއްސާ............ދައްކާލަންތައް، އަހަންނަށް ހީވަނީ ޑޮކްޓަރަށް ދައްކަން ދާންވީ ކަންނޭގެ ދޯ...........ބަލާބަލަ" މަންހާ އޭނަ ލައިގެން ހުރި ހަރުވާޅުގެ ފައިކުރި ހިއްލާލަމުން ދައްކާލިއެވެ.
"ހޫމް........ސައިބޮއެގެން ދަމާ، ދެމީހުން ދާނީ ދޯ" އިމީ ބުނެލިއެވެ. އޭނައަށް މަންހާއަށް ކޮންމެވެސް ކަމެއްވެއްޖެހެން ހީވިހީވުމަކީ ގޯހެއްބާއޭ ހިތަށްއެރިއެވެ. މިހާރު މަންހާ އެވާހަކަދައްކަނީ މަންހާ އަބަދުވެސް އޭނަ އާއި ވާހަކަދައްކާ ގޮތަށެވެ. މިހާރަކު ތަފާތުކަމެއް ފާހަގައެއް ނުކުރެވެއެވެ. އެހެންނަމަވެސް އެހެންހުރެފަ ދޭތެރެއަކުން އަމިއްލައަށް ކޮންމެވެސް އެއްޗެކޭ ބުނެލައެވެ.
(ނުނިމޭ)