އައިއޯއައިޖީ

2023 ގެ ގޭމްސް މަޑަގަސްކަރައަށް ބަދަލު ކޮށްފި

ކުރިން ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2023 ގެ ކުޅިވަރު މުބާރާތް، މަޑަގަސްކަރަ އަށް ބަދަލު ކުރުމަށް ގޭމްސްގެ ކައުންސިލުން ނިންމައިފި އެވެ.

ގޭމްސްގެ ކައުންސިލުން މިރޭ އޮގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތި ވެފައިވާ ހާލަތުގެ ސަބަބުން ގޭމްސްއަށް ތައްޔާރުވުމަށް ކުރިމަތިވި ގޮންޖެހުންތަކަށް ރިއާޔަތް ކުރުމަށް ފަހު ގޭމްސް 2025 އަށް ލަސްކޮށް ދިނުމަށް ރާއްޖެއިން ހުށަހެޅުމުން އެކަމާ މަޝްވަރާ ކުރުމަށް ފަހު އެވެ. ބައްދަލުވުމުގައި މަޑަގަސްކަރައިން ހުށަހެޅީ އެ ގައުމުން 2023 ގެ ގޭމްސް ބާއްވަން ތައްޔާރަށް އޮތް ކަމަށެވެ.

ކޮންފަރެންސް މެދުވެރިކޮށް މިރޭ ކުރިއަށް ގެންދިޔަ ބައްދަލު ވުމުގައި ރާއްޖެ ތަމްސީލު ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހިމް އަދި އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް އެވެ.

"ރާއްޖޭގެ ފަރާތުން ހުށަހެޅީ ގޭމްސް 2025 އަށް ލަސްކޮށް ދިނުމަށް މަޑަގަސްކަރައިން ހުށަހެޅީ 2023 ގެ ގޭމްސް އެ ގައުމުގައި ބާއްވި ދާނެ ކަމަށް،" މީގެ ކުރިން ދެ ފަހަރަށް ގޭމްސް ހޯސްޓް ކުރި މަޑަގަސްކަރައިގެ ހުށަހެޅުމާ ބެހޭގޮތުން މަރުޒޫގް ވިދާޅުވި އެވެ. "މަޑަގަސްކަރައިން ހުށަހެޅީމަ ގޭމްސްގެ ކޮމިޓީން ވޯޓް ނަގައިގެން ފާސް ވުމުން ނިންމީ އެ ގައުމަށް ގޭމްސް ބަދަލު ކުރުމަށް."

މަރުޒްގް ވިދާޅުވި، މަޑަގަސްކަރައަށް ގޭމްސް ބަދަލު ކުރުމާމެދު ފެންނަ ކަމަށް ފާސް ވީ ފަސް ގައުމުން ވޯޓު ދިނުމުން ކަމަށެވެ. އަދި ނުފެންނަށް ކަމަށް ވޯޓް ދީފައިވަނީ ދެ ގައުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ގޭމްސް 2023 ގައި ބާއްވަން މިދިޔަ އަހަރު ރާއްޖެއިން ބިޑް ކުރިއިރު ރާއްޖޭގެ ބީޑާ އެންމެ ގާތުން އޭރު ވާދަ ކުރީ މަޑަގަސްކަރައިން ހުށަހެޅި ބިޑެވެ.

މަރުޒޫގް އިތުރަށް ވިދާޅުވީ، 2027 ގެ ގޭމްސް ބާއްވަން ރާއްޖެއަށް ފުރުސަތު ދިނުމާމެދު މެންބަރު ގައުމުތަކުން މަޝްވަރާ ކުރި ކަމަށެވެ.

"މަޑަގަސްކަރަ އަށް 2023 ގެ ގޭމްސް ބާއްވަން ފުރުސަތު ދޭން ފާސް ކުރުމަށް ފަހު މެންބަރު ގައުމުތަކުން ފާހަގަ ކުރި 2027 ގޭމްސް ބާއްވަން ރާއްޖެއަށް ފުރުސަތު ދިނުމާމެދު،" މަރުޒޫގް ވިދާޅުވި އެވެ. "އެހެންނަމަވެސް 2027 ގެ ގޭމްސްއަކީ މިރޭގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަމަކަށް ނުވާތީ އެކަމަކާ ބެހޭގޮތުން ނިންމުމެއް ނުނިންމާ. ފެބްރުއަރީ 15 ގައި އަނެއްކާވެސް ބައްދަލުވުމެއް އޮންނާނެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އެކަމަށް ފުރުސަތު ލިބޭނެ."

މަޑަގަސްކަރައިން ވަނީ މީގެ ކުރިން 1990 އަދި 2007 ގެ ގޭމްސް ހޯސްޓް ކޮށްފަ އެވެ.