ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުން، އަންނަ ބުދަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މިނިސްޓަރު ޝާހިދާ ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލު އަންނަ ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.
ފޮރިން މިނިސްޓަރު ޝާހިދާ ސުވާލު ކުރައްވަން ހުށަހެޅުއްވީ ރާއްޖެއިން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރާއެކު އަލުން ގުޅުން ގާއިމު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަކުގެ ފަހުގެ މައުލޫމާތުތަކާ ގުޅޭ ގޮތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މެންބަރަކު ވަޒީރަކާ ސުވާލު ކުރައްވަން ހުށަހަޅުއްވާ ދުވަހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުލައި އެ ވަޒީރަކަށް މަޖިލީހުގެ އިދާރާއިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ. ނަމަވެސް ޝާހިދަށް ފޮނުވި 14 ދުވަހުގެ ނޯޓިސް ވަނީ ހަމަވެފަ އެވެ.
އަމީންއާންމު ނިއުޝާ މިއަދު ވިދާޅުވި ގޮތުގައި މިނިސްޓަރަށް ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވެވަޑައިނުގަނެވުނީ މިނިސްޓަރު މާލެއިން ބޭރުގައި އުޅުއްވާތީއާއި މިނިސްޓަރުގެ ޝެޑިއުލްގެ ކަންކަން ހުންނެވި ގޮތުންނެވެ.
މިނިސްޓަރު ޝާހިދުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރު ކުރަން ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. ނަމަވެސް މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާތަކުގައި އެ ދެ މިނިސްޓަރުން ހާޒިރު ކުރުން ވެސް އެޖެންޑާ ކުރެވިގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މިނިސްޓަރު އައިޝާއާއި މިނިސްޓަރު އިމްރާން ހާޒިރުކޮށް ސުވާލު ކުރައްވަން ހުށަހެޅުއްވީ ވެސް މެންބަރު ޖާބިރެވެ. އެ ގޮތުން މިނިސްޓަރު އައިޝާއާ ސުވާލު ކުރައްވަން ހުށަހެޅުއްވީ މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ނުހޯދައި ޕާކިން ސްޓިކާ ޖަހާ މައްސަލައާ ގުޅޭ ގޮތުންނެވެ. އަދި މިނިސްޓަރު އިމްރާނާ ސުވާލު ކުރައްވަން ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިއިރު ހިނގި ފަދަ ހަމަނުޖެހުންތަކެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.