އަބްދުﷲ ޝާހިދު

ދަތުރުތަކަށް ހަރަދުވީ ހަތް މިލިއަން، ނަތީޖާ ކާމިޔާބު: ޝާހިދު

ފޮރިން މިނިސްޓްރީން މި އަހަރުގެ މިހާތަނަށް ކުރި ދަތުރުތަކަށް ހަރަދު ކޮށްފައި ވަނީ ހަތް މިލިއަން ރުފިޔާ ކަމަށާއި ފޮރިން މިނިސްޓްރީގެ ދަތުރުތަކުން ލިބުނު ނަތީޖާ ވަރަށް ކާމިޔާބު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީއާ ޝާހިދު ހަވާލުވެވަޑައިގެންނެވި ފަހުން އޭނާ ގެންދަވަނީ ބޭރުގެ ގައުމުތަކަށް ގިނަ އަދަދެއްގެ ދަތުރުތައް ކުރައްވަމުންނެވެ. ޝާހިދުގެ ދަތުރުފުޅުތަކުން އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް ދަނީ އަމާޒުވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މި ސަރުކާރުން ކުރާ ހަރަދުތައް ކޮންމެ ހަފުތާއަކު އާންމު ކުރަމުންދާ ކަމަށާއި ސަރުކާރުގެ ދަތުރުތަކަށް ކުރަމުންދާ ހަރަދުތައް ވެސް އާންމު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން ފޮރިން މިނިސްޓްރީގެ ބަޖެޓުން 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މިދިޔަ އަހަރު އެކަނި ވެސް ފޮރިން މިނިސްޓްރީގެ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހޯދި 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ، މި ސަރުކާރުން ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ހުޅުވާލެވިފައިވާ ސަރުކާރެއް، މި ސަރުކާރުން ފޮރުވާނެ އެއްޗެއް ނޯންނާނެ، މި ސަރުކާރުން ދަތުރުތައް ކުރާ ކަން ވެސް އެނގެނީ އެ ދަތުރުތައް، ކުރާ ބައްދަލުވުންތައް، ލިބޭ ފައިސާގެ އަދަދު، މި މައުލޫމާތުތައް ހާމަކުރަމުންދާތީވެ،" ޝާހިދު ވިދާޅުވި އެވެ.

ބޭރުގެ އެހީތަކުން ސަރުކާރަށް ލިބުނު 1.9 ބިލިއަން ރުފިޔާ ކޮބައިތޯ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވުމުން ޝާހިދު ވިދާޅުވީ ބޭރުގެ ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ލިބޭ އެހީގެ ފައިސާތައް ދައުލަތުގެ ހާޒާނާގައި ހުންނާނެ ކަމަށެވެ. އެ ފައިސާއިން ކުރެވޭ ހަރަދުތައް ފިނޭންސް މިނިސްޓްރީން ހާމަކުރާ މައުލޫމާތުން އެނގިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދުގެ ދަތުރުތަކުގެ ތަފުސީލުތައް ހާމަކުރެއްވި

ޝާހިދު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން 19 ގައުމަކަށް ރަސްމީ ދަތުރު ކުރެއްވި ކަމަށެވެ. އެ ގޮތުން މިހާތަނަށް ހަތް ގައުމެއްގެ ރައީސުންނާއި ހަ ގައުމެއްގެ ބޮޑު ވަޒީރުންނާއި 33 ގައުމެއްގެ ފޮރިން މިނިސްޓަރުންގެ އިތުރުން 48 ގައުމެއްގެ ސަފީރުންނާ ބައްދަލު ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަފާތު ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައްދަލުކޮށް ރާއްޖޭގެ މިއަދުގެ ސަރުކާރާއި ރައްޔިތުންގެ އެދުންތައް، ރާއްޖެ ބޭނުންވާ ހައްގު ޝަރަފާއި އިހްތިރާމާއި ގަދަރު ހޯދުމަށް ވާނީ މަސައްކަތްކޮށްފައި، އެއީ މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ ދަތުރުތަކުގެ ނަތީޖާއެއްގެ ގޮތުން ދާދި ފަހުން ރާއްޖޭގައި ބޭއްވި ޕާޓްނާޝިޕް ފޯރަމަށް 35 ގައުމެއްގެ މަންދޫބުންނާއި 28 ޖަމިއްޔާއެއްގެ މަންދޫބުން ވަޑައިގެންނެވި ކަމަށެވެ. އަދި އަންނަ މަހު އީޔޫގެ ނައިބު ރައީސް ފްރޭންސް ޓިމަމެންސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ އީޔޫގެ އެފަދަ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށް ޝާހިދު ވިދާޅުވި އެވެ.