އަބްދުﷲ ޝާހިދު

ގަތަރާއި އިރާނާއެކު ގުޅުން ގާއިމުވާނެ ތާރީހެއް އަދި ނޭނގޭ: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގުޅުން ކަނޑާލި ގަތަރާއި އެހެން ގައުމުތަކާއި އަލުން ގުޅުން ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ގުޅުން ގާއިމު ކުރެވޭނެ ތާރީހެއް ދަންނަވަން އަދި ދަތިފުޅު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ގަތަރާއެކު އަލުން ގުޅުން ގާއިމު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ގުޅުން ކަނޑާލި ހުރިހާ ގައުމަކާއެކު ވެސް އަލުން ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ކަމަށްޓަކައި ބައްދަލު ކުރަން ޖެހޭ ފަރާތްތަކާއެކު ބައްދަލު ކުރަމުން ގެންދަވާ ކަމަށެވެ.

"ކުރީ ސަރުކާރުން ކަނޑާލާފައިވާ ގުޅުންތައް މި ސަރުކާރަށް ޖެހިފައި މިވަނީ އަލުން ގާއިމު ކުރަން، އެއީ އަޅުގަނޑުމެން ކިތަންމެ ބޭނުންވިޔަސް، ވަގުތު ނަގާނެ ކަމެއް، މި ސަރުކާރުން މަސައްކަތް މި ކުރަނީ ގަތަރާއެކު ވެސް، އަދި ހުރިހާ ގައުމަކާއެކު ވެސް ގުޅުން ބާއްވަން،" ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އިރާނާއެކު ގުޅުން ކަނޑާލާފައިވާތީ އެ ގައުމާ ގުޅުން ބަދަހި ކުރަން ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ. ނަމަވެސް ގަތަރާއި އިރާނާއެކު ގުޅުން ބަދަހި ކުރެވޭނެ ސީދާ ތާރީހެއް ދަންނަވަން ދަތިފުޅު ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ޖޫން ކުރިން ކޮމަންވެލްތާ ގުޅުން ގާއިމު ކުރަން މަސައްކަތް ކުރަނީ

ކޮމަންވެލްތާ އަލުން ގުޅެން ރައީސް އިބްރާހިމް މުހައްމަދު ސޯޅިހް ވެރިކަމާ ހަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ނިންމި އެވެ. އަދި ކޮމަންވެލްތާއެކު އަލުން ގުޅުން ގާއިމު ކުރަން މިދިޔަ ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ވެސް ދީފަ އެވެ.

ކޮމަންވެލްތާ ގުޅުން ބަދަހިވާނެ ތާރީހާ ގުޅޭ ގޮތުން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ ޖޫން މަހު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ޖަލްސާގެ ކުރިން ދިވެހިރާއްޖެ ކޮމަންވެލްތްގެ ފުރިހަމަ މެންބަރަކަށް ވުމަށެވެ.

ޝާހިދު ވިދާޅުވީ ކޮމަންވެލްތާ އަލުން ގުޅުން ގާއިމު ކުރުމުން ދަރިވަރިންނަށް ބޭނުންވާ ސްކޮލާޝިޕްތަކާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮމަންވެލްތްގެ ޕާލިމެންޓްރީ އެސޯސިއޭޝަންގައި ބައިވެރިވެވަޑައިގެން މަޖިލީހަށް ވެސް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމީ މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 16، 2013 ގަ އެވެ.