ސްޓެލްކޯ

ރަން މެޑަލް ހޯދި އެތުލީޓުންނަށް ސްޓެލްކޯގެ އެހީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން ވަނަތައް ކާމިޔާބު ކުރި، ފަސް ކުޅުންތެރިންނަށް ސްޓެލްކޯއިން އެއް އަހަރު ދުވަހުގެ ފުލް އެޓަޔާ ސްޕޮންސާކޮށް ދޭން ނިންމައިފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގޭމްސްގައި ބައިވެރިވި ކުދިންނަށް އެ ކުންފުނީގެ ފަރާތުން ރަތް ދޫލައިން މަރުހަބާއެއް ކިޔެވެ. މަރުހަބާއަށް ފަހު ގޯލްޑް މެޑަލިސްޓުންނަށް އެމީހުންގެ ފުލް އެޓަޔާ ސްޕޮންސާ ކޮށްދޭން ނިންމާފައިވާ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އިއުލާން ކޮށްދެއްވި އެވެ.

"އަބަދުވެސް ސްޓެލްކޯ އަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ މިކަހަލަ ކާމިޔާބީތަކުގެ އުފަލުގައި ބައިވެރިވާ ކުންފުންޏެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ދިނުމަށް ނުވަތަ އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމަށް. މިގޮތުން އެއް އަހަރު ދުވަހަށް ގޯލްޑް މެޑަލިސްޓުންނަށް އެޓަޔާ ސްޓެލްކޯ އިން ސްޕޮންސާ ކޮށްދޭން ހަމަޖައްސައިފިން" އެމްޑީ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ގޭމްސް މުބާރާތަށް ތައްޔާރުވުމަށް ސަރުކާރުގެ އިސްވެރިންނާއި އޮލިމްޕިކް ކޮމިޓީ އަދި ސްޓެލްކޯ ގުޅިގެން ކުޅިވަރުގެ ދާއިރާއަށް ދެވެން އޮތް އެހީތައް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.

މި އަހަރުގެ އައިއޯއައިޖީ ގޭމްސްގައި ރާއްޖެއިން ވަނީ 15 މެޑަލް ހޯދާފަ އެވެ.